އޭ ލޮބުވެތި މުސްލިމު އަޚާއެވެ! އޭ މިސްކިތް ދޫކޮށް ގޭގައި ނަމާދުކުރާ މީހާއެވެ! ތިޔަގޮތަށް ދުނިޔޭގައި ކިތަންމެ ދުވަހަކު ދިރިއުޅުނު ކަމުގައި ވިޔަސް ތިބާ މިސްކިތަށް ވަންނަން ޖެހޭނެއެވެ. ދިރިހުރި ޙާލުގައެވެ. ނުވަތަ
މަރުވުމަށްފަހުގައެވެ.
އޭ ލޮބުވެތި އަޚާއެވެ! ތިބާގެ ދިރިހުރި ޙާލު މިސްކިތަށް އަރާށެވެ. މީސްތަކުންގެ ކޮނޑުތައް މަތީގައި އުފުލައިގެން ތިބާ މިސްކިތަށް ވެއްދޭ ދުވަސް އައުމުގެ ކުރީގައެވެ. އެދުވަހު ނަމާދު ކުރާނީ ތިބާއެއް ނޫނެވެ. އެދުވަހު ތިބާގެ މައްޗަށް ނަމާދު ކުރާނީ އެހެން މީހުންނެވެ. އެދުވަހުން ތިބާގެ މުދަލާއި، ދަރިންނާއި، ތިބާގެ ޖާހާއި ނަސަބަކުން ތިބާއަކަށް ފައިދާއެއް ނުކުރާނެއެވެ. ތިބާ އެކަމަކަށްޓަކައި ﷲގެ ޙަޟްރަތަށް ޙާޟިރުވެ، އެއިލާހަށް އަޅުކަންކުރުމުން މަޝްޣޫލު ކުރުވި ކަންތައްތަކެއްވެސް ތިބާއަކަށް މަންފާއެއް ހޯދައި ނުދޭނެއެވެ.
ތިބާއަށް މަންފާއެއް ލިބޭނީ ތިބާކުރި ޞާލިޙު ޢަމަލަކުންނެވެ. ތިބާ އާއެކީ އަނދިރިކަމުން ފުރިގެންވާ ކަށްވަޅުގެ ތެރެއަށް ދާނީ އެ ޢަމަލެވެ. އެހެންކަމުން ތިބާގެ ޢަމަލުތައް އެއީ ﷲ ރުހިވޮޑިގަންނަވާ ޢަމަލު ތަކަކަށް ހަދާށެވެ. ފަސްވަގުތު ގޮވާލެވޭ ﷲ ގެ ނިދާއަށް އިޖާބަދޭށެވެ.
ﷲގެ ގެކޮޅުތައް އާބާދު ކުރާށެވެ. ﷲ ތިބާގެ ގެ އާބާދުކޮށްދެއްވާނެއެވެ. އަދި ތިބާއަށް ނޭނގޭ ގޮތްގޮތުން ތިބާ އަށް ރިޒުޤު ދެއްވާނެތެވެ.
(މިއީ 18 އޮކްޓޯބަރ 2008 ގައި ނޫރުލްއިސްލާމްގައި ޝާއިޢު ކުރެވުނު ލިޔުމެކެވެ.)
ކޮމެންޓް (0)
ލޯޑް ކުރަމުން...