ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއްގެ ފިޝަރީޒް ސައިންސް ޕްރޮޖެކްޓްގެ ފީލްޑް ޓްރިޕެއްގައި ކ.ހުރާ އަށް ގޮސް މޫދަށް އެރި އުޅުމުގެތެރޭގައި ގެނބިގެން ނިޔާވި އެސްކޫލްގެ ޕްރިންސިޕަލާއި 4 ދަރިވަރުންގެ ޖަނާޒާ ރޭ ބާއްވައިފިއެވެ.
މި މީހުންގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ރޭ 22:15 ހާއިރު އިސްލާމީ މަރުކަޒްގައެވެ. އިމާމްވެ ކަށުނަމާދު ކޮށްދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓްރަ ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީއެވެ. ކަށުނަމާދުގައި ގިނަ ޢަދަދެއްގެ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ބައިވެރިވިއެވެ.
ނިޔާވި މީހުން އާސަހަރާގައި ވަޅުލާފައި ވަނީ ރޭ 23:10 ހާއިރުއެވެ. ވަޅުލުމަށްޓަކައި އާ ސަހަރާ އަށް ގިނަ ޢަދަދެއްގެ ބަޔަކު ގޮސްފައިވެއެވެ.
އިއްޔެ ހެނދުނު ހިނގި މި ހާދިޘާގައި ނިޔާވީ ސްކޫލުގެ ޕްރިންސިޕަލް ވ.ފެލިދޫ މޫނިމާގެ ޢަލީ ނާޒިމް އާއި 4 ދަރިވަރުން ކަމަށްވާ ގއ.ދއްވަދޫ މީނާޒް، ނިޝްއަތު ސަޢީދު، ހއ.ހޯރަފުށީ ސުވާސާގެ (ގއ.އޮއިވާލި)، މަރްޔަމް ނާޒް، ރ.ރަސްމާދޫ ހަނދުވަރީވިލާ (މ.ފެއަރީވިލާ)، އައިޝަތު ޝާނިހާ އަދި މ.މޮއިޝާ، މަރްޔަމް ޝައިޚާ އެވެ. މި 4 ކުދިންނަކީ އެސްކޫލްގެ ގްރޭޑް 9 ގައި ކިޔަވާ ކުދިންނެވެ.
މިހާދިޘާގައި ޕްރިންސިޕަލް އާއި ދަރިވަރުން ނިޔާވެފައި ވަނީ މިހާތަނަށް އެނގިފައިވާ ގޮތުގައި ހުރާ ކޭމްޕް ސަރަހައްދުގައި އޮންނަ ފުންތަނަކަށް އެރިގެން އުޅުނު ދަރިވަރުންތަކައް ގެނބެނިކޮށް އެކުދިން ސަލާމަތް ކުރަން ޕްރިންސިޕަލް މަސައްކަތްކުރަނިކޮށެވެ. ބައެއް ކުދިން ސަލާމަތް ކުރެވިފައިވާ ކަމަށް އެނގިފައިވެއެވެ.
ފިޝަރީޒް ސައިންސް ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ހިރިޔާ ސްކޫލްގެ ގްރޭޑް 9 ބީ އަދި 9 އެފް ގައި ކިޔަވާ 32 ދަރިވަރުންނާއި ޕްރިންސިޕަލް ޢަލީ ނާޒިމް އާއި 8 ޓީޗަރުން ހުރާ އަށް ގޮސްފައި ވަނީ އިއްޔެ ހެނދުނު 7:00 ހާއިރެވެ.
މިހާދިޘާ އާއި ގުޅިގެން މިހާރު ދަނީ ޤައުމީ ހިތާމަ ފާޅުކުރަމުންނެވެ. ސަރުކާރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ނިޔާވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ކިޔަމުންނެވެ. ރާއްޖޭގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން މިހާރު ފޮނުވަމުން ދަނީ ޤުރުއާނާއި މަދަހަ އާއި ދީނީ ޕްރޮގްރާމްތަކާއި ޚަބަރެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...