ދީންސުވާލާއި ޖަވާބު

މަޖިލީސް މެންބަރުންނަށް ލިބޭ މުސާރަ ޙަލާލުވާނެތޯ؟

ސުވާލު:

މަޖިލީސް މެންބަރުންނަށް ލިބޭ މުސާރަ ޙަލާލު ވާނެތޯ؟

އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީސްގައި ތިބޭ ޢިއްޒަތްތެރި މެމްބަރުންގެ މުސާރަ (ހުރިހައި އެލެވެންސަކާއި އެއްކޮށް 82 ހާސް ރުފިޔާ) ޙަލާލު ވާނެތޯ އަޅުގަނޑު ސުވާލު ކޮށްލަން ބޭނުންވީ އެމީހުންނާއި ރައްޔިތުން ޙަވާލުކުރި މަސައްކަތްތައް ހުއްޓާލާފައި އަމިއްލަ އެދުމަށް ނުވަތަ އަމިއްލަ ޕާޓީއަށް މަސައްކަތްކުރުމާއި އަދި ނުވިތާކަށް އެއްވެސް ޖެހިލުމެއްނެތި އަޚްލާޤެއްވެސް ނެތި މަޖިލީސްތެރޭގައި ނާޗަރަންގީކުޅެ އެކަކު އަނެކަކާއި ތަޅާފޮޅާ، މުޅި ޤައުމުގައި ފިތުނަ އުފައްދަމުންދާތީއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
މަޖިލިސް މެންބަރުންނަކީ، އެމެމްބަރަކު ނިސްބަތްވާ ދާއިރާ އެއްގެ ރަޢްޔިތުންގެ ޙާޖަތްތައް ފުއްދައި ދިނުމުގައި ވަކާލާތު ކުރުމަށް އިންތިޚާބު ކުރެވިފައިވާ ބަޔެކެވެ. މެންބަރުކަމަށް އިންތިޚާބު ވުމުގެ ކުރިން ރަޢްޔިތުންގެ ގާތުގައި އެތަކެއް ވަޢުދު ތަކެއްވެފައިވާ ބަޔެކެވެ. އެހެންކަމުން، މެމްބަރުންނަކީ ވަރަށް ބޮޑު އަމާނާތެއް ކޮނޑުފުޅުގައި އަޅުއްވައިގެން ތިއްބެވި ބަޔެކެވެ. އެއަމާނާތަށް ފުރިހަމަ އަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި އެއަމާނާތް އޭގެ އަހްލުވެރިންނަށް ރައްދުކޮށްދޭން ޖެހޭނެއެވެ. ސޫރަތުއް ނިސާގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ يَأْمُرُ‌كُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا) މާނައަކީ: "ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ."

މަޖިލިސް މެންބަރުންނަށް މުސާރަ ކަނޑައެޅިފައިވަނީ އެބައިމީހުން ކޮށްދޭ ޚިދުމަތަކަށް ޓަކައެވެ. އެޚިދުމަތް ރަޢްޔިތުންނަށް ކޮށްނުދީ މުސާރަ ނަންގަވާ ކަމަށްވަނީނަމަ އެކަން ވެގެންދާނީ މަކަރާއި ޙީލަތުން ނުޙައްގު ގޮތުގައި ރަޢްޔިތުންގެ ފައިސާ ކެއުން ކަމަށެވެ. ސޫރަތުއް ނިސާގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ) މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ!"

ވީމާ، ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން އޮތީ މުސާރަ ޙައްގުވާ ވަރަށް މަސައްކަތް ކުރައްވާށެވެ. މަސައްކަތް ނުކުރެއްވޭނަމަ، އެދުވަސްތަކުގެ މުސާރަ ނުނަންގަވާށެވެ. ޙަލާލު އެއްޗެއް މެނުވީ އަނބިދަރިންނަށް ކާން ނުދެއްވާށެވެ. والله أعلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދީން