
އިސްލާމީ އިޤްޠިޞާދާއި ބެހޭ ގޮތުން ރޭ ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މަދަނީ ޖަމްޢިއްޔާ އެއް ކަމުގައިވާ މުސްލިމުންގެ ގުޅުމުގެ ފަރާތުން އިންތިޒާމްކޮށްގެން އިސްލާމީ އިޤްޠިޞާދާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޝަރީޢާ ބޯޑްގެ މެމްބަރ، ޑރ. އީޖާޒް އަޙްމަދު ޞަމަދާނީ އެވެ. މަލްޓިމީޑިއާ ޕްރެޒެންޓޭޝަނުގެ އެހީގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި އިޤްޠިޞާދީ ނިޒާމްތައް ކަމުގައިވާ ކެޕިޓަލިޒަމް އާއި ސޯޝަލިޒަމްގެ ތަފާތާއި، އެނިޒާމްތަކުގައި ހުރި ގޯސް ކަންތައްތަކާއި، އިސްލާމީ އިޤްޠިޞާދީ ނިޒާމްގައި އެކުލެވޭ ކަންތައްތަކާއި ބެހޭ ގޮތުން ޑރ. އީޖާޒް ކިޔައިދެއްވިއެވެ.
ޑރ. އީޖާޒް ވިދާޅުވީ އިސްލާމްދީނުގައި އިންސާނީ ޙަޔާތުގެ ހުރިހާ ކަމަކަށް އިރުޝާދު ދެއްވާފައިވާ ކަމަށާއި، އެގޮތުން އަޤީދާ އާއި އަޅުކަމާއި، މުޢާމަލާތާއި، އަޚްލާޤާއި، އިޖްތިމާޢީ ދިރިއުޅުން ފަދަ އެންމެހާ ކަންތައްތަކެއް މިދީނުގައި ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ މުސްލިމުންގެ ޙަޤީޤީ ލަނޑުދަނޑި އެހެން މީހުންނާއި ތަފާތު ކަމަށާއި އެއީ އާޚިރަތްދުވަހު ކާމިޔާބު ހޯދުން ކަމަށެވެ. އަދި ވިދާޅުވީ ހަމައެކަނި މާއްދިއްޔަތުގެ ނަޒަރިއްޔާތުން ވިސްނައިގެން އިންސާނާ އަށް ހަމަޖެހޭ ދިރިއުޅުމެއް ޙާޞިލް ނުކުރެވޭނެ ކަމަށެވެ.
ޑރ. އީޖާޒް ވިދާޅުވީ އިސްލާމްދީނުގައި ބައެއް އިޤްޠިޞާދީ ހަރަކާތްތަކަކީ ޙަރާމް ކަންތައްތައް ކަމަށާއި، މިސާލެއްގެ ގޮތުން ރިބާ އާއި، ޖުވާކުޅުން ފަދަ ކަންތައްތަކަކީ އެއްވެސް ތަނެއްގައި އެއްވެސް ހާލެއްގައި ހުއްދަ ނުވާނެ ކަންތައްތައް ކަމަށެވެ. ޑރ. އީޖާޒްގެ ސެޝަންގައި އިސްލާމީ އިޤްޠިޞާދީ ނިޒާމުގައި އާމްދަނީ ބެހިގެންދާ ގޮތް ކިޔައިދެއްވިއެވެ.
ދޮޅުގަޑިއެއްހާއިރު ވަންދެން ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ބައިވެރިންގެ ސުވާލުތަކަށް ޑރ. އީޖާޒް ޖަވާބު ދެއްވިއެވެ. ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އީޖާޒް ވިދާޅުވީ އިންފްލޭޝަން ނުވަތަ ފައިސާގެ އަގު ދަށްވުމާއި ގުޅިގެން ތަކެތީގެ އަގު އުފުލެން ދިމާވަނީ އިންޓަރެސްޓް (ރިބާ) އަށް ބިނާވެފައިވާ ނިޒާމްގެ ސަބަބުން ކަމަށެވެ.
މިބައްދަލުވުމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި، ފިނޭންސް މިނިސްޓަރ އަޙްމަދު އިނާޒް އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބައެއް އިސްވެރިންނާއި، ސަރުކާރު އެހެން މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
















ޚިޔާލު