ދިއިސްލާމް ކުއްލިއްޔާގެ ދަރިވަރަކަށް މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އަންގާފައިވާ މައްސަލާގައި ޖަމްޢިއްޔަތުލް އަޚަވާތުން އެތަނުގެ ރެކްޓަރ އާއި ބައްދަލުކޮށްފި

ކުއްލިއްޔާގެ ދަރިވަރަކަށް މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އަންގާފައިވާ މައްސަލާގައި ޖަމްޢިއްޔަތުލް އަޚަވާތުން އެތަނުގެ ރެކްޓަރ އާއި ބައްދަލުކޮށްފި

ކުއްލިއްޔާގެ ދަރިވަރަކަށް މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އަންގާފައިވާ މައްސަލާގައި ޖަމްޢިއްޔަތުލް އަޚަވާތުން އެތަނުގެ ރެކްޓަރ އާއި ބައްދަލުކޮށްފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ - ފޮޓޯ: ވަސީމް ދ/ ދިއިސްލާމް

ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ކިޔަވާ ދަރިވަރަކު އޭނާގެ މޫނު ބުރުގާ ނަގައިގެން ކިޔަވަން އައުމަށް އަންގާފައިވާ މައްސަލާގައި މަދަނީ ޖަމްޢިއްޔާ އެއް ކަމަށްވާ ޖަމްޢިއްޔަތުލް އަޚަވާތުން، ކުއްލިއްޔާގެ ރެކްޓަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި މިއަދު ބައްދަލުކޮށްފިއެވެ.

އެ ޖަމްޢިއްޔާގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެލެއްވި އިސް އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު 13:20 ން 15:00 ށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެމައްސަލަ އަށް ހައްލެއް ލިބޭތޯ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ޑރ. ޒަކަރިއްޔާ އާއި ޙަވާލާދީ އޭނާ ވިދާޅުވީ މޫނު ބުރުގާ ނޭޅުމަކީ ޙަރާމް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، އެބޭފުޅާ އެގޮތަށް އެންގެވިއިރު އިސްލާމްދީނުގެ އެއްވެސް އަޞްލަކާއި އެ އެންގުން ޚިލާފްވޭތޯ ބައްލަވާފައިވާ ކަމަށެވެ. އަދި ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވަނީ އެކަން ބޮޑު މައްސަލަ އަކަށް ވާނީ ޙަރާމް ކަމެއް ކުރަން ގޮވާލިނަމަ ކަމަށެވެ. ކުއްލިއްޔާގެ ޤަވާއިދުގައި ކަނޑައެޅިގެން ސަރީޚަ އިބާރާތުން މޫނު ބުރުގާ މަނާ ކަމަށް ނެތްކަމުގައި ވިޔަސް، އެތަނުގެ ޤަވާއިދު އޮންނަނީ ސިވިލް ސަރވިސްގެ ކޯޑާއި އެއްގޮތަށް ކަމަށާއި، އިސްލާމީ ޘަޤާފަތާއި ގުޅޭ ގޮތަށް ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވި އެވެ.

ކުއްލިއްޔާ އަށް ގަޔަށް ބާރު އިސްލާމީ އުޞޫލާއި ޚިލާފް ހެދުން އަޅައިގެން އަންހެން ކުދިން ދާ މައްސަލާގައި އިންޒާރު ނުދެނީ ކީއްވެގެންތޯ އަޚަވާތުގެ ފަރާތުން ސުވާލުކުރުމުން، ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވަނީ އެގޮތަށް ހެދުން އަޅާ ކުދިންނަށް ވެސް އެކަން ރަނގަޅުކުރުމަށް އަންގަމުންދާ ކަމަށެވެ.

އަޚަވާތުގެ ބައްދަލުވުމުގައި ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވަނީ މޫނު ބުރުގާ އަޅައިގެން އެތަނަށް ކިޔަވަންދާ ދަރިވަރު ކޯހަށް އެޕްލައިކުރި އިރުވެސް މޫނުބުރުގާ އަޅައިގެން ކިޔަވަން ނާދެވޭނެ ކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ދަރިވަރު ބުނެފައި ވަނީ އޭނާ ކޯހަށް އެޕްލައިކުރަންވެގެން މަޢުލޫމާތު ސާފުކުރުމުން، މޫނުބުރުގާ އަޅައިގެން އެތަނަށް ކިޔަވަން ދިއުމުގެ ފުރުޞަތު އޮތްކަން އެނގުނު ކަމަށެވެ. އަދި ކޯހަށް އިންޓަވިއު ކުރި ޕެނަލުން ވެސް މޫނު ބުރުގާ އަޅައިގެން ކިޔަވަން އައުން މައްސަލައެއް ނެތްކަމުގައި ވިދާޅުވެފައިވާ ކަމަށެވެ.

