ސުވާލާއި ޖަވާބު ދާއިމީކޮށް ފަތިސް ނަމާދުގައި ގުނޫތު ކިޔުމަކީ ބިދުއައެއްތޯ؟

ދާއިމީކޮށް ފަތިސް ނަމާދުގައި ގުނޫތު ކިޔުމަކީ ބިދުއައެއްތޯ؟

ދާއިމީކޮށް ފަތިސް ނަމާދުގައި ގުނޫތު ކިޔުމަކީ ބިދުއައެއްތޯ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސުވާލު:
ދާއިމީކޮ ފަތިސް ނަމާދުގައި ގުނޫތު ކިޔުމަކީ ބިދުއައެއްތޯ؟

ޖަވާބު:

ތިރީގައި މިވަނީ ދާއިމީ ގޮތެއްގައި ފަތިސްނަމާދުގައި ގުނޫތު ކިޔުމަށް ސަރުކާރުން މަޖްބޫރު ކުރުވައިފިނަމަ ކަންތައްކުރާނީ ކިހިނަކުންތޯ ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންކޮޅަކާއި ކުރެވުނު ސުވާލާއި އޭގެ ޖަވާބުގެ ދިވެހި ތަރްޖަމާ އެވެ. ފަތްވާ ގެ އޮރިޖިނަލް ބެެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ. http://www.islamqa.com/ar/ref/59925/ މާތް ﷲ އަޅުގަޑަށާއި އެންމެ ބޭކަލުންނަށް ހެޔޮ ތައުފީގު ދެއްވާށިއެވެ. އާމީން.

ސުވާލު: އަޅުގަޑުމެންނަކީ ދެކުނު އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ ބަޔަކީމެވެ. ސަރުކާރުން މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވަނީ ޝާފިޢީ މަޛްހަބަށް ނަމާދު ކުރުމަށެވެ. އެހެންކަމުން މިފަދަ މުގައްލިދުންގެ ފަހަތުގައި ނަމާދު ކުރުން ޞައްޙަވާނެތޯއެވެ. މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެބައިމީހުން ފަތިސްނަމާދުގައި ގުނޫތު ކިޔަނީ ސުންނަތެއް ކަމުގައި ދެކިގެންނެވެ. އަދި ފަތިސްނަމާދުގައި ހަނދާންނެތިގެން ގުނޫތު ނުކިޔިއްޖެނަމަ ކުށުސަޖިދަ ވެސް ޖަހައެވެ؟

ޖަވާބު:

ﷲ އަށް ޙަމްދު ހުއްޓެވެ.

ފުރަތަމަ:

ފަތިސްނަމާދުގައި ދާއިމީކޮށް ގުނޫތު ކިޔުމަކީ ސުންނަތެއް ނޫނެވެ. ސުވާލު ނަމްބަރު (20031) އާއި ސުވާލު ނަމްބަރު (5459) ގައި މިކަންވާނީ ބަޔާން ކޮށްދެވިފައެވެ.

ދެވަނައަށް:

ފަތިސްނަމާދުގައި ގުނޫތުކިޔާ މީހެއްގެ ފަހަތުގައި ތިޔަބައިމީހުން ތިޔަ ކުރާ ނަމާދަކީ ޞައްޙަ ނަމާދެކެވެ. ދާއިމީ ގޮތެއްގައި ގުނޫތު ނުކިޔާ މީހަކު ހުރިނަމަ އެމީހެއްގެ ފަހަތުގައި ނަމާދު ކުރުން އައުލާކަން ބޮޑުވެގެންވެއެވެ. ސުންނަތް ރައްކާތެރި ކުރުމުގެ ގޮތުންނެވެ.

ޢިލްމުވެރިން އިޚްތިލާފުވެފައިވާ ބައެއް އިޖްތިހާދީ މައްސަލަ ތަކާއި ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހު ﷲ- ވިދާޅުވެފައިވެއެވެ. ފަތިސްނަމާދުގައްޔާއި ވިތްރީގައި ގުނޫތުކިޔުމާއި މިފަދަ މައްސަލަތަކާއި ގުޅިގެން ވިދާޅުވިއެވެ.

