ސައޫދީ އަރަބިއްޔާގެ އަލްވަލީދު ބިން ޠަލާލް ފައުންޑޭޝަނުން ދިވެހިރާއްޖޭގެ ތެލަސީމިއާ ސޮސައިޓީއަށް 55,360 އެމެރިކާ ޑޮލަރު (853,651 ދިވެހި ރުފިޔާގެ) އެހީއެއް ވެދެއްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ ތެލަސީމިއާ ސޮސައިޓީގެ ފަރާތުން ހިންގަމުންދާ ތެލަސީމިއާ އިން ރައްކާތެރިވުމާއި އެއާއިގުޅޭ އެހެނިހެން ކަންތައްތައް ހިންގުމުގެ ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން ދެވުނު އެހީއެއް ކަމުގައި ޢަރަބް ނިއުސްއިން ހާމަކޮށްފައިވެއެވެ.
އަލްވަލީދު ބިން ޠަލާލް ފައުންޑޭޝަނަކީ ޕްރިންސް އަލްވަލީދުގެ ބެއްލެވުމުގެ ދަށުން ހިންގާ ފައުންޑޭޝަނެކެވެ.
1994 ވަނަ އަހަރު އުފެދުނު ތެލަސީމިއާ ސޮސައިޓީއަކީ، ތެލަސީމިއާ ކުދީންނަށް އެހީތެރިވުމުގެ ގޮތުން އުފެދުނު ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި ތެލަސީމިއާގެ ބަލިމީހުންނަށް ބޭނުންވާ ފިލްޓަރ އަދި ޕަމްޕް ހޯދައިދިނުމާއި، ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ކުދީންނަށް މާލީ އެހީތެރިކަން ހޯދައިދިނުމާއި ތެލަސީމިއާއި ދޭތެރޭ ޢާންމުންގެ ހޭލުންތެރިކަން އުފެއްދުމަށްޓަކައި އެކިއެކި ބައްދަލުވުމާއި ވޯކްޝޮޕް ބޭއްވުން ހިމެނެއެވެ.
ޕްރިންސް އަލްވަލީދާއި ރާއްޖޭގެ ޞިއްޙަތާއި ބެހޭ ވަޒީރު، ޑރ. އާމިނަތު ޖަމީލް ވަނީ 2010 ވަނަ އަހަރު ރިޔާޟްގައި ޕްރިންސް އަލްވަލީދުގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް ބޭނުންވާނެ މަޢުލޫމާތު ހޯދުންކަމުގައި މިނިސްޓަރ އާމިނަތު ޖަމީލް ޕްރިންސް ވަލީދަށް ދެންނެވިއެވެ. އަދި އަލްވަލީދު ބިން ޠަލާލް ފައުންޑޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއިމެދު ދެބޭފުޅުންގެ ޚިޔާލު ބަދަލްކުރެއްވިއެވެ.


















ޚިޔާލު