އަޚަވާތާއި ވާހަކަ ދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވަނީ ކޮންމެ ތަނެއްގަވެސް އެއޮންނަ ޤަވާއިދު ތަކާއި ޤާނޫނުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. އިސްލާމީ ތަޢުލީމްދޭ ތަނެއްގައި އިސްލާމީވަންތަ ހެދުމެއް އެޅުމުގެ ފުރުޞަތު ނުލިބެންވީ ސަބަބާއި ބެހޭ ގޮތުން އަޚަވާތުން ސުވާލުކުރުމުން މައިގަނޑު ގޮތެއްގައި ޑރ. ޒަކަރިއްޔާ ވިދާޅުވެފައި ވަނީ އެތަނުގެ ޑްރެސް ކޯޑާއި ޤަވާއިދުތަކުގެ ވާހަކަ އެވެ. ޑރ. ޒަކަރިއްޔާ ވިދާޅުވީ އެގޮތަށް އޮންނަނީ އެއްވެސް މީހަކު ތަޢުލީމުން މަޙްރޫމްކުރާކަށް ނޫން ކަމަށެވެ.

އަޚަވާތުގެ ފަރާތުން ވިދާޅުވީ އެގޮތަށް ކުއްލިއްޔާގެ ޤަވާއިދު އޮންނަ ކަމުގައިވާ ނަމަ، ޤާނޫނު އަސާސީ އާއި ވެސް ޚިލާފްވާ ކަމަށެވެ. އެއީ މީހެއްގެ ފަރުދީ އަދި އަސާސީ ޙައްޤަކުން މަޙްރޫމް ނުކުރެވޭނެތީ އެވެ.

މިބައްދަލުވުމުގައި ޑރ. ޒަކަރިއްޔާ ވިދާޅުވީ އެތަނުގެ ޤަވާއިދު ހަދަނީ ވަކި ކައުންސިލަކުން ކަމަށާއި، އެކައުންސިލްގެ ބޭފުޅުންނާއި އެކަމާ ބެހޭގޮތުން ޒަކަރިއްޔާ ވާހަކަދެއްކުމުން އެބޭފުޅުން ވިދާޅުވެފައި ވަނީ އެއީ ޒަކަރިއްޔާ އާއި ބެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ޑރ. ޒަކަރިއްޔާ އަކީ ޤަވާއިދު ތަންފީޛް ކުރުމަށް ހުންނަވާ ބޭފުޅެއް ކަމަށް ކައުންސިލް ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުމުގެ ހުއްދަ ހޯދުމުގެ ކަންތަކުގައި ބައްދަލުކުރަން ޖެހޭނީ އެ ކައުންސިލާއި ތޯ އަޚަވާތުން ސުވާލުކުރުމުން، ޑރ. ޒަކަރިއްޔާ ވިދާޅުވީ އެކަމުގައި އިތުރަށް ކުރިއަށް ގެންދަންވީ ކަމަށެވެ. އަދި އެކަމަށް އެންމެ ފުރިހަމަ ކާމިޔާބީ އާއި ކުރިއެރުން އެދޭ ކަމަށެވެ.

އަޚަވާތުގެ އޮފިޝަލް ވިދާޅުވީ މި މައްސަލާގައި ޑރ. ޒަކަރިއްޔާ އާއި ބައްދަލުކުރުމުން މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށާއި، މޫނު ބުރުގާ އަޅައިގެން ކިޔަވަން އާދެވޭނެ ކަމަކަށްވެސް އަދި ޤަވާއިދު ބަދަލުކުރައްވާނެ ކަމަކަށްވެސް އެބޭފުޅާ ވިދާޅުވެފައި ނުވާ ކަމަށެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ މިމައްސަލާގައި އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރުމަށް މާދަމާ ސިޓީ ހުށަހަޅާނެ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ބައްދަލުކުރުމަށް އެ ޖަމްޢިއްޔާ އިން ނިންމާފައިވާ ކަމަށެވެ.

މިބައްދަލުވުމުގައި އެ ޖަމްޢިއްޔާގެ ރައީސާގެ އިތުރުން، އަލްއުސްތާޛާ އަނާރާ ނަޢީމް އާއެކު ޖުމްލަ 6 އަންހެން ބޭފުޅުން އަޚަވާތުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކުއްލިއްޔާގެ ފަރާތުން ޑރ. ޒަކަރިއްޔާގެ އިތުރުން 3 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.