ދިއިސްލާމް އަސަރުގަދަ ޙަޤީޤީ ވާހަކަ: 11 ސެޕްޓެމްބަރ 2001 ގައި އަހަރެން އިސްލާމްވީ ކީއްވެ؟ (ދެވަނަ ބައި)

އަސަރުގަދަ ޙަޤީޤީ ވާހަކަ: 11 ސެޕްޓެމްބަރ 2001 ގައި އަހަރެން އިސްލާމްވީ ކީއްވެ؟ (ދެވަނަ ބައި)

އަސަރުގަދަ ޙަޤީޤީ ވާހަކަ: 11 ސެޕްޓެމްބަރ 2001 ގައި އަހަރެން އިސްލާމްވީ ކީއްވެ؟ (ދެވަނަ ބައި)

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

އެއީ 2001 ސެޕްޓެމްބަރ 11 ވަނަ ދުވަހެވެ. ލެބަށް ދާން ތައްޔާރުވުމަށްޓަކައި ހެނދުނު 8:00 ހާއިރު އަހަރެން ތެދުވެއްޖައީމެވެ. ކެމިސްޓްރީ ލެބާއި ދިމާއަށް ހިނގަމުންދަނިކޮށް އެނގުނީ އެދުވަހުގެ ކެމިސްޓްރީ ކްލާސް ކެންސަލް ވީކަމެވެ. އަހަންނަށް ލިބުނީ އުފާވެރި ކަމެކެވެ. އެއީ ބުރެއްޖަހާލަން ނުކުތުމަށް ނުވަތަ އިތުރަށް ނިދާލުމަށް ފުރުޞަތު ލިބުނީމައެވެ. އަހަރެން ކެމްޕަހުން ލާފައި އެނބުރި ކުދިން ތިބޭ ކޮޓަރި އަށް ދާން ހިނގައިގަތީމެވެ. އެވަޤުތު ނިއުޔޯކް ސިޓީގެ އުދަރެހަށް ބަލާލަން ހިތަށްއެރިއެވެ. އަހަރެންގެ ކެމްޕަސް ހުންނަނީ ކޯރެއްގެ އަނެއް ފަރާތުގައެވެ. އަދި އުދަރެހުގެ ހިތްގައިމް މަންޒަރު ބަލާލެވޭނެ ގޮތްހަދާފައި ވުމަކީ ސްޓީވަންސް ކޮލެޖުން ކުދިންނަށް ފަހިކޮށްދީފައިވާ މަޤްބޫލް ބަހާއެކެވެ. އެއީ އަބަދުވެސް ރީތި މަންޒަރެކެވެ. މިއަދުވެސް ވަކި ތަފާތެއް ނޫނެވެ. އަވިގަދަ އެއް ނޫނެވެ. އުޑުމަތި ސާފެވެ. ފިނި ހޫނުމިން ބަރާބަރެވެ. އާނއެކެވެ. ވަރަށް ހިތަށްފިނިކަންދޭ މަންޒަރެކެވެ. އެ މަންޒަރު އެމީހެއްގެ މުޅި ހަޔާތުގައި ތަކުރާރުކޮށް ފެންނަ މީހަކަށް ވިޔަސް މެއެވެ.

އަހަރެން ކޮޓަރި އަށް ދާން ހިނގައިގަތީމެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގުވާން ފަށައިފިއެވެ. ރައްޓެއްސެކެވެ. ވަރަށް އަވަހަށް ޓީވީ ހުޅުވާ ޚަބަރު ބެލުމަށް ބުންޏެވެ. އޭނާގެ އަޑުގައި ބިރުގަނެފައި ހުރިކަން އަހަންނަށް އެނގުނެވެ. އަހަރެން ލަސްނުކޮށް ޓީވީ ހުޅުވީމެވެ. ދާދި ދެންމެއަކު އަހަރެން ބަލާފައި އައި އިމާރާތްތަކުގައި މިހާރު އަލިފާން ރޯވަނީއެވެ. އަވަސްއަވަހަށް ދުވެފައި މައްޗަށް އެރީމެވެ. އަހްމަރަށް ޚަބަރު ދިނުމަށްޓަކައި އޭނަގެ ކޮޓަރި އަށް ދިއުމަށެވެ. ދިޔައިރު އޭނަ އޮތީ ނިދާފައެވެ. އޭނަ އަށް ގޮވާ ހޭލެއްވީ މިނުރައްކާތެރި ޚަބަރާއެކުއެވެ.

