މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ރައީސް ނަޝީދުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި އުމަރު ނަސީރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒަށް އުމަރު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޤައުމުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުރެ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ނަޝީދު ވާހަކަ ދެއްކުމަކީ އެ އެއްޗެހި އިތުރަށް ފެތުރި، އެތައް ޒުވާނުންނެއްގެ ހިތްތަކަށް މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ އެކަމުގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.
މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާހު ކުރުމަށް 26 ޖޫން 2011 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކި ވާހަކަތައް މިސިޓީގައި އުމަރު ފާހަނގަކޮށްފައިވެއެވެ. އެރަސްމިއްޔާތުގައި ރައީސް ނަޝީދު ބުނީ މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި "ކޮންމެހެން ބޭނުން، ބޮވެންޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއް ނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެން ޖެހޭނެ." މިހެންނެވެ.
ރައީސް ނަޝީދު ވެރިކަމަށް އައުމުގެ ކުރިންނާއި ފަހުން ވެސް މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު މަސްތުވާތަކެއްޗަށް ދެވިހިފާފައި ވާނެ ކަމަށް އުމަރު އެ ސިޓީގައި ތުހުމަތު ކޮށްފައިވެއެވެ. އުމަރު ބުނެފައިވަނީ ރައީސް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައްކަވާ އިރު ގާނޫނީ ގޮތުން ފިޔަވަޅު ނާޅާ ތިބުމަކީ މުޅި ދަޢުލަތުގެ ކަރާމާތް ގެއްލި ރައްޔިތުންނަށް ހެޔޮ ނުބައި އޮޅިގެން ދިއުން ކަމަށެވެ.
މީގެ އިތުރުން އެސިޓީގައި ބުނެފައި ވަނީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ކުރާ ފަރާތްތަކަށް ޤާނޫނުގައިވާ އަދަބު ދިނުމަށް ރައީސް ނަޝީދުގެ މާބޮޑު ޝައުޤުވެރި ކަމެއް ނެތް ކަމަށް ރައީސްގެ ވާހަކަތަކުން ހާމަވާކަމަށެވެ.
ﷲ ގެ ވަހީ ބަސްފުޅުތަކަށް އިޝާރާތްކޮށް އެސިޓީގައި ބުނެފައި ވަނީ އިސްލާމްދީނުގެ އެއްވެސް އަސްލަކާ ޚިލާފްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އޭނާ ވަކި ކުރެވޭނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާ ބުނާ ކަމަށެވެ. އަދި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ބުނެފައިވާ އިރު ޤައުމުގެ އެންމެ އިސްވެރިޔާ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކާއިރު ޕީޖީ ހަނު ހުންނެވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެސިޓީގައި ބުނެފައިވެއެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކާއި ޙަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އެ ސިޓީ މިދިޔަ އާދީއްތަ ޕީޖީ އަށް ލިބިފައިވާ ކަމަށާއި ސިޓީ އިތުރަށް ދިރާސާ ކުރަން ވަޤުތު ނަގާނެތީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...