ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ނަގާ ވޯޓުގައި ފަލަސްތީނާއި އެއްކޮޅަށް ވޯޓުދެއްވައި ، ރަހުމަތްތެރި ޤައުމުތަކުގެ ތާއީދު މިކަމުގައި ފަލަސްތީނަށް ހޯއްދަވައިދެއްވުމަށް ޑީއާރުޕީއިން ސަރުކާރުގައި އެދެފިއެވެ.
މިކަމަށް އެދިފައިވަނީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ސޮއި ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރަށް އިއްޔެ ފޮނުއްވި ސިޓީ އެއްގައެވެ.
އެ ސިޓީގައި ޑީއާރުޕީ އިން ބުނެފައިވަނީ އދ. ގައި މާދަމާ ފެށޭ ދުނިޔޭގެ ވެރިންގެ ބައްދަލުވުމުގައި ފަލަސްތީނަކީ އދ ގެ ފުރިހަމަ މެމްބަރެއް ކަމުގައި ވުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތާއި އެއްކޮޅަށް ވަކާލާތު ކޮށް ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދެއްވުމަށެވެ. އަދި މިކަމުގައި ދިވެހި ރާއްޖެ އާއި ރަހުމަތްތެރި ގައުމު ތަކުގެ ތާއީދު ހޯއްދެވުމަށްވެސް ޑީއާރުޕީ އިން ފޮނުވި ސިޓީގައި އެދިފައިވެއެވެ.
އިތުރަށް އެ ސިޓީގައި ވަނީ މިއީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންވެސް އެދޭނެ ގޮތްކަމަށް ޑީއާރުޕީ އިން ޤަބޫލުކުރާ ކަމުގައެވެ.
ދިވެހި ސަރުކާރުން ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ވުމަށް ކުރާ މަސައްކަތަށް ތާއީދު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ފަލަސްތީނުން އދ ގެ ފުރިހަމަ މެމްބަރު ކަމަށް އެދި ހުށަހަޅާނީ މިމަހު 23 ވަނަ ދުވަހު ފަލަސްތީނުގެ ރައީސް އައްބާސް އދ ގައި ވާހަކަފުޅު ދެއްކެވުމަށް ފަހުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...