ފުރަގަސް ފަރާތް (Rectum) އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު މަގާއި ދޭތެރޭގައި އިންނަ ބައެކެވެ. އެހެންކަމުން ފުރަގަސްފަރާތް އިންނާނީ ބޮޑުގޮހޮރުގެ އެންމެ ފަހުބައި ކަމުގައިވާ ސިގްމޮއިޑް ގޮހޮރާއި ޖެހިގެންނެވެ. ފުރަގަސްފަރާތް ޖެހިގެން ތިރިއަށް އިންނާނީ ފުރަގަސްފަރާތު މަގެވެ. އަދި އޭގެފަހުން ފުރަގަސްފަރާތު ދޮރެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ގުދަންކޮށް ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.
އުފެދިފައިވާގޮތް
ފުރަގަސް ފަރާތް ފެށިފައި އިންނަނީ ސެކްރަމް(Sacrum) ގެ 3 ވަނަ ކަށިކޮޅާއި ހަމައިންނެވެ. އަދި ނިމިފައި އިންނަނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭކަނަށެވެ. އެހެންކަމުން ފުރަގަސް ފަރާތް ނިމިގެން އިންނާނީ ފުރަގަސް ފަރާތު މަގު އެވެ. ފުރަގަސް ފަރާތް އިންނަނީ ސެކްރަމް އަދި ކޮކްސިކްސް (Coccyx)ކަށިގަނޑުން އުފެދިފައިވާ ލެބުމުގެ ތެރެއަށް ފެތިފައެވެ. އަދި މިގޮތުން ފުރަގަސް ފަރާތް ފެތިފައިން އިންނަ ތަނަށް ކިޔަނީ ސެކްރަލް ފްލެކްޝަރ(Sacral flexure) އެވެ. ފުރަގަސް ފަރާތުގެ އެންމެ ތިރީބައިގައި ފުޅާވުމެއް ނުވަތަ ފުފުމެއް ވެއެވެ. މިތަނަށް ކިޔަނީ ރެކްޓަލް އެމްޕިޔުލާ (Rectal Ampulla)އެވެ.
ފުރަގަސް ފަރާތް ޕެރިޓޯނިއަމް އިން މުޅިން ނިވާކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައެއް ބައިތައް ޕެރިޓޯނިއަމް އިން ނިވާކުރެވިފައި ވެއެވެ. އެގޮތުން ފުރަގަސް ފަރާތުގެ މަތީ ތިންބައިކުޅަ އެއްބައި، އިންނަނީ ކުރިމަތިންނާއި އަރިމަތިން، ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފުރަގަސް ފަރާތުގެ މެދުގެ ތިންބައިކުޅަ އެއްބައި އިންނަނީ ހަމައެކަނި ކުރިމަތިން ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. އަދި ތިރީ ތިންބައިކުޅަ އެއްބައި ޕެރިޓޯނިއަމް އިން ނިވާކުރެވިފައެއް ނުވެއެވެ.
ފިރިހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެސައިކަލް ޕޯޗް(Recto-vescial pouch) އޭ ކިޔޭ ހުސް ޖާގައެއް ފަދަ ތަނެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި މަސާނާގެ މަތީބަައި، މަނި ގޮށް، މަނި ހޮޅީގެ އެމްޕިޔުލާ، ގުރުތާގެ ނިމޭ ކޮޅު، އަދި ޕްރޮސްޓޭޓް ގްލޭންޑް ހިމެނެއެވެ.
އަންހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެޖައިނަލް ޕޯޗް(Recto-vaginal pouch) އޭ ކިޔޭ ހުސް ޖާގައެކެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ފުރަގަހު ފާރެވެ.
ދެޖިންސުގެ މީހުންގެ ވެސް ފުރަގަސްފަރާތުގެ އަރިމަތިން މަތީގައި އިންނަނީ ޕެރަރެކްޓަލް ފޮއްސާ(Pararectal fossa) އެވެ. އަދި ފުރަގަސް ފަރާތުގެ އަރިމަތިން ތިރީގައި އިންނަނީ ސްޕީރިއާ ރެކްޓަލް އާޓަރީގެ ގޮފިތަކާއި، ކޮކްސިޖިއަސް މަސްގަނޑު، އަދި ލެވޭޓަރ އޭނި މަސްގަނޑު އެވެ.
