ދީނީ އިލުމުވެރިންގެ އަޑު ނުއެހުމަށް ގޮވަނީ ދީނާ ދުރުހެލިކުރުވަން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ވިދާޅުވީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅުތަކާއި ކީރިތި ޤުރުއާނުގެ އަޑު އަހައި މީސްތަކުން އިސްލާމް ދީން ޚިޔާރުކުރަން ފެށުމުން މުޝްރިކުން ބާރުއަޅަމުންގެންދިއައީ އެވާހަކަފުޅުތަކުގެ އަޑު މީސްތަކުންނަށް އިވުނަ ނުދިނުމަށްކަމަށެވެ. މުޝްރިކުން މަސައްކަތް ކުރީރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް އާއި ޞަޙަބީންނާއި މީސްތަކުން ދުރުހެލިކުރުވަން ކަމަށެވެ.
މީގެއިތުރުން ދީނީ އިލްމުވެރިންގެ ފަހަތުގައި ނަމާދުވެސް ނުކުރުމަށް ބާރުއަޅައި ގޮވަމުން ގެންދާ މީހުން އެކަންކަމަށް ގޮވަނީ ދިވެހިން އިސްލާމް ދީނާއި ދުރުހެލިކުރުވަން ކަމަށް އިމްރާން ވިދާޅުވިއެވެ.
ދާދި ފަހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަނީ ޢަދާލާތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން އެއްވެސް މިސްކިތަކަށް ދީނީ ތަޤްރީރްކުރައްވަން އަރައިވަޑައިގެންފިއްޔާ ހުރިހާ މީހުންވެސް އެމިސްކިތަކުން ފައިބައިގެންދިއުމަށް ގޮވާލާފައެވެ. އަދި ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރް ދެއްވަން ނޫޅުއްވުމަށް މޫސާ މަނިކު ވަނީ ޝައިޚް އިލްޔާސަށް އިންޒާރުވެސް ދެއްވާފައެވެ.
އެކަމާ ގުޅިގެން މީގެކުރިން އަދާލަތު ޕާޓީން ވަނީ ޝައިޚް އިލްޔާސާ ބެހޭ ގޮތުން ރީކޯ މޫސަ ދެއްކެވި ވާހަކަތަކަކީ މީހުން ދީނީ ދަރުސް އަޑުއެހުމާއި ދީނާއި ދުރަށްގެންދިއުމަށް އެމްޑީޕީން ހިންގާ ލާދީނީ ހަރަކާތެއް ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައެވެ.
މިދުވަސްވަރަކީ ޝައިޚުންގެ އަގު ވައްޓާލާއި ފިކުރީ ގޮތުން މުސްލިމުންގެ އަޤީދާއާ ކުޅެ އިސްލާމީ އަޤީދާ ބަލިކަށިކޮށްލުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާ ދުވަސްވަރެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...