ދިއިސްލާމް އެހެން ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ދީނީ އެއްބައިވަންތަކަމާބެހޭ ޤަވާއިދު ހުއްޓުވާ ބާޠިލުކުރަން މަސައްކަތްކުރާނަން: އިސްލާމިކް ފައުންޑޭޝަން

އެހެން ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ދީނީ އެއްބައިވަންތަކަމާބެހޭ ޤަވާއިދު ހުއްޓުވާ ބާޠިލުކުރަން މަސައްކަތްކުރާނަން: އިސްލާމިކް ފައުންޑޭޝަން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު - ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

އިއްޔެ ރައީސް އޮފީހުން ގެޒެޓް ކުރި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާއިދު ހުއްޓުވާ ބާޠިލުކުރުމަށް އެހެން ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، އެޤަވާއިދު ބާޠިލްކުރުމަށް އެދި ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) އިން މިއަދު ބުނެފި އެވެ.

އެ ޖަމްޢިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެލެއްވި ޤާނޫނީ ވަކީލު ޝަހީމް އަޙްމަދު ވިދާޅުވީ، އެ ޤަވާއިދު ހަދާފައިވަނީ ފެހި ޤާނޫނޫ އަސާސީގެ ދަށުން ބާޠިލު ވެފައިވާ "ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު" ގެ ދަށުންކަމަށް ވާތީ އެއީ ކަނޑައެޅިގެން ބާޠިލް ޤަވާއިދެއް ކަމަށެވެ.  އަދި އެ މައްސައްލަ ސުޕްރީމް ކޯޓަށް ވައްދަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ގަވާއިދު ހެދުމުގެ ބާރެއް ލިބިގެން ނުވާ ކަމަށާއި އެއީ ޣައިރު ޤާނޫނީ ގަވާއިދެއް ކަމަށެވެ.

އައިއެފްއެމް އިން ވަނީ "ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު" ބާޠިލް ކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެލެއްވި އައްޝައިޚް އަބޫބަކުރު އިބްރާހީމް ވިދާޅުވީ ﷲ ލައުނަތް ލައްވާފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަ ދެއްކުން އެ ޤަވާއިދުން ވަރަށް ބޮޑަށް ހަނިކޮށް، މަނާކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޤުރުއާނުގައި ކާފަރުންގެ ވާހަކަތައް ބަޔާންވެގެންވާ އިރު، އެ ޤަވާއިދުން އެމީހުންގެ ވާހަކަ ދެއްކުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އައިއެފްއެމްގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް އައްޝައިޚް އިބްރާހިމް ފަރީދު ވިދާޅުވީ ޤަވާއިދު އެކުލަވާލާފައިވަނީ ކީރިތި ގުރުއާނާއި ޚިލާފަށް ކަމަށެވެ. އަދި އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަށް އެ ގަވާއިދު އަލުން މުރާޖަޢާ ކުރެއްވުމަށް ޝައިޚް ފަރީދު ގޮވާލާފައިވެއެވެ. ޝައިޚް ފަރީދު ވިދާޅުވީ އެޤަވާއިދަކީ ޤާނޫނު އަސާސީ އާއި ފުށުއަރާ ޤަވާއިދެއް ކަމަށާއި ޤާނޫނު އަސާސީ އިން ދީފައިވާ ފުރުޞަތުތައް ހަނިކުރާ ޤަވާއިދެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލައި ރައީސް އޮފީހަށް ގެޒެޓްކުރުމަށް ފޮނުވި އަޞްލު ޤަވާއިދަށް ރައީސް އޮފީހުން ވަނީ ސަރުކާރު ބޭނުންވާ ގޮތަށް އެކި މާއްދާތައް އުނިއިތުރުކޮށް ގެޒެޓްކުރިއިރު ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބައްދަލުވުމުގައި މިކަމާމެދު އައިއެފްއެމް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.