ދީން އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - (3)

އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - (3)

އިސްލާމްދީނުގައި އިންސާނީ ޙައްގުތައް - (3)

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ހަތަރުވަނައީ: ދީނީ މިނިވަންކަން

ސޫރަތުލް ބަގަރާގެ 255 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لا إِكْرَاهَ فِى ٱلدّينِ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَيّ) މާނައަކީ: "އެއްވެސް މީހަކު ދީނަށްވެއްދުމަށް ޓަކައި މަޖްބޫރުކުރުވުމެއް ނެތެވެ. ރަގަޅުގޮތާއި ނުރަގަޅުގޮތް ބަޔާންވެއްޖެއެވެ".
ނަމަވެސް މީގެ މާނައަކީ ކުރިން މުސްލިމަކަށް ހުރި މީހަކު ދީންދޫކޮށް މުރްތައްދުވުން ހުއްދަވާ ވާހަކައެއް ނޫނެވެ. މީގެ މާނައަކީ ޣައިރު މުސްލިމުންނަށް އިސްލާމްދީން ގަބޫލުކުރުމަށް މަޖްބޫރު ނުކުރެވޭނެ ވާހަކަ އެވެ. އޭގެ ބަދަލުގައި އެމީހުންނަށް އިސްލާމްދީނަކީ ޙައްގު ދީންކަން ވިސްނައިދީގެން ދީނަށް ވެއްދުމަށް މަސައްކަތް ކުރާނީއެވެ.

މުރްތައްދުވާ މީހާގެ ޙުކުމް:

ސޫރަތުލް ބަގަރާގެ 217 ގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُوْلـئِكَ حَبِطَتْ أَعْمَـٰلُهُمْ فِي ٱلدُّنْيَا وَٱلآخِرَةِ وَأُوْلـئِكَ أَصْحَـٰبُ ٱلنَّارِ هُمْ فِيهَا خَـٰلِدُونَ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން ދީނުން ބޭރުވެއްޖެ ކޮންމެ މީހަކުމެ ދަންނާށެވެ. އެމީހަކު ކާފިރަކަށްހުރެ މަރުވެއްޖެނަމަ، އެމީހަކީ އެމީހެއްގެ ހުރިހާ ޢަމަލުތައް ދުނިޔެއާއި އާޚިރަތުގައި ތާކުންތާކު ނުޖެހި ގެއްލިދާމީހުންނެވެ.އަދި އެފަދަ މީހުންނަކީ ނަރަކައިގެ އަހްލުވެރީންނެވެ. އެބައިމީހުން އެތަނުގައި ދެމިތިބޭނެއެވެ".

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ بَدَّلَ دِيْنَهُ فَاقْتُلُوْهُ) މާނައަކީ: "ދީން ބަދަލުކޮށްފިމީހާ ގަތުލު ކުރާހުށިކަމެވެ".

ފަސްވަނައީ: ތަޢުލީމު ލިބިގަތުމުގެ ޙައްގު:

ތަޢުލީމް އުނގެނުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މިންވަރު:

ސޫރަތުއް ތައުބާގެ 122 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُواْ كَافَّةً فَلَوْلاَ نَفَرَ مِن كُلّ فِرْقَةٍ مّنْهُمْ طَائِفَةٌ لّيَتَفَقَّهُواْ فِى ٱلدّينِ وَلِيُنذِرُواْ قَوْمَهُمْ إِذَا رَجَعُواْ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ) މާނައަކީ: “އެންމެން އެކުގައި ހަނގުރާމަ އަށް ނިކުތުމެއް މުއިމިނުންނަކަށް ނުވެއެވެ. މުއިމިނުންގެ ތެރެއިން ކޮންމެ ގަބީލާ އަކުން ބަޔަކު، ހަނގުރާމައަށް ނިކުންނަމަ ނޫންހޭ؟ ހަނގުރާމައަށް ނުގޮސް ތިބި މީހުން ދީނުގައި ފިގްހުވެރި ވުމަށްޓަކައެވެ. އެބަހީ ދީނުގެ ޙުކުމްތައް އުނގެނި ދަސްކުރުމަށްޓަކައެވެ. އަދި އެބައިމީހުންގެ ގައުމުގެ މީހުން ހަނގުރާމަ އިން ނިމިގެން އެބައިމީހުންގެ ގާތަށް އަތުވެއްޖެ ހިނދު، ގައުމުގެ މީހުންނަށް ނަޞޭޙަތްތެރިވެ އިންޛާރު ދިނުމަށްޓަކައެވެ. އެބައިމީހުން ބިރުވެތިވެ ރައްކާތެރިވޭތޯއެވެ”.

