"މިހާރު ޢީދުގައި ހާދަ ކަމެއް ނޯވެއޭ... ޝޯއެއްވެސް ނޯވޭ... ވަރަށް ވައިކޮށް ދަނީ..." ރިޝާން ޝަކުވާކުރަމުން ދިޔައީ އޭނަ އުޅޭ ރަށުގައި ޢީދުގައި މިއުޒިކް ޝޯ ނެތުމުންނެވެ. ތެދެކެވެ. އެރަށަކީ މީގެ 5 ވަރަކަށް އަހަރު ކުރިން ޢީދު ދުވަސްތަކުގައި ވަރަށް ފޯރިއާއެކު މިއުޒިކާއި ނެށުމާއި ނާޗަރަންގީގެ ޝޯތައް ބާއްވަމުން އައި ރަށެކެވެ. އެކަމަށްޓަކައި ބޮޑެތި ޚަރަދުތައް ކުރަމުން އައި ރަށެކެވެ. އެއްފަހަރެއްގެ ބޮޑު ޢީދުގައި މިލިއަނުން ޚަރަދުކޮށްގެން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ގެނެސްގެން ވެސް ވަރުގަދަ ޝޯތަކެއް ބޭއްވިއެވެ.
އެއީ ޣާފިލްކަމުގައި ޢީދުގެ ދުވަސްތައް ﷲ އަށް އުރެދުމުގައި އެރަށުގެ މީހުންނަށް ހޭދަކުރެވުނު ދުވަސްތަކެވެ. މިހާރު އެރަށުގެ ގިނަ ބަޔަކަށް ވަނީ ޢީދުގައި ވިޔަސް އެނޫން ދުވަސްތަކުގައި ވިޔަސް އެފަދަ ޝޯތައް ބޭއްވުމަކީ ވަރަށް ބޮޑު ނުބައެއް ކަން ވިސްނިފައެވެ. އާނއެކެވެ. އެފަދަ ޝޯތައް ބޭއްވުމުން އެމީހުންނަށް ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ވަޤުތީ ހިތްހަމަޖެހުމެއް ލިބުނު ކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް، ﷲ އަށް އުރެދުމުގެ މަތީގައި ތިބެ ވަޤުތީ ހިތްހަމަޖެހުމެއް ހޯދައިގެން ތިމާމެންގެ "އެކައުންޓަށް" ފާފަ އިތުރުކުރަންވީ ކީއްވެގެން ހެއްޔެވެ؟
ޢީދަކީ ﷲ އަށް ޝުކުރުވެރިވުމުގެ ދުވަހެވެ. ޢީދުގައި އުފާ ފާޅުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ނަމަވެސް، އުފާފާޅުކުރަން ޖެހޭނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައެވެ. އެއްވެސް ގޮތެއްގައި ޢީދުގައި އުފާފާޅުކުރުމުގެ މާނަ އަކީ ދެޖިންސުން ހިލޭ އަންހެނުންނާ ފިރިހެނުން މަސްހުނިވެ ނާޗަރަންގީ ކުޅިވަރު ކުޅެ މިއުޒިކާއި ނެށުމުގެ ޝޯތައް ބޭއްވުމެއް ނޫނެވެ. ޝައްކެއް ނެތެވެ. މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަންކަމެވެ. މިކަންކަމުގެ ސަބަބުން ފާޙިޝް ކަންތައްތަކަށް މަގުފަހިވެ މުޖުތަމަޢުގައި އެތައް ފަސާދަތަކަށް ދޮރުހުޅުވާލާ ކަންކަމެވެ.
ޢީދު ޝޯތަކުގައި ހިލޭ އަންހެނުންނާ ފިރިހެނުން މަސްހުނިވެ ބަދުއަޚްލާޤީ އެތައް ޢަމަލުތަކެއް ހިންގާފައިވާކަމަކީ ތެދު ޙަޤީޤަތެކެވެ. އަދި މި ޝޯތަކުގައި ތަޅާފޮޅުމާއި މާރާމާރީތައް ވެސް ހިންގާފައި އެބަހުއްޓެވެ. މިފަދަ ޝޯތައް ބެލުމަށްޓަކައި ރައްޓެހިވެގެން އުޅޭ ޖޯޑުތައް ނުވަތަ "ބިޓުން" ގޮސް، އެގަންނަ ސަކަރާތަކީ އިސްލާމްދީނުގައި ކިހިނެއް، ކޮންގޮތަކަށް ހުއްދަވާނެ ކަމެއް ހެއްޔެވެ؟ މީހެއްގެ އަނތްބަކަށް ނުވަތަ ފިރިއަކަށް ބެލުމެއްވެސް މި ނާޗަރަންގީ ކުޅިވަރު ކުޅޭއިރު ނޯވެއެވެ. ލަދުހަޔާތެއް ނެތި އެމީހަކަށް ދެއްކުނުހާ ޖޯޝަކާ ފޯރިއެއް ދައްކާ، ނަށައި ވައްވައްޖަހަމުންދާ އިރު މިކުރެވެނީ ހަމަ ވަރަށް މޮޅު ކަމެއް ހެއްޔެވެ؟ ވަރަށް ރަނގަޅު ކަމެއް ހެއްޔެވެ؟
ރާއްޖޭގެ އިޖްތިމާޢީ ފޭރާން ލޫދި، ޒިނޭއާއި ބަދުއަޚްލާޤީ ޢަމަލުތައް ގިނަވެ، ނަހަލާލަށް ވިހާދަރިން މަރާފައި އެއްލާލުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިފަދަ ނާޗަރަންގީ ޝޯތަކަކީވެސް މި ނުބައި ޢަމަލުތަކަށް މަގުފަހިކުރުވާ ކަންތައްތަކެވެ. މިހާރުވެސް ބައެއް ރަށްރަށުގައި މިފަދަ ނޭދެވޭ އެތައް ކަމެއް ޢީދުގައި ހިނގަމުން ދެއެވެ.
