އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް" ގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް އިއްޔެ "ސަން" އޮންލައިނަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ ސިވިލޭ ވިއޭޝަން ޑިޕާޓްމަންޓުން އެލްއަލްގެ ފުލައިޓްތައް ރާއްޖެ ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި އެފްލައިޓްތައް އުދުހުމަށް "ސިވިލޭވިއޭޝަންގެ އެއްވެސް މައްސަލައެއް" ނެތް ކަމަށެވެ. އާދިލް ވިދާޅުވެފައި ވަނީ ސަރުކާރުގެ އެހެން މުއައްސަސާތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް އަދި ނުނިމޭތީ އެއާލައިން އަށް އުދުހުމުގެ ހުއްދަ އަދި ދީފައި ނުވާ ކަމަށެވެ.
އިޒްރޭލްގެ ފްލައިޓްތަކަށް ހުއްދަ ދިނުމަށް އެހެން މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ނިންމޭ ވަރުވާނީ ސާކް ސަމިޓްގެ ފަހުން ކަމަށް އާދިލް އެނޫހަށް ވިދާޅުވެފައި ވެއެވެ.
އިޒްރޭލްގެ އެލްއެލްގެ ފްލައިޓްތައް ރާއްޖެ އައުމުގެ ހުއްދަ އަށް އެދިފައި ވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ދަތުރުތައް ފެށުމަށެވެ.
ރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކުން ދަނީ އިޒްރޭލުގެ އެއްވެސް އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ކުރުމުގެ ހުއްދަ ދިނުމަށް ދެކޮޅުހަދާ އަޑުއުފުލަމުންނެވެ.
ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީން ވަނީ އިޒްރޭލުގެ ފްލައިޓްތަކަށް ރާއްޖެ އައުމުގެ ހުއްދަދީ އެފްލައިޓްތައް ރާއްޖެ އަށް ދަތުރުކުރަން ފަށާ ދުވަހަކީ އެޕާޓީން ސަރުކާރުން ވަކިވާނެ ދުވަސް ކަމަށް މީގެ ކުރިން އިޢުލާންކޮށްފައެވެ. އަދި ދުނިޔޭގެ 50 ހަކަށް އިސްލާމީ ގައުމު ތަކުގެ ތެރެއިން 48 ގައުމުގައި އިޒްރޭލުގެ ފްލައިޓްތައް ޖައްސަން ހުއްދަ ނުދެނީ ސަބަބުތަކެއް އޮވެގެން ކަމަށް ޢަދާލަތުން ބުނެފައިވެއެވެ. އެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އިޒްރޭލަކީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޢަދުއްވުން ކަމަށް ވުމާއި، މުސްލިމުންގެ މުގައްދަސް ބިންތައް ފޭރިގެންފައިވާ ގައުމެއް ކަމުގައި ވުމާއި، އަދި އިޒްރޭލަކީ ކެނޑިނޭޅި ފަލަސްޠީނުގެ މުސްލިމުންނަށް އަނިޔާކޮށް، މަރައި އެމީހުންގެ ގެދޮރުން ބޭރު ކުރަމުން ދާ އަނިޔާވެރި ގައުމެއް ކަމާއި އަދި އިޒްރޭލުގެ ފްލައިޓް ތަކަކީ ހަގުރާމަވެރީންގެ އަމާޒަކަށް ވުމުން އެ ފްލައިޓް ތަކުގެ ސަބަބުން ވަރަށް ބޮޑެތި ސެކިއުރިޓީ މަސްއަލަ ތައް ދިމާވެދާނެތީ ކަމަށް ޢަދާލަތުން ބުނެފައި ވެއެވެ.
އިޒްރޭލުގެ ޒަޔަނިސްޓުންނާއި ދިވެހި ސަރުކާރުން ގުޅުން ބަދަހިކުރާތީ އެކަމާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން އެކިފަހަރު މަތިން މުޒާހަރާ ކޮށްފައި ވެއެވެ. އަދި މިމަހުގެ ތެރޭގައި ދަނޑުވެރިކަން ކުރުމުގެ ބަހަނާގައި ސަރުކާރުން ރާއްޖެ ގެނައުމަށް ހަމަޖެއްސި އިޒްރޭލުގެ ޒަޔަނިސްޓުންގެ ވަފްދާއި ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަޑުއުފުލަން ފަށާފައި ވަނިކޮށް، އެ ދަތުރު މިހާރު ވަނީ ސަރުކާރުން ކެންސަލްކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...