ބައިނަލްއަޤްވާމީ ނުކުޅެދޭމީހުންގެ ދުވަސް ފާހަގަކުރުމަށް ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖައްސައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގޮތުން މިމަހު 3 ވާ ހޮނިހިރު ދުވަހު މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ މަރުކަޒުން ބަލަމުންގެންދާ މީހުންގެ ބަލިމީހުންގެ ޢިލްމާއި ހުނަރު ދައްކާލުމަށް ތަފާތު ހަރަކާތްތައް ބޭއްވުމަށް ރާވާފައި ވެއެވެ. އެގޮތުން ޤުރުއާން މުބާރާތް، ލިޔުމާއި ކިއުން، ވާހަކަދެއްކުމާއި، ކުރެހުމުގެ މުބާރާތުގެ އިތުރުން، ތަފާތު ކުޅިވަރުގެ މުބާރާތްތައް ހިމެނެއެވެ.
އޭގެ އިތުރުން ރަށުގެ ކުޑަކުދިންނާއި، ޒުވާނުންނާއި އަދި އާއްމުންނާއި ބަލިމީހުން ގުޅިގެން ރަށުގެ ބޯޅަ ދަނޑުގައި އެކުވެރިކަމުގެ ހަރަކާތެއް ބޭއްވުމާއި، އެހަރަކާތުގެ ތެރޭގައި ދުވަހާގުޅޭ މެސެޖު އާންމުންނަށް ދިނުން އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މި ޚަރަކާތްތަކުގައި ބައިވެރިވާ ކުޑަކުދިންނަށް ބަލިމީހުންގެ ފަރާތުން ދުވަހާގުޅޭ ހަދިޔާ ރައްދުކުރުމުގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކައް ބަލިމީހުން ޒިޔާރަތްކުރުން ވެސް ހިމެނެއެވެ.
ދުވަހުގެ ޚަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ އެރޭގެ 20:30 ގައި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމުދިނުމާއި ސެޓްފިކެޓް ދިނުމަށް ބޭއްވޭ ޚާއްޞަ ޙަފުލާއަކުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...