މަދުނަމަވެސް ބައެއް ރަށްރަށުގައި މިފަދަ ކަންތައްތައް މިއީ ރަނގަޅު ނޫން ކަންތައްތައް ކަމުގައި ޤަބޫލުކޮށް އެރަށްރަށުގެ ފަސްގަނޑުގައި މިފަދަ ޝޯތަކަށް ޖާގަނުދިނުމަށް އަޒުމް ކަނޑައަޅާފައިވާކަން ފާހަގަކުރަން ޖެހެއެވެ. އަދި ބައެއް ރަށްރަށުގައި މިހާރަކަށް އައިސް ދަނީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ޢީދުގެ އުފާފާޅުކުރުމުގެ ހަރަކާތްތައް އިންތިޒާމް ކުރަމުންނެވެ.
ޢީދުގައި މިއުޒިކާއި ނެށުމުގެ ނާޗަރަންގީ ޝޯތައް އެރަށެއްގައި ނެތުމުން، ޙަޤީޤަތުގައި އެއްވެސް މީހަކު އެއްގޮތަކަށްވެސް ދެރަވާކަށް ނުޖެހެއެވެ. އަދި ކީއްހެއްޔެވެ؟ އެކަމާ އުފާކުރަންވީއެވެ. އެއީ ފާޅުގައި ފާޙިޝް ކަންކަމަށް މަގުފަހިކުރުވާ، ނުބައި ބޮޑު ހަރަކާތަކުން ސަލާމަތްވީތީއެވެ. އެންމެންވެސް މަސައްކަތްކުރަންވީ މިފަދަ ނުބައި ޝޯތައް ބޭއްވުމުގެ ނުބައިކަން މިކަން އިންތިޒާމްކުރާ ފަރާތްތަކަށް ވިސްނުވައިދީ މިކަންކަން ހުއްޓުވުމަށެވެ. އެއީ އެރަށެއްގެ ވެރިން، ޖަމްޢިއްޔާ، ކްލަބްތަކުގެ ވެރިން ކަމަށް ވިޔަސްމެއެވެ. އެކަމުން މުޖުތަމަޢަށް ކުރަމުންދާ ނުބައި އަސަރާއި، އުފެދެމުންދާ ފަސާދަތަކުގެ ވާހަކަތައް ބަޔާންކޮށްދީ، އެފަދަ ނުބައިކަންކަން އިސްލާމީ ދިވެހި ފަސްގަނޑުން ފޮހެލަން މަސައްކަތް ކުރުމަށެވެ.
ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ
މާނައީ : "އީމާންވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، ފާޙިޝް ކަންތައްތައް ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުންނަށް ހަމަކަށަވަރުން ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ. އަދި ﷲ ދެނެ ވޮޑިގެންވެއެވެ. އެހެނެއްކަމަކު ތިޔަބައި މީހުންނަކަށް ނޭނގެއެވެ."
ފާޙިޝް ކަންތައްތައް އިންތިޒާމްކޮށް ބާއްވައި، އެކަންކަމަށް ތަރުޙީބުދޭ އެންމެހައި ފަރާތްތަކުން ވިސްނާލާށެވެ. ކީރިތި ޤުރުއާނާއި، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތުގައި ބަޔާންވެގެންވާ މިފަދަ ވަޢީދުގެ ބަސްފުޅުތަކަށް ބަލާނުލާ، ޣާފިލްކަން މަތީ ދުނިޔޭގެ ޙަޔާތް ވޭތުކޮށް، އަނެކުންވެސް މަގުފެރެއްދުމަށް މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲ އަށް ބިރުވެތިވެ، މުޖުތަމަޢުގައި ފާޙިޝް ކަންތައްތައް ފެތުރުން ހުއްޓާލާށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...