އަހަރެމެން ޓީވީ ހުޅުވާ ކުޑައިރުކޮޅަކު ޚަބަރު ބެލީމެވެ. އޭރު އަހްމަރު ދިޔައީ ބޭރަށް ދާން ތައްޔާރުވަމުންނެވެ. ވާނުވާ ބެލުމަށްޓަކައި ދިއުމަށެވެ. ޓީވީ އިން ކުއްލި ޚަބަރު އަންނަމުން ދިޔައީ މަތިންދާ ބޯޓަކުން ޓަވަރުތަކުގައި ޖައްސާ ގޮއްވާލީ ކަމަށެވެ. އެވަޤުތު އަހްމަރު ބުނަމުން ދިޔައެވެ. "އަހަރެން އުއްމީދުކުރަނީ އެކަންކުރީ މުސްލިމުންނެއް ނޫންކަމަށެވެ." މުސްލިމުންނާއި އެކަމާއި އެއްވެސް ގުޅުމެއް އޮންނަންވީ ކީއްވެ ކަމެއް އަހަންނަކަށް ނުވިސްނުނުވެ.

އަހަރެމެން ކިޔަވާ ކުދިން ބޭރަށް ދިޔައީމެވެ. އަހަރެމެން ތިބީ އަޖައިބުވެފައެވެ. ބިރުގަނެފައެވެ. ފިނިވެފައެވެ. ކަންބޮޑުވެފައެވެ. އެންމެންވެސް ރައްކާތެރި ހިސާބުގައި ތިބެ މެންހެޓަން އާ ދިމާއަށް ބަލަމުން ދިޔައެވެ. އެތަނުގައި ގަޑިތަކެއް ވަންދެން ތިބީމެވެ. ރޭޑިއޯ އިންނާއި އެކި މީސްމީހުންގެ ފަރާތުން ޚަބަރުގެ އަޕްޑޭޓް ހޯދަމުން ދިޔައީމެވެ. އަހަރެން އަމިއްލަ ނަފްސަށް ވިސްނަމުން ދިޔއީމެވެ. އުއްމީދަކީ ޢިމާރާތްތަކުން މީހުން ބޭރުވާނެ ކަމަށެވެ. އަދި އެހީފޯރުކޮށްދިނުން ކުރިއަށް ދާނެ ކަމަށެވެ. އަހަރެން ހުރީ ބިރުންނެވެ. އަހަރެމެން ތިބި ތަނާ ޖެހިގެން ހުރި އިދާރީ ޚިދުމަތްދޭ ބޮޑު އުސް އިމާރާތުގައި އެހެން މަތިންދާބޯޓެއް ޖައްސާލަފާނެތީއެވެ.

ރުއިމާއި، ކަރުނަ އާއި، ކަންބޮޑުވުމާއި، ބިރުގަތުމުގައި މަދު ގަޑިތަކެއް ވޭތުވުމަށްފަހު ޓަވަރުތައް ވެއްޓިއްޖެއެވެ. މުޅިން ފުނޑުފުނޑު ވެއްޖެއެވެ. އަހަންނަށް އަޞްލުގައި ޙަޤީޤަތް ރޭކާލީ ދެނެވެ. އެހިސާބުން އަހަންނަށް ކަށަވަރުވީ ޢިމާރާތުގައި ވީ އެއްވެސް މީހަކަށް ނުނިކުމެވޭނެ ކަމެވެ. މީހުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތެވެ. އަހަރެންގެ އަތުކުރީ ގަޑިއަށް ބެލީމެވެ. ސިކުންތު ހިނގަމުންދާ ގޮތް ބެލީމެވެ. އާދައިގެ މަތިން މަޑުމިނެއްގައި ސިކުންތަކަށް ފަހު ސިކުންތެއް ވޭތުވަމުން ދާ ގޮތެވެ.

