މެލޭޝިއާގެ އިސްލާމިކް އިންސްޓިޓިއުޓް "އިލިމް" ގެ ފަރާތުން 2011 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ "އިމާމް ޕްރޮފެޝަނަލިޒަމް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިދިޔަ ބުދަ ދުވަހު ހުޅުވާލައިފި އެވެ.
10 ނޮވެމްބަރ 2011 ން 24 ނޮވެމްބަރ 2011 ށް މެލޭޝިއާގައި ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގެ 30 ޖާގަ އަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި މި ކޯހުގައި ބައިވެރިކުރެވޭނީ ކުރިން "އިމާމް ޕްރޮފެޝަނަލިޒަމް" ގައި ބައިވެރިވެފައި ނުވާ ފަރާތްތަކަށެވެ. ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ ޚަރަދުތައް އިންސްޓިޓިއުޓްގެ ފަރާތުން ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ޓިކެޓްގެ ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ބައިވެރިން އަމިއްލަ ފުޅަށް ކަމަށް އެމިނިސްޓްރީން ބުނެއެވެ.
އިތުރަށް އެމިނިސްޓްރީން ހާމަކުރާ ގޮތުގައި ކޯހަށް ކުރިމަތިލާ މީހުންގެ ޢަދަދު 30 މީހުންނަށް ވުރެން ގިނަ ވެއްޖެނަމަ ބައިވެރިން ހޮވާނީ ތަޢުލީމީ ފެންވަރަށް ބަލައި އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ.
މިކޯހުގައި ބައިވެރިވުމަށް އެދޭ ބޭފުޅުން އިސްލާމިކް މިނިސްޓްރީ އަށް ސިޓީ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ.
ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީގެ ނަމްބަރ 3315166 ނުވަތަ 9996465 ފޯނާއި ގުޅުއްވުމަށް އެމިނިސްޓްރީން އެދިލައްވައެވެ.
މިކޯހަކީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިވެގެން މިދިޔަ އަހަރުން ފެށިގެން ލިބެމުންދާ ކޯހެކެވެ. މިދިޔަ އަހަރު މިކޯސް ބާއްވާފައި ވަނީ ނޮވެމްބަރ 22 ން ޑިސެމްބަރ 4 ށެވެ. އެފަހަރު ރާއްޖެއިން 28 އިމާމަކު ވަނީ މެލޭޝިޔާއަށް ގޮސް ކޯސް ފުރިހަމަ ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...