ދިވެހިން ތިބޭނީ ފަލަސްތީނާއި އެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިހެން ހާމަކޮށްފައި މިވަނީ މިއަދު ފެށޭ އދ ގެ އާއްމު މަޖިލީހުގައި ބައިވެރި ވުމަށް ފޮރިން މިނިސްޓަރ އަހުމަދު ނަސީމު ފުރައިވަޑައި ގަތުމުގެ ކުރިން ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނެއްގައެވެ.
އަދި ދިވެހި ރާއްޖެ އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދު ކުރައްވާ ކަމަށާއި އަދި އެގޮތަށް އެކަން ބަލައިގަތުމަށް ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ދިވެހި ސަރުކާރުން ގޮވާލައްވާފައިވެއެވެ.
ގިނަ ދުވަސް ތަކެއް ވަންދެން ފަލަސްތީނު ރައްޔިތުން އަސާސީ ގިނަ ހައްޤު ތަކަކަށް އިންތިޒާރު ކޮށްފި ކަމަށާއި އެ ހައްޤުތައް ފަލަސްތީނަށް ލިބިދޭން ޖެހޭކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެމެރިކާއިން ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހައްދަވާތީ އެކަމަށްވެސް މި ބަޔާނުގައި ފާޑު ވިދާޅުވެފައިވެއެވެ. މި ބަޔާނުގައި ވަނީ މިނިވަން އަމިއްލަ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމުން ސުލްހައިގެ ވާހަކަ ތަކަށް ހުރަސް އެޅޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމުން އެއްހަމައެއްގައި ސުލްހައިގެ ވާހަކަ ދެއްކުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ.
އަދި އެމެރިކާއިން އެހެން ގައުމުތަކަށް އަމިއްލަ ދައުލަތުގެ ދަރަޖަ ދިނުމަށް ތާއީދު ކުރާ ފަދައިން މި ފަހަރުވެސް އެކަން ދަމަހައްޓަވާނެ ކަމަށް އުންމީދު ކުރާ ކަމުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރުން މިހެން ބުނެފައި މިވަނީ ޑީއާރުޕީ އާއި އަދާލަތު ޕާޓީއިން ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދެއްވުމަށް ސަރުކާރުގައި އެދެފައި ވަނިކޮށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...