ރާއްޖޭގެ ޚަބަރު ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ : އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ : އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އެ މިނިސްޓްރީން އިޢުލާން ކޮށްފައިވާ ގޮތުގައި އެދުވަހުން ފެށިގެން ރަމަޟާން މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީންނާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި އަތޮޅުތަކުން ފިޠުރު ޒަކާތް ބަލައިގަންނާނީ ރަށު ކައުންސިލްގެ އިދާރާތަކުން ހަމަޖައްސަވާ އުޞޫލެއްގެ މަތިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 ން 12:00 ށް ކަމަށެވެ.

"ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯ ހަނޑުލުގެ މިންވަރަށް ފައިސާއިންނެވެ." އިޢުލާނުގައި ވެއެވެ.

އެ އިޢުލާނުގައިވާ ގޮތުގައި އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަން ޖެހެނީ 10 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް ދައްކަން ޖެހެނީ 32 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް ދައްކަން ޖެހެނީ 53 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ ފުށުން ފަރީއްކުޅުއްވާ ބޭފުޅުން ޒަކާތް ދައްކަވަން ޖެހޭނީ އާދައިގެ ހަނޑުލުގެ ރޭޓުން ކަމަށާއި ރަތް ހަނޑުލުންނަމަ ޒަކާތް ދައްކަވަން ޖެހޭނީ ބާސްމަތީ ހަނޑުލުގެ ރޭޓުން ކަމަށެވެ. އަދި ބުނެފައި ވަނީ އަތޮޅުތަކުގައި ޒަކާތް ނެރެން ޖެހޭނީ 2.4 ކިލޯ ހަނޑޫ އެރަށަކުން ގަންނަން ލިބޭ އަގަކުން އެރަށުގެ ކައުންސިލް އިދާރާއިން ނިންމަވާ ގޮތެއްގެ މަތިން ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނެފައި ވަނީ ސިނާއީ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އޮންލައިނުން އަދި ދިރާގާއި ވަތަނިއްޔާ މެދުވެރިކޮށް އެސްއެމްއެސް އިން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތުން ބަލައިގަނެވޭ ޒަކާތް ބެހޭނީ މާލޭގައި ރަޖިސްޓްރީ ކުރެވޭ ފަޤީރުންނާއި މިސްކީނުންނަށް ކަމަށެވެ.

ޓެގް

ފިޠުރު ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.