"ދެގޮތުންކުރެ ކޮންމެ ގޮތަކަށް ކުރިކަމުގައިވީނަމަވެސް އަޅުކަން ޞައްޙަވެ، ފާފަވެރި ނުވާނެކަމަށް ޢިލްމުވެރިން އިއްތިފާގްވެލައްވާ މައްސަލަތަކެވެ. އެހެންނަމަވެސް މޮޅުއިތުރު ގޮތަކީ ކޮބައިކަމާއި، ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަންތައް ކުރެއްވީ ކޮންގޮތަކަށް ކަމާއި މެދު ޢިލްމުވެރިން ދެބަސްވެވަޑައިގަންނަވައެވެ. ފަތިސްނަމާދާއި ވިތުރީގައި ގުނޫތު ކިޔުމާއި، އަޑުހަރުކޮށް ބިސްމި ކިޔުމާއި، އިސްތިޢާޛާ ގެ ޞީޣާ އާއި މިނޫންވެސް މައްސަލަތަކެވެ. ހުރިހާ ޢިލްމުވެރިންވެސް އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި އަޑުހަރުކޮށް ބިސްމި ކީ ކަމުގައި ވީނަމަވެސް ނަމާދު ޞައްޙަވާނެއެވެ. އަދި ސިއްރުން ބިސްމި ކީ ކަމުގައިވީ ނަމަވެސް ނަމާދު ޞައްޙަވާނެއެވެ. ފަތިސްނަމާދުގައި ގުނޫތު ކިޔާ މީހާގެ ނަމާދުވެސް ޞައްޙަވާނެއެވެ. އަދި ފަތިސް ނަމާދުގައި ގުނޫތު ނުކިޔާ މީހާގެ ނަމާދުވެސް ޞައްޙަވާނެއެވެ. ވިތުރީގައި ގުނޫތު ކިޔުންވެސް ހަމައެފަދައެވެ". އިބްނު ތައިމިއްޔާގެ ވާހަކަ ކޮޅު ނިމުނީއެވެ.

އަދިވެސް އެކަލޭގެފާނުގެ "ފަތާވާ" ގެ 23/115 ގައި ވިދާޅުވެފައިވެއެވެ.

"އިސްވެ ބަޔާން ކުރެވުނު ވާހަކަތަކުން ދޭހަވަނީ ގުނޫތު ކިޔުން ވަނީ މުސްލިމުންނަށް ބޮޑު މުޞީބާތެއް މެދުވެރިވާހިނދުގައި ކަމެވެ. ގުނޫތު ކިޔުމަކީ ނަމާދު ގެ އަބްޢާޟު ސުންނަތެއްކަމުގައްޔާއި، ނުކިޔައިފިނަމަ ކުށުސަޖިދަ ޖަހަން ޖެހޭނެކަމަށް ދެކިލައްވާ ބޭކަލުންގެ ވާހަކަ ބިނާކުރައްވާފައިވަނީ ފަތިސްނަމާދުގައި ގުނޫތު ކިޔުމަކީ ސުންނަތެއްކަމުގައްޔާއި، އެއީ މެދުއައްތަޙިއްޔާތު ފަދަ ކަމެއްކަމުގައި ދެކިލައްވައިގެންނެވެ. އެހެންނަމަވެސް ޙަގީގަތަކީ އެއީ ނޫން ކަން ބަޔާންވެގެންވެއެވެ. ފަތިސްނަމާދުގައި ގުނޫތު ކިޔުމަކީ ރަވާތިބު ސުންނަތެއް ނޫންކަން ދޭހަވެއެވެ. އަދި ފަތިސްނަމާދުގައި ގުނޫތު ނުކިޔުމަކުން ކުށުސަޖިދަ ޖަހަން ނުޖެހޭކަންވެސް ދޭހަވެއެވެ. އެހެންނަމަވެސް އެއީ ސުންނަތެއްކަމުގައި ދެކިގެން އެކަންކޮށްފީމީހަކަށް ފާފައެއްނެތެވެ. އެނޫންވެސް އިޖްތިހާދީ މައްސަލަތަކެކޭ އެއްފަދައިން މިމައްސަލާގައި ވެސް އެމީހެއްގެ އިޖްތިހާދަށް ބުރަވެވިދާނެއެވެ. އެހެންކަމުން، އިޖްތިހާދު ކުރެވިދާނެފަދަ މައްސަލަތަކުގައި މައުމޫމުން އިމާމާ އަށް ތަބަޢަވާންވާނެއެވެ. އިމާމާ ގުނޫތު ކިޔައިފިނަމަ ގުނޫތު ކިޔަންވާނެއެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވަނީ (إنما جعل الإمام ليؤتم به) މިފަދައިންނެވެ. މާނައަކީ "އިމާމާ ލެވިފައިވަނީ އޭނާއަށް ތަބަޢަ ވުމަށެވެ". އަދިވެސް ޙަދީޘް ކުރެއްވިއެވެ. (لا تختلفوا على أئمتكم) މާނައަކީ: "ތިޔަބައިމީހުންގެ އިމާމުންނާއި ތަފާތުވެ ނުގަންނާށެވެ". އަދިވެސް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (يصلون لكم ، فإن أصابوا فلكم ولهم ، وإن أخطأوا فلكم وعليهم) މާނައީ: "އެބައިމީހުން (އިމާމުން) ނަމާދު ކުރަނީ ތިޔަބައިމީހުންނަށްޓަކައެވެ. ރަގަޅަށްކޮށްފިނަމަ ތިޔަބައިމީހުންނަށާއި އެމީހުންނަށް(އިމާމުންނަށް)ވެސް ހެޔޮވެގެންވެއެވެ. ނުބައިވެއްޖެނަމަ ތިޔަބައިމީހުންގެ ނަމާދަކަށް މައްސަލައެއްނެތެވެ. ގޯސްއޮތީ އެބައިމީހުންނަށެވެ.(އިމާމުންނަށެވެ). މިހިސާބަށް އިބްނުތައިމިއްޔާގެ ވާހަކަކޮޅު ނިމުނީއެވެ.