ދެޖިންސުގެ މީހުންގެ ވެސް ފުރަގަސް ފަރާތުގެ ފަހަތް ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި ކޮކްސިކްސް، ސެކްރަމްގެ ތިރީބައި، މީޑިއަން ސެކްރަލް ލޭހޮޅިތައް، ގްލޯމަސް ކޮކްސީޖިއަމް މަސްގަނޑު، އަދި ނާރު ފުންޏެއް ހިމެނެއެވެ.
ބޮޑުކަމުދިއުމުގައި ފުރަގަސް ފަރާތުގެ ދައުރު
ފުރަގަސް ފަރާތަކީ ވަގުތީ ގޮތުން ބޮޑުކަމުދާ ތަކެތި ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. ފުރަގަސް ފަރާތުގައި ބޮޑުކަމުދާ ތަކެތި ޖަމާވެ ފުރުމުން، ފުރަގަސް ފަރާތު ފާރު ފުޅާވެ، ފުރަގަސް ފަރާތު ފާރުގެ ތެރޭގައި ނާރުތަކުގެ ނިޒާމް އިން އައިސްފައިވާ ސްޓްރެޗް ރިސެޕްޓަރ ތައް، މުރާލިވެ، ބޮޑުކަމުދާ ހިތްވެއެވެ. ބޮޑު ކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިފިނަމަ، ފުރަގަސް ފަރާތުގައި ޖަމާވެފައި ހުރި ބޮޑުކަމުދާ ތަކެތި އަނބުރާ ބޮޑު ގޮހޮރަށް ވާޞިލްވެއެވެ. އަދި އެބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހުރި ފެނުގެ ބައި ވަކިން ހަށިގަނޑަށް ނަގައެވެ. ބޮޑުކަމު ނުގޮސް ގިނައިރު ހުރެއްޖެނަމަ، ބަނޑުހިކުން ކުރިމަތިކުރުވައެވެ. ބަނޑުހިކުން ކުރިމަތިވެއްޖެނަމަ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޮޑުކަމުދިއުމަށް އުދަގޫވެއެވެ.
ފުރަގަސް ފަރާތުން ހަށިގަނޑުގެ ފިނިހޫނުމިން ބެލުން
ހަށިގަނޑުގެ ފިނިހޫނު މިން ހުރިނެތް މިންވަރު ފުރަގަސް ފަރާތުން ވެސް ބެލެއެވެ. މިގޮތުން ފިނިހޫނު މިން ބެލުމަށްޓަކައި، މާކަރީ ތަމޯމީޓަރު، ނުވަތަ ޑިޖިޓަލް ތަމޯމީޓަރެއް ފުރަގަސް ފަރާތު ދޮރުން ލައްވައިގެން ފުރަގަސް ފަރާތަށް ވާޞިލް ކުރުވައެވެ. ކުރިން މާކަރީ ތަމޯމީޓަރު ބޭނުންކުރި ނަމަވެސް މިހާރު މިފަދަ ތަމޯމީޓަރު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ފުރަގަސް ފަރާތުން ބަލާ ފިނިހޫމިން އާންމުގޮތެއްގައި ހުންނަނީ 38-36 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ.
ފުރަގަސް ފަރާތުން ބަލާ ފިނިހޫނުމިން ،އަނގައިން ބަލާ ފިނިހޫނު މިނަށްވުރެ ½ ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ. އަދި ކިހިލިފަތް ދޮށުން ބަލާ ފިނިހޫނު މިނަށްވުރެ، 1 ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ.ގިނަ ޑޮކްޓަރުން ކުޑަކުދިންގެ ފިނިހޫނުމިން ހުރިމިންވަރު ފުރަގަސް ފަރާތުން ބެލުމަށް އިރުޝާދު ދެނީ ކުޑަކުދިންގެ އަނގައިން ފިނިހޫނު މިން ބެލުމަކީ ގިނަފަހަރު އުދަގޫކަމަށްވާތީ އެވެ. އެއީ ކުޑަކުދިން ފިނިހޫނުމިން ބަލާގަޑީގައި މަޑުން ހަމަހިމޭނުން ނީންނާތީއެވެ. މިފަހަކަށް އައިސް ކަންފަތުން ފިނިހޫނުމިން ބެލުން އާންމުވުމުން ފުރަގަސް ފަރާތުން ފިނިހޫނުމިން ބެލުން ވަނީ މަދުވެފައެވެ.
* '''ނޯޓް''': އާންމުކޮށް ފުރަގަސް ފަރާތް ކިޔަނީ ފުރަގަސް ފަރާތް، އަދި ފުރަގަސް ފަރާތު މަގު މިދެބަޔަށް އެއްކޮށެވެ. ނަމަވެސް އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ ޖެހިޖެހިގެން އިންނަ ދެބަޔެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...