އަހަރެންގެ ނަފްސު އަހަންނާއި ވާހަކަދައްކަމުން ދިޔައެވެ. އަހަންނަށް އިސްލާމްދީން ދަސްވެފައިވާވަރު ހަނދާނަށް ގެނުވިއެވެ. އަހަރެންގެ ދިރިއުޅުމުގެ މަޤްޞަދަކީ ކޮބައި ކަމެވެ. އަހަރެންގެ ހަޔާތް ކުރިއަށް ގެންދަންވީ ގޮތެވެ. ދިރިހުރުމާއި މަރުވުމުގެ ޙަޤީޤަތެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނެން ފެށީ ޤުރުއާންގައިވާ އާޔަތްތަކުގެ މާނަ އަހަރެން ކުރިން ކިޔަމުން ދިޔައިރު ޤުރުއާނުން އެނގުނު އެއްޗެއްސެވެ. ﷲ އެއްކައުވަންތަކޮށް އެކަލާނގެ އަށް ޚާލިޞްކަމާއެކު އަޅުކަންކޮށް އެކަލާނގެ އެންގެވި ގޮތަށް އުޅެ ހެޔޮ ޢަމަލު ކުރާ މީހުންނަށް ﷲ ވަޢުދުކުރައްވާފައިވާ ދަރުމައިގެ ވާހަކައެވެ. އެކަލާނގެ އަށް ނުކިޔަމަންތެރިވެ ނުބައި ޢަމަލު ކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކައެވެ. އެ ވަޤުތު އަހަންނަށް ވިސްނެމުން ދިޔައީ ސުވަރުގެ އާއި ނަރަކަ މަތިންނެވެ. ކަށްވަޅުގެ އަޒާބުގެ މަތިންނެވެ. އަދި އަހަރެންގެ ބޮޑާ ކަމާއެކު ޕާޓީ ބާއްވާއި، ރާބޮއެ، މަޖާކޮށް މިއުޒިކާއި ނެށުމުގެ ހަރަކާތްތަކުގައި އުޅުމަށްޓަކައި، ﷲ އަށް އީމާންވުމުގެ ފިކުރު އެއްކިބާކޮށްލެވުނު ގޮތާމެދު ވިސްނެން ފެށި އެވެ.

އަހަރެންގެ ހަނދާނަށް ކުރީގެ މަންޒަރުތައް ގެނުވަމުން އައެވެ. އަހަރެންގެ ނަފްސަށް އިސްލާމްދީނުގެ ރީތިކަމުގެ ވާހަކަ ބުނަމުން ދިޔަ އިރެވެ. އެކަމަކު އިސްލާމްދީނަށް ވަންނާނީ ހަޔާތުގެ ފަހުކޮޅުގައި އުމުރުން ދުވަސްވީމަ ކަމަށް ނަފްސަށް ބުނަމުން ދިޔަ އިރެވެ. އެހެންނަމަވެސް މިހާރު އަހަންނަށް ސިފަވަމުން އަންނަނީ ކޯރުގެ އަނެއް ފަރާތުން އަހަންނާއި މަރު ބައްދަލުކުރަން އަންނަ ކަމެވެ. އަހަރެންގެ ނަފްސަށް އެވަޤުތު ބުނީމެވެ. "އެދުވަސް ދުވަހަކުވެސް ނާންނާނެ ނަމައެވެ."