އައްޝެއިޚް އިބްނު ޢުޘައިމީން-ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ. "ދާއިމީ ގޮތެއްގައި ފަތިސްނަމާދުގައި ގުނޫތު ކިޔާ އިމާމަކު އަހަރުމެން ތެރޭގައި އުޅެއެވެ. އެފަދަ މީހެއްގެ ފަހަތަށް ނަމާދަށް އަރަންވީތޯއެވެ؟ އަދި އެފަދަ އިމާމުން ގެ ދުޢާގައި ބައިވެރިވެ އާމީން ކިޔަންވީތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.

"ފަތިސް ނަމާދުގައި ގުނޫތުކިޔާ އިމާމެއްގެ ފަހަތުގައި ނަމާދު ކުރަނީނަމަ، އިމާމާ އަށް ތަބަޢަވުމުގެ ގޮތުން ގުނޫތުގައި ބައިވެރިވާށެވެ. އަދި ދުޢާގައި އާމީން ވެސް ކިޔާށެވެ. އަލްއިމާމް އަޙްމަދު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވިއެވެ". (މަޖްމޫޢު ފަތާވާ އިބްނު ޢުޘައިމީން ގެ 14/177).

ސަޢޫދީ ޢަރަބިއްޔާގެ ފަތްވާކޮމެޓީއާއި އަންނަނިވި ސުވާލުކުރެވުނެވެ. "ފައިކުރި ތިރިކޮށްފައި ހުންނަ އަދި ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ދާއިމީކޮށް ގުނޫތު ކިޔާ އިމާމެއްގެ ފަހަތުގައި ނަމާދު ޞައްޙަވާނެތޯއެވެ؟

ޖަވާބުގައި އެބޭފުޅުން ވިދާޅުވިއެވެ. ނަމާދުގައި ވާއަތް މަތީ ކަނާ އަތް ބޭއްވުމަކީ ސުންނަތެކެވެ. ފައިކުރި ތިރިކުރުމަކީ ސުންނަތާއި ދުރުގޮތެވެ. ބައެއް މާލިކީންނާއި ޝާފިޢީން ދެކޭގޮތަށް ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ދާއިމީކޮށް ގުނޫތު ކިޔުމަކީ ސުންނަތާއި ޚިލާފު ގޮތެވެ. ސަބަބަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން އެކަން ޘާބިތުވާން ނެތުމެވެ. އެކަލޭގެފާނު ގުނޫތު ކިޔުއްވީ ބޮޑެތި މުޞީބާތްތައް މެދުވެރިވުމުންނެވެ. އަދި އެކަލޭގޭފާނު ވިތްރީ ގައި ގުނޫތު ކިޔުއްވިއެވެ. ސުވާލުގައިވާ ފަދައިން އިމާމް މީހާ ފައިކުރި ތިރިކޮށް، ދާއިމީގޮތެއްގައި ގުނޫތުކިޔާ އުޅޭނަމަ، ޢިލްމުވެރިން މެދުވެރިކޮށް އެފަދަ މީހަކަށް ނަޞޭޙަތްދިނުން ހުއްޓެވެ. އަދި ސުންނަތުގައި އައިސްފައިވާގޮތް އޭނާ އަށް ބަޔާންކޮށްދޭންވާނެއެވެ. އޭނާ ގަބޫލުކޮށްފިނަމަ ﷲ އަށް ޙަމްދު ހުއްޓެވެ. އޭނާ ދެކޮޅުހަދައިފިނަމަ، ސުންނަތާއި އެއްގޮތަށް ނަމާދުކުރާ އިމާމަކު ހުރެއްޖެނަމަ،ސުންނަތަށް ރައްކައުތެރި ވުމުގެ ގޮތުން އެފަދަ މީހެއްގެ ފަހަތުގައި ނަމާދު ކުރުން ހުއްޓެވެ. އެނޫން އިމާމަކު ނެތިއްޖެނަމަ، ޖަމާޢަތަށް ރައްކައުތެރިވުމުގެ ގޮތުން އޭނާގެ ފަހަތުގައި ނަމާދު ކުރާށެވެ. ދެގޮތުންކުރެ ކޮންމެ ޙާލަތެއްގައިވެސް ނަމާދު ޞައްޙަވާނެއެވެ". އހ. (ފަތާވާ އައްލަޖްނަތުއްދާއިމާ 7/366).

ޓެގް

ފަތުވާ ޖަވާބު ސުވާލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.