2009 ވަނަ އަހަރުން ފެށިގެން ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން، ބާއްވަމުންގެންދާ ބައިނަލްއަޤުވާމީ އިވެންޓްކަމުގައިވާ، ދަ-ކޯލް 2010 އަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށާއި އެގޮތުން ޙާއްސަކޮށް ފަންޑްރައިސް ކުރުމާއި، މާކެޓިންގް ކަންތައްތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާކަމަށް، ޖަމްޢިއްޔަތުއް ސަލަފުން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއް ސަލަފުން މިހެން ހާމަކޮށްފައިވަނީ ދަކޯލް އިވެންޓުގެ ކޯޑިނޭޓަރ އަދި ޖަމްޢިއްޔަތުއް ސަލަފުގެ ޖެނަރަލް ސެކެޓްރީ މުޙައްމަދު ޞަބާޚް ދި-އިސްލާމް ދެއްވި ބަސްތީގަތުމެއްގައެވެ. ޞަބާޚް ވިދާޅުވީ ދަ-ކޯލް އިވެންޓް ބޭއްވުމަށް ޙުއްދަ ލިބުމުން، މިކަމަށް ބޭނުންވާ ފަންޑުރައިސް ކުރުމާއި މާކެޓީންގެ ކަންތައްތައް ކުރިއަށްދާކަމަށެވެ. އަދި އިންޓަރނެޓް ބައެއް ސައިޓްތަކާއި، ފޭސްބުކްގައި ވެސް، މިކަމުގެ އިސްތިހާރުތައް ކުރިއަށްގެންދާ ކަމަށެވެ.
ޞަބާޚް އިތުރަށް ވިދާޅުވީ ދަ-ކޯލް 2010ގެ ރަސްމީ ވެބްސައިޓްވެސް ވަރަށް އަވަހަށް ލޯންޗް ކުރެވޭނެކަމަށާއި، މިއިވެންޓް އިސްތިހާރު ކުރުމުގެ ފުރަތަމަ ފޭސް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށެވެ. އަދި މިއިވެންޓަށް ވޮލެންޓިއަރުންގެ ގޮތުގައި 100 ވޮލެންޓިއަރުން ނަން ލިސްޓްކޮށްފައިވާ ކަމަށް ޞަބާޚް ވިދާޅުވިއެވެ.
އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންތަނެއްގައިތޯ އެއްސެވުމުން ޞަބާޚް ވިދާޅުވީ މިއިވެންޓު ބޭއްވުމަށްޓަކައި، މާލޭގެ ހުރިހާ ބޮޑެތި ތަންތަނަށް ވެސް އެދިފައިވާނެ ކަމަށާއި ނަމަވެސް މިއިވެންޓް ބޭއްވުމަށް ލިބިފައިވަނީ އަލިމަސް ކާނިވަލް ސްޓޭޖުކަމަށެވެ.
މިއިވެންޓިގެ ސަބަބުން އިސްލާމިކް މިނިސްޓްރީއިން މޭ 25 - 30 ގައި ބާއްވަން ހަމަޖެހިފައިވާ ޑރ. ޒާކިރު ނައިކު އިވެންޓްގެ މަސައްކަތައް އެއްވެސް ކަހަލަ ބަދަލެއް އައިސްދާނެތޯ އެއްސެވުމުން ޞަބާޚް ވިދާޅުވީ ދަ-ކޯލް އިވެންޓުގައި ޚަރަކާތްތެރިވާ ވޮލެންޓިއަަރުންނަށްވެސް، ވަނީ ޑރ. ޒާކިރު ނައިކުގެ އިވެންޓްގެ ޚަރަކާތްތަކުގައި ބައިވެރި ވުމަށްވެސް އަންގާފައި ކަމަށާއި، އަދި ޖަމްޢިއްޔަތުއް ސަލްފުގެ ފަރާތުންވެސް ޑރ. ޒާކިރު ނައިކުގެ އިވެންޓަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ޞަބާޚް ވިދާޅުވިއެވެ.
މިއަހަރު ރާއްޖޭގައި ދީނީ ގޮތުން ބައިނަލްއަޤުވާމީ 2 އިވެންޓް ބޭއްވޭއިރު، ސަރުކާރުގެ އެހެން މުއައްސަސާތަކުން މިކަމަށް އެއްބާރު ލުން ނުދޭކަން ފާހަނގަކޮށްލެވެއެވެ. ނަމަވެސް ދުނިޔޭގައި އަގެއްނެތް މަޝްހޫރު މީހުންގެ ނެށުމުގެ ކޮންސެޓްތަކަށް ސަރުކާރުން އެއްބާރުލުން ދެމުންގެންދާކަށް މިއީ ފާހަގަކޮށްލެވޭ ކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...