މިދިޔަ ހަފްތާގައި ބޭއްވުނު ސާކް ސަމިޓްގެ ދެ ދުވަސް ކުރިން ޗައިނާގެ އެމްބަސީއެއް ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހުޅުވުމުން އިންޑިއާގެ ނޫސްތަކާއި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. އިންޑިއާގެ ނޫސްތަކުގައި ސާކް ސަމިޓްގެ ޚަބަރުތަކަށްވުރެވެސް މި ޚަބަރަށް އިސްކަންދީ މިދިޔަ ދުވަސްތަކުގައި އެ ޚަބަރު ވަރަށް ބޮޑަށް ކަވަރުކޮށްފައިވެއެވެ.
އެހެންނަމަވެސް އެޤައުމުގެ ދިފާޢީ ވަޒީރު އޭ.ކޭ އެންޓަނީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުމަކީ އިންޑިއާއިން ކަންބޮޑުވާކަމެއް ނޫންކަމަށް ހާމަކޮށްފައިވެއެވެ. އަދި އެއީ ހުއްޓުވޭނޭ ކަމެއްނޫންކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް ޤައުމަކުން އެހެން ޤައުމެއްގައި އެމްބަސީއެއް ހުޅުވައި ގުޅުން ބަދަހިކުރުމަކީ އަހަރެމެންނަށް ހުއްޓުވޭނޭކަމެއްތަ؟ އަހަރެމެންވެސް މިދަނީ އެމްބަސީތައް ޤާއިމްކޮށް ޤައުމުތަކާއި ގުޅުން ބަދަހިކުރަމުން. އެއީ ޠަބީޢީ ކަމެއް" ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުޅުވުމާއި ބެހޭގޮތުން އެއްޗެއް ވިދާޅުވުމަށް ނޫސްވެރިން ސުވާލުކުރުމުން އެންޓަނީ ވިދާޅުވިއެވެ.
އެހެންނަމަވެސް، އިންޑިޔާގެ ބޯޑަރު ކައިރީ ޗައިނާގެ އަސްކަރީ ޤާބިލްކަން އިތުރުކުރަމުންދާކަމަށާއި އެއީ އިންޑިއާ ކަންބޮޑުވާ ކަމެއްކަމަށް އެންޓަނީ ވިދާޅުވިއެވެ. އަދި އިންޑިއާގެ އިރުމަތީގައި އެޤައުމުގެ އަސްކަރީ ޤާބިލްކަންވެސް އިތުރުކުރަމުންދާކަމަށާއި އެހެންނަމަވެސް އެއްވެސް ޤައުމަކާއި ކުރިމަތިލުމުގެ ވިސްނުމެއް އިންޑިއާއިން ނުގެންގުޅޭ ކަމަށް އެންޓަނީ ވިދާޅުވިއެވެ. އަދި އެއީ އިންޑިއާގެ ސަރަޙައްދު ޙިމާޔަތްކުރަން އަޅާ ފިޔަވަޅެއްކަމަށްވެސް އެންޓަނީ ހާމަކުރެއްވިއެވެ.
މަޞްދަރު: އިކޮނޮމިކް ޓައިމްސް/ނޫސް އެޖެންސީތައް

ކޮމެންޓް (0)
ލޯޑް ކުރަމުން...