އެބޭފުޅާ އަށް ވުރެ ވަކިން ބޮޑަށް އިސްލާމްދީނަށް ލޯބިވެވޭނެ އެއްވެސް މީހަކު މިރާއްޖޭގައި ނުހުންނާނެ ކަމަށާއި، އެކަމަށް އެއްވެސް މީހަކު ވަކާލާތު ކުރާނެ ކަމެއްވެސް ނެތް ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
އިބްރާ މިހެން ވިދާޅުވީ ރޭ އެމްއެންބީސީ ވަންގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދާމެދު ވާހަކަ ދައްކަވަމުން، އިސްލާމިކް ފައުންޑޭޝަންގެ އޮފް ދަ މޯލްޑިވްސްގެ ފަރާތުން އެ ޕްރޮގްރާމްގައި ބައިވެރިވެލެއްވި އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުންނެވެ.
"އަޅުގަނޑުގެ ދީން އިސްލާމްދީނަކީ. ދިވެހި ރައްޔިތުންނަށް އަޑުއިވިވަޑައިގަންނަވާ ވަރަށް އަޅުގަނޑު މިބުނަނީ. އަޅުގަނޑަކީ މުސްލިމެއް. ދިވެހިރާއްޖޭގައި އަޅުގަނޑަށް ވުރެ ވަކިން ބޮޑަށް އިސްލާމްދީނަށް ލޯބިވެވޭނެ އެއްވެސް މީހަކު ނުހުންނާނެ. އެކަމަށް އެއްވެސް މީހަކު ވަކާލާތު ކުރާނެ ކަމެއްވެސް ނެތް" އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ އެބޭފުޅާ އަކީ އިސްލާމްދީން ދެކެ ލޯބިވާ މީހެއް ކަމަށާއި، އެބޭފުޅާ އާ ދިމާއަށް އިސްލާމްދީން ދެކެ ލޯބިނުވާ މީހެކޭ އެއްވެސް މީހަކު ބުނުމަކީ ވަރަށް ރުޅިއަންނަ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ރުޅިއަންނަ ކަމެއް އަޅުގަނޑާ ދިމާއަށް އިސްލާމްދީން ދެކެ ލޯބިނުވާ މީހެކޭ އެއްވެސް މީހަކު ބުނުން އެއީ. އަޅުގަނޑަކީ އިސްލާމްދީން ދެކެ ލޯބިވާ މީހެއް" އިބްރާ ވިދާޅުވި އެވެ.
ޝައިޚް ފަރީދު ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ މީހަކު އެޤަވާއިދު ދިފާޢު ނުކުރާނެ ކަމަށެވެ.
ރޭގެ ޕްރޮގްރާމް ގައި އިބްރާ އާއި، ޝައިޚް ފަރީދުގެ އިތުރުން ބައިވެރިވެލެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް ޙުސައިން ރަޝީދު އަޙްމަދު އެވެ.
އިބްރާ އަކީ އެ ޤަވާއިދު އެކުލަވާލުމުގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...