"މުސްލިމުން ބަނޑަށް މަރުވަނީ" މިނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) ގެ ފަރާތުން އިންތިޒާމުކޮށްގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ސެޕްޓެމްބަރު 23 ވާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
މާލޭގެ އާޓިފިޝަލް ބީޗް ގައި އެރޭ 20:45 ގައި އޮންނަ މިދަރުސް ދެއްވާނީ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އާއި އައްޝައިޚް އަބޫބަކުރު އިބްރާހީމް އެވެ. މިދަރުސްގެ އެންމެ ބޮޑު މަޤްޞަދަކީ މުސްލިމް ޤައުމެއްކަމުގައިވާ ސޯމާލިއާގެ ރައްޔިތުން މިވަގުތު ތަޙައްމަލު ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ވޭނީ އިޙްސާސް ދިވެހި ރައްޔަތުން އަންގައިދީ އެ ޤައުމުގެ އެއަޚުންނާ އުޚްތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުން ކަމަށް އެ ޖަމްޢިއްޔާ އިން ބުނެއެވެ. އައިއެފްއެމް އިން ބުނާ ގޮތުގައި ކުރިން މިރޭ ބޭއްވުމަށް ހަމަޖެއްސި މި ދަރުސް ފަސްކުރެވުނީ މޫސުމް ގޯސްވުމުގެ ސަބަބުންނެވެ.
މި ދަރުސް ފެށުމުގެ ކުރިން ސޯމާލިއާގެ ހާލަތު ބަޔާންކޮށްދޭ 5 މިނެޓްގެ ޑޮކިއުމެންޓަރީއެއް ދެއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި ދަރުސް ކުރިއަށްދާ ވަގުތު ސޯމާލިއާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެލައްވާ ބޭފުޅުން އެހީތެރިކަން ފޯރުކޮށްދެއްވުމަށްޓަކައި އެސަރަޙަދުގައި ފަންޑު ފޮށިތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް އައިއެފްއެމް އިން ހާމަކުރެއެވެ.
މި ދަރުސް އެމްއެންބީސީ ވަން އާއި ރޭޑިޔޯ އެޓޯލް އިން ވަގުތުން ދުރަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...