ދިއިސްލާމް ފުވައްމުލަކު އެއާޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއް ޖައްސައިފި

ފުވައްމުލަކު އެއާޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއް ޖައްސައިފި

ފުވައްމުލަކު އެއާޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއް ޖައްސައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކު އެއާޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާ ބޯޓު ޖެއްސި މަންޒަރު ބަލަން ރަށުގެ ރައްޔިތުން އެއްވެފައި – ފޮޓޯ އަޝްހާދު

ފުވައްމުލަކު އެއާޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާ ބޯޓެއް މިއަދު ޖައްސައިފި އެވެ.

މިއަދު މެންދުރު ފަހު 15:33 ގައި ޖެއްސި ފްލައިޓަކީ އެރަށުގެ އެއާޕޯޓަށް ރަސްމީކޮށް ދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ޓެސްޓްކުރުމަށް ބޭއްވި ޓެސްޓް ފްލައިޓެކެވެ. މި ދަތުރުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އައިލެންޑް އޭވިއޭޝަނުން ބަލަން ޖެހޭ ކަންތައްތައް ބަލައި، އެ އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހުއްދަ ދިނުމާ މެދު ސިވިލް އޭވިއޭޝަނުން ގޮތެއް ނިންމާނީ މި ދަތުރަށް ފަހު އެވެ.

އައިލެންޑް އެވިއޭޝަންގެ ޑޭޝް8 ގެ 37 މީހުންގެ ޖާގައިގެ ބޯޓުގެ މިދަތުރުގެ ކެޕްޓަނަކަށް ހުރީ ފުވައްމުލަކުގެ ޒުވާނެކެވެ. މި ބޯޓުން ފުވައްމުލަކަށް ވަޑައިގަންނެވީ އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި އެއާޕޯޓްގެ ކޮންޓްރެކްޓަރ އަބްދުﷲ މުހައްމަދު އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމް އެވެ.

އެއާޕޯޓުން އެބޭފުޅުންނަށް މަރުހަބާ ވިދާޅުވީ އަމީން ފައިސަލް އާއި ޔޫތު މިނިސްޓަރ ހަސަން ލަތީފްގެ އިތުރުން ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީންނާއި އަތޮޅު ކައުންސިލަރުންނާއި އަދި ރަށު ކައުންސިލަރުންގެ އިތުރުން އެއާޕޯޓްގެ މަސައްކަތް ކުރާ ބޭފުޅުންނެވެ. އަދި އެ މަންޒަރު ބަލަން ރަށުގެ ގިނަ ރައްޔިތުން އެ ސަރަހައްދަށް އެއްވެފައި ވެއެވެ.

ފުވައްމުލަކުގައި ނެރޭ "މިކަލް" ނޫހަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމް ވިދާޅުވެފައި ވަނީ ނޮވެމްބަރ 7 ނުވަތަ 8 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފައްޓާނެ ކަމަށާއި ހަފްތާއަކު ތިން ދަތުރު ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދުގެ ދަތުރަށް ފަހު ދެތިން ދުވަހެއްގެ ތެރޭގައި ހުއްދަ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ބޯޓު ޖެއްސުމުން ފުވައްމުލަކުގެ ރައްޔިތުން ވަނީ އުފަލުގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އެރަށުގެ ރައްޔިތުން ބުނަނީ   "ލޮލުގައި އެޅުވި އަނދުން މިއަދު ފޮހެވިއްޖެ"  ކަމަށާއި،  މިއީ ފުވައްމުލަކު ރައްޔިތުންގެ ހުވަފެން ހަގީގަތަށްވެގެން ދިޔަ ދުވަސް ކަމަށެވެ.

 

ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު ހުންނަ މިއެއާޕޯޓްގެ ފުޅާމިނަކީ 30 މީޓަރެވެ.

 

ޓެގް

އެއާޕޯޓް ފުވައްމުލައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.