ރާއްޖޭގައި އުފެދިފައިވާ ދީނީ މައްސަލަތަކާއި ޚިޔާލު ތަފާތުވުންތަކާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމުގެ ގޮތުން މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަޙްމަދުﷲ ޖަމީލު މިއަދު ހާމަކުރެއްވި ގޮތުގައި ދީނީ ގޮތުން އުފެދިފައިވާ އެކި އެކި މައްސަލަތަކާ ބެހޭގޮތުން މަހާސިންތާގައި މަޝްވަރާ ކުރެވޭނެ ކަމަށާއި، އެ މަޝްވަރާތަކަށްފަހު ރިޕޯޓެއް އެކުލަވާލެވޭނެ ކަމަށާއި އަދި އެ ރިޕޯޓް ޢާންމު ކުރެވޭނެ ކަމަށެވެ.
"މަހާސިންތާ އަށް އެކި މައްސަލަތަކާ ގުޅޭ ހަ ކަރުދާހެއް ހުށަހަޅާނެ. އެ ކަރުދާސްތަކަށް ބަހުސްކޮށް، ތައްޔާރުކުރާ ރިޕޯޓް މިނިސްޓްރީން އާއްމުކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައި،" އަހްމަދުﷲ ވިދާޅުވި އެވެ.
މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގައި ކަމަށްވެސް އަޙްމަދުﷲ ޖަމީލު ހާމަކުރައްވައެވެ. އަދި މި މަހާސިންތާގައި 64 ޢިލްމުވެރިއަކު ބައިވެރިވެލައްވާނެ ކަމަށާއި، ދީނީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ގޮތެއް ހޯދޭނެ ކަމަށް ހާމަކުރެއްވިއެވެ.
މި މަހާސިންތާގައި މަޝްވަރާ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ބިސްމި އަޑު ހަރުކޮށް ކިޔުމާއި، ބިދުޢަވެރިންގެ ފަހަތުގައި ނަމާދު ކުރުމާއި، އިސްލާމީ ޝަރީޢަތުގެ ދެވެނަ މަސްދަރަކީ ސުންނަތް ކަމާއި، އަދި ޚިޔާލު ތަފާތުވެފައިވާ މައްސަލަތަކުގައި އިސްލާމީ ޢިލްމުވެރިންގެ މަންހަޖު ބަޔާންކޮށްދޭ ކަރުދާސްތަކެއް އެރުވެނޭކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މި މަހާސިންތާއަށް ކަރުދާސް ހުށަހަޅުއްވާ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީއާއި ސްޓޭޓް މިނިސްޓަރ އައްޝެއިޚް ޙުސެއިން ރަޝީދު އަޙްމަދާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު މެމްބަރު ޑރ. އަފްރާޝީމް ޢަލީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށްވެސް ޢަހްމަދުﷲ ޖަމީލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މަހާސިންތާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށާއި، ނަމަވެސް ޢާންމުންނަށް ވަދެވޭ ގޮތަށް ކުރިއަށް ގެންދިއުމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
މި މަހާސިންތާއަކީ ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ފުރަތަމަ މަހާސިންތާވެސް މެއެވެ. މީގެ ކުރިން ޢިލްމުވެރިންގެ މަހާސިންތާއެއް ބޭއްވުމުގެ މުހިއްމު ކަމާމެދު ރާއްޖޭގެ ބައެއް ނޫސްތަކުގައި ވަނީ މަޒުމޫނުތަކެއް ޝާއިޢު ކުރެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...