11 ސެޕްޓެމްބަރ 2001 ގައި އެޓަވަރުތަކުގައި ތިބި މީހުންނަށް އެއީ ހަމަ އާދައިގެ ދުވަހެކެވެ. އެމީހުން ތިބީ މެންދުރު ކެއުމަށް އުއްމީދު ކޮށްގެންނެވެ. ރޭގަނޑުގެ ކެއުން ގޭގައި ކުރިއަށް ގެންދިއުމުގެ އުއްމީދުގައެވެ. އެމީހުންގެ އަނބިދަރިންނާއި އަލުން ބައްދަލުވުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް، ﷲ އެމީހުންގެ މައްޗަށް ރާއްވަވާފައި ވަނީ އެހެނެއް ނޫނެވެ. އާނއެކެވެ. މިއަދަކީ މިދުނިޔޭގައި އެމީހުންގެ އެންމެ ފަހު ދުވަހެވެ. އަދި އެމީހުންނަކަށް އެދިމާވެފައިވާ ކަމުގައި ބަހުޘްކުރާކަށް ނުވަތަ އާދޭސް ކުރާކަށް އިތުރު އެއްވެސް ފުރުޞަތެއް ނެތެވެ. އެމީހުންގެ ޙާލަތަކީ އެއީ ކަމަށްވާއިރު، އަހަރެންގެ ނިމުން ހުރީ ކިހިނެއް ކޮންގޮތަކުން ކޮންތާކު ކަމާމެދު އަހަރެން ވިސްނާކަށް ނުވޭ ހެއްޔެވެ؟ އަހަރެންގެ ހަޔާތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެވޭނެ ކަމަށް އަހަރެން ވިސްނަންވީ ކީއްވެ ހެއްޔެވެ؟ އަހަރެން މުސްކުޅިވާ އުމުރަށް ބޮޑުވާނެ ކަމުގެ އެހާ ޔަޤީންކަމެއް އަހަންނަށް އޮތީ ކޮންގޮތަކުން ކިހިނެއް ހެއްޔެވެ؟ މަޖާކޮށް "ނިމުމުން" އަހަރެން އިސްލާމް ވާނެ ކަމުގެ އެހާ ޔަޤީންކަމެއް އަހަންނަށް އޮތީ ކޮންގޮތަކުން ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ ޔަޤީންކަމެއް ނެތެވެ.

މި ޚިޔާލުތައް އަހަރެން ހިތަށް ވަންނަމުން އައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ މި ޙާލަތުން ދުރުކޮށްލީ އަހްމަރުގެ ފުން އިޝާރާތަކުންނެވެ. އޭނާ އަހަރެންގެ ކޮނޑުގައި އަތްޖަހާލިއެވެ. އަދި ބުންޏެވެ. "އަހަންނަކަށް ދެން މަޑުކުރެވޭކަށް ނެތެވެ. ނަމާދަށް ދާން ވެއްޖެ އެވެ."

އެއްވެސް ފަސްޖެހުމެއް އަދި ދެވަނަ ވިސްނުމެއް ނެތި އަހަރެން ބުނީމެވެ. "އަހަރެންވެސް އަހްމަރާއެކު ދާނަމެވެ."

އަހްމަރާ އެކީ އޭނާގެ ކޮޓަރި އަށް ދާންވެގެން ހިނގަން ފެށީމެވެ. އަދި ބުނީމެވެ. "އަހަރެން މުސްލިމަކަށް ވާން ބޭނުމެވެ." މިއަޑު އިވުމުން އަޙްމަރު އުފަލުންގޮސް ފެންކަޅިވި އެވެ. އޭނަ އަހަންނަށް ޝަހާދަތް ކިޔާނެ ގޮތް ދަސްކޮދިނެވެ. ވުޟޫ ކުރަން ދަސްކޮށްދިނެވެ. އަދި ނަމާދު ކުރާ ގޮތް ވެސް ކިޔާދިނެވެ. އަހރެން ޝަހާދަތް ކިޔައި އިސްލާމްވެއްޖައީމެވެ. އަދި ވުޟޫކޮށްގެން، އަހްމަރުގެ ފަހަތުގައި ފުރަތަމަ ފަހަރަށް ނަމާދު ކުރީމެވެ.

