ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން އިސްލާމީ މަރުކަޒު ފިޔަވައި ދިވެހިރާއްޖޭގައި ހުރި ހުރިހާ މިސްކިތްތަކެއް ބެލެހެއްޓުން ކައުންސިލްތަކާ ޙަވާލުކުރަން ހަމަޖެހިފައިވާ އިސްލާމިކް މިނިސްޓަރު ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ހުރިހާ މިސްކިތްތަކާއި އެތަންތާނގައި މަސައްކަތްކުރާ ހުރިހާ މުޥައްޒަފުން މިހާރު ވާނީ ރަށު ކައުންސިލްތަކާ ޙަވާލުކުރެވިފައިކަމަށެވެ. އަދި މާލޭގައި ހުރި 33 މިސްކިތްވެސް މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށާއި އެކަންތައް ލަސްވެފައިވަނީ ބަލަންޖެހޭ ބައެއް ކަންތައްތައް ހުރުމުން ކަމަށެވެ. އަދި އެމިސްކިތްތަކުގައި މަސައްކުރާ އިމާމުންނާ ޖަމާޢަތްތެރީންނާ އިދާރީ މުއައްޒަފުންވެސް ސިޓީ ކައުންސިލްގެ ބެލުމުގެދަށަށް ބަދަލުުކުރަން ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިސްކިތްތައް ކައުންސިލްތަކާ ޙަވާލުކުރެވުނަސް އިމާމުން ތަމްރީނުކުރުމާއި އިމާމުންނަށް ހުއްދަދޫކުރުމާއި އަދި އިސްލާމީ މަރުކަޒު ބަލެހެއްޓުމުގެ ކަންތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ގެންދާނީ އިސްލާމިކް މިނިސްޓްރީންކަމަށެވެ.
މަޞްދަރު: ސަން

ކޮމެންޓް (0)
ލޯޑް ކުރަމުން...