ރާއްޖޭގެ ޚަބަރު އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ޢިބާރާތުން އެމްޑީޕީގެ މާރިޔާ ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އާންމުވެއްޖެ

އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ޢިބާރާތުން އެމްޑީޕީގެ މާރިޔާ ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އާންމުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނަޝީދާއި އެމްޑީޕީގެ ބަޔަކު ނެށުމާއި ލަވަކިއުމުގެ ހަރަކާތުގައި

އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ޢިބާރާތުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖްލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އާންމުވެއްޖެ އެވެ