އެއީ 2001 ސެޕްޓެމްބަރ 11 ވަނަ ދުވަހެވެ. އަހަރެންގެ މުޅި ޙަޔާތް ބަދަލުކޮށްލި ދުވަހެވެ. އެދުވަހަށް ފަހު ދުވަހަކު ވެސް އެނބުރި ފަހަތަށް ނުބަލަމެވެ.

އަހަރެންގެ މި ނިންމުމާއި ގުޅިގެން އަންނާނެ ގޮންޖެހުންތަކާއި އަހަރެން ކުރިމަތިލީ ހިތްވަރާއި އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރާއެކު އެވެ. 9/11 ގެ ޙާދިޘާ އާއި ގުޅިގެން ހިނގި ހަރަކާތްތަކުގެ ސަބަބުން ދިމާވި ކުއްލި އަސަރުތަކަކީ އުނދަގުލަކަށް ވިއެވެ. ނަމަވެސް އަހަރެންގެ ޤަބޫލުކުރާ އަޤީދާ އަކީ އެކަންކުރީ ކޮންމެ ބަޔަކު ކަމަށްވިޔަސް، އިސްލާމްދީނާއި އެކަމަކާއި ގުޅުމެއް ނުވާ ކަމެވެ. އަދި ﷲ އެކަލާނގެ ދީނަށް ގެއްލުމެއްވާ އެއްވެސް ކަމެއް މެދުވެރި ނުކުރައްވާނެ ކަމެވެ. ކިތަންމެ ވަރަކަށް ބަޔަކު މީހުން އެކަމަށްޓަކައި މަސައްކަތް ކުރިޔަސް މެއެވެ.

އެދުވަހުން ފެށިގެން މުސްލިމަކަށް ބަދަލުވިތާ ފުރަތަމަކޮޅުގެ ދުވަސްތަކުގައި ﷲ އަށް އަޅުކަން ކުރާނެ ގޮތާއި، އެކަލާނގެ އަހަރެންގެ ހަޔާތުގެ ދުވަސްތަކުގައި ދެއްވި ނިޢުމަތްތަކަށް ޝުކުރު އަދާކުރާނެ ގޮތް ދަސްކުރަމުން ދިޔައީމެވެ. އޭގެ ފަހުން އަހަރެންގެ މަންމަ އާއި ފިރިހެން ކޮއްކޮ ވެސް މުސްލިމުންނަށް ވެއްޖެއެވެ. އަދި މުސްލިމެއްގެ ގޮތުގައި އުފަންވެފައިވާ އޭނާގެ އުމުރު ﷲ އަށް އަޅުކަން ކުރުމަށް ހޭދަކުރަމުންދާ ހެޔޮ ލަފާ ދީންވެރި ވަފާތެރި އަނތްބަކު ލިބިއްޖެއެވެ. އަދި ލޯބިލޯބި ދެ ފިރިހެން ކުދިން ބައްޕައަކަށް ވެއްޖެއެވެ. އެކުދިން އުފަންވީ މުސްލިމުންގެ ގޮތުގައެވެ. ވޭތުވެދިޔަ 10 އަހަރަކީ އަހަރެންގެ ޙަޔާތުގެ އެންމެ ބާއްޖަވެރި ދުވަސްތަކެވެ. ކުރިއަށް އޮތް ތަނުގައި މެދުވެރިވާނެ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ.

11/9 ގައި ހިނގާދިޔަ ޓްވިން ޓަވަރު ގޮއްވާލުމުގެ ޙާދިޘާ އަކީ އެއް ބަޔަކަށް ހިތާމަވެރި ޙާދިޘާ އެކެވެ. އެކަމަކު އެކަން ވީ އަހަންނަށް ޙަޔާތުގެ މަޤްޞަދު ހަނދުމަވެ، އެކަން ޤަބޫލުކުރުމުގެ ހިތްވަރު ލިބުމަށް މެދުވެރިވި ކަމަކަށެވެ. އަހަރެން އެދުވަހުގެ އެ ގޮއްވާލުމުގެ ޙާދިޘާ ހިނގާދިޔަ ގޮތާމެދު ހިތާމަ ކުރަމެވެ. އެއްވެސް ޝައްކެއްނެތެވެ. ﷲ އަކީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިންގެންވާ އަދި އެންމެ މޮޅަށް ރާއްވަވާ އިލާހެވެ. މި ޙާދިޘާ މެދުވެރިކުރެއްވުމުގެ ޙިކުމަތް އަހަރެމެންގެ ވިސްނުމާއި ހަމައަށް ނާދެއެވެ. އެހެނަސް އެއްކަމެއް ކަށަވަރެވެ. އެ ޙާދިޘާ އައި ގުޅިގެން އެތައް މިލިއަން ބަޔަކަށް އިސްލާމްދީން ދަސްކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔައެވެ. އަދި އެތައް މިލއަން މީހުން ޙަޔާތުގެ މަގު ކަމުގައި އިސްލާމްދީން ޤަބޫލުކުރުމަށް މެދުވެރިވުމުގެ ދޮރު ހުޅުވާލިއެވެ. އޭގެތެރެއިން އަހަރެން ވެސް ހިމެނިއްޖެއެވެ. އެކަމަށްޓަކައި އަހަރެން އަބަދުވެސް ﷲ އަށް ޝުކުރުވެރިވަމެވެ.

ކުރިމަގުގައި މެދުވެރިވާނީ ކޮންގޮތެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަހަރެންގެ އަމިއްލަ ނަފްސަށް އިތުބާރު ކުރަމެވެ. ތެދުމަގު ދެއްކެވުން އެދި ﷲ އަށް އަބަދުވެސް ދުޢާކުރާނަމެވެ. ތެދުމަގުގައި ޘާބިތު ކުރެއްވުން އެދި ﷲ އަށް އަބަދުވެސް ދުޢާކުރާނަމެވެ. އަހަރެންގެ ދަރިންނަށް އިސްލާމްދީން އުނގަންނައި ދިނުމަށް ﷲ ގެ އިރާދަފުޅާއެކު ހިތްވަރާއެކު މަސައްކަތްކުރާނަމެވެ. އަދި ހިނގާދިޔަ ޙާދިޘާތައް އެކުދިންނަށް ކިޔައިދޭނަމެވެ. އޭރުން އެކުދިން ބޮޑުވަމުންދާނީ ތާރީޚް އުނގެނުމާ އެކުއެވެ. އަހަރެއްގެ ތެރޭގައި އެމެރިކާގެ 20,000 މީހުން އިސްލާމްވުން 100,000 އަށް ވުރެ މައްޗަށް ގޮސްފައިވާ ގޮތެވެ. އަހަރެމެން އެންމެންގެ ވެސް ކުރިމަގު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަހަންނާއި އަހަރެންގެ ޢާއިލާ އިސްލާމްދީނުގެ ތެދުމަގުގައި ވަރުގަދަ އަށް ޘާބިތު ކުރެއްވުމަށް އެދި ﷲ އަށް ދުޢާ ދަންނަވަމެވެ.

(ނިމުނީ)

_____________

* ނޯޓް: މިވާހަކަ އަކީ އެމެރިކާގެ ޒުވާނަކު އޭނާ އިސްލާމްވާން މެދުވެރިވީ ސަބަބު ކިޔައިދީ އޭނާ އިނގިރޭސި ބަހުން ލިޔެ، 8 ސެޕްޓެމްބަރ 2011 ގައި  ޝާއިޢު ކޮށްފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާގެ ދެވަނަ ބައެވެ.

ވާހަކައިގެ ފުރަތަމަ ބައި ވިދާޅުވޭ!

_____________

ތަރުޖަމާ މުރާޖަޢާ ކުރީ : ޙަސަން ޝިޔާޒް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.