މިއާޔަތުގެ ތަފްސީރުގައި އިބްނުއް ސަޢްދީ- ރަޙިމަހުﷲ ވިދާޅުވިއެވެ. “މިއިން ދޭހަވަނީ ޢިލްމު ހޯދުމުގެ މުހިންމު ކަމެވެ. ޚާއްޞަ ގޮތެއްގައި ދީނީ ޢިލްމެވެ”.

މުޢާވިޔާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އެއްސެވީމެވެ.(مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِيْ الدِّيْنِ) މާނައަކީ: “މާތް ﷲ މީހަކާމެދު ހެޔޮގޮތެއް މެދުވެރިކުރައްވައިފިނަމަ ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ކުޅަދާނަކަން އެމީހަކަށް ދެއްވައެވެ”. އަދިވެސް ޙަދީޘް ކުރައްވައެވެ. (مَنْ سَلَكَ طَرِيْقًا يَلْتَمِسُ فِيْهِ عِلْمًا سَهَّلَ اللهُ لَهُ طَرِيْقًا إِلَى الْجَنَّةِ) މާނައަކީ: “ޢިލްމު ހޯދުމަށް މަގެއް ކޮށައިފިމީހަކަށް ސުވަރުގެއަށް ދިޔުމުށް މަގެއް މާތް ﷲ ފަސޭހަކޮށްދެއްވައެވެ”

އުގަންނައި ދިނުމަށް ވަގުތެއް ޚާއްޞަ ކުރުން:

އަބޫވާއިލް- ރަޙިމަހުﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. ޢަބްދުﷲ ބިން މަސްޢޫދު-ރަޟިޔަﷲ ޢަންހު- މީސްތަކުންނަށް އުނގަންނަވައި ދެއްވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައެވެ. އެއްދުވަހަކު މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ކޮންމެ ދުވަހަކުވެސް އުގަންނަވައިދެއްވާނެ ނަމަ ހާދަހާ ރަގަޅެވެ. ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެގޮތަށް ކަންތައް ނުކުރައްވަނީ ތިޔަބައިމީހުން ފޫހިވެދާނެކަމަށް ބިރުންނެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ އަޞްޙާބުންނަށް އުގަންނަވައިދެއްވުމުގައިވެސް މުނާސިބު ވަގުތު އިޚްތިޔާރު ކުރައްވައެވެ”.

ޢިލްމު ފޮރުވުމުގެ ނުބައިކަން:

ސޫރަތުލް ބަގަރާގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِن بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِي ٱلْكِتَابِ أُولَـئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ) މާނައަކީ: “ހަމަކަށަވަރުން ތެދުމަގާއި އާޔަތްތަކާއި ހެކިތަކުގެ ތެރެއިން ތިމަން ﷲ ބާވާލެއްވި ތަކެތި، މީސްތަކުންނަށް ބަޔާންކޮށްދެއްވައި ފޮތުގައި އެކަން ސާފުކޮށްދެއްވުމަށްފަހު، އެކަންވަންހަނާކޮށް ފޮރުވާމީހުންނަށް މާތް ﷲ ލަޢްނަތް ލައްވާނެއެވެ. އަދި ލަޢުނަތް ދޭމީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދޭނެއެވެ”.

ގާތްތިމާގެ މީހުންނާއި އަނބިދަރިންނަށް އުގަންނައިދިނުން:

ގާތް ތިމާގެ މީހުންނާއި އަނބިދަރިންނަށް ތިމާ އަށް ލިބިފައިހުރި ޢިލްމެއް ފޯރުކޮށް ދިނުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ތިމާ އަށް އެގިފައި ހުރި މިންވަރަކުން އެއެއްޗެއް އެންމެ ފުރަތަމަ ފޯރުކޮށް ދޭން ޖެހޭ ބަޔަކީވެސް އެއީ އެވެ.

ނުނިމޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.