
އޮކްސްފޯޑު ޔުނިވާސިޓީގެ ކްރިސްޓްޗާޗް ކޮލެޖު، ފޮޓޯ: ވިކިޕީޑިއާ
އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީގެ ކްރިސްޓްޗާޗް ކޮލެޖުން ރާއްޖެ އަށް ދޭ ސްކޮލަޝިޕާމެދު ސަމާލުވުން މުހިއްމު ކަމަށް އަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.
އަދާލަތުޕާޓީގެ ވެބްސައިޓްގައި ރަސްމީ ކޮށް ޝާއިއުކޮށްފައިވާ ޚަބަރެއްގައި އިނގިރޭސިވިލާތުގެ އޮކްސްފޯޑުގެ ކްރިސްޓްޗާޗް ކޮލެޖް ނުވަތަ އޮކްސްފޯޑު މަސީޙީ ކޮލެޖުން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަޝިޕަކީ ރައީސް ނަޝީދު 2010 ވަނަ އަހަރު ޑިސެމްބަރު މަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެއްބަސް ވެފައިވާކަމެއް ކަމަށް ފޮރިންމިނިސްޓްރީގެ ވެބްސައިޓާއި ހަވާލާދީ ބުނެފައިވެއެވެ.
"މެދުއިރުމަތީގެ ޢަރަބި ޤައުމުތަކާއި ސަޢޫދީ ޢަރަބިއްޔާއާއި މިސްރުގެ އަލްޖާމިޢުލް އަޒްހަރުން ދީނީ ތަޢުލީމާއި އެހެނިހެން ތަޢުލީމުތައް ޙާސިލުކޮށްގެން އަންނަ މީހުންނަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި އަދި ޑިމޮކްރަސީއަށް ބިރުހުރި ޓެރެރިޒަމް ފެތުރުމަށް މަސައްކަތްކުރާ ބައެއްކަމަށް ރައީސް ނަޝީދާއި ކުރީގެ ޚާރިޖީވަޒީރު ޑރ ޝަހީދާއި އަދި މިހާރުގެ ޚާރިޖީވަޒީރު ނަސީމް ދުނިޔޭގެ ޞިޙްޔޫނީ އަދި ނަޞްރާނީ ބާރުތަކުގައި ރޮއި އާދޭސްކޮށް މި ތަންތަނަށް ދިވެހިން ދިޔުން ހުއްޓުވޭނީ ހުޅަނގުގެ ޞަލީބީ ވެރިކަން ހިންގާ ޤައުމުތަކަށް ދިވެހި މުސްލިމް ދަރިން ފޮނުވައިގެން ކަމަށް ތަފާތު އެތައް ފަހަރެއްގެ މަތިން އެދިފައި" ވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
ކްރިސްޓް ޗާޗް ކޮލެޖަކީ ޒަމާނީ ތަޢުލީމްދޭ ނަޞާރާ ދީނުގެ ކޮލެޖެއްކަމަށާއި މިތަނުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކުރި މީހުންނާއި ކެބިނެޓް މިނިސްޓަރުކަން ކުރި މީހުން އަދި ގިނަ އަދަދެއްގެ ނަޞާރާ ފާދިރީންގެ ގޮތުގައި މިއަދު ތިބި މީހުންވެސް ތަޢުލީމް ހާސިލްކޮށްފައިވާ ކަމަށް އަދާލަތުން ބުނެފައިވެއެވެ. އަދި މީގެ އިތުރަށް ވެސް މި ޔުނިވާސިޓީގެ ދަށުން ކުޑަކުދިންނަށް ޢިސާޢީ މަދަރުސާއެއް ހިންގާ ކަމަށާއި އެ މަދަރުސާގެ ނަމަކީ 'ކްރިސްޓްޗާޗް ކެތަޑިރަލް ސްކޫލް' ކަމަށް ވެސް އަދާލަތުން ބުނެފައިވެއެވެ.
އިނގިރޭސި ވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީގެ ކްރިސްޓްޗާޗް ކޮލެޖާއި ދިވެހި ސަރުކާރުން ޚަރަދުކުރާގޮތަށް ހަމަޖެއްސި ސްކޮލަޝިޕްގެ ދަށުން ކޮންމެ އަހަރަކު ރާއްޖޭގެ އެއް ދަރިވަރަކު ތިމާވެށީގެ ރޮނގުން މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލަޝިޕާއި ހަވާލުވެ ވަޑައިގެންފައިވަނީ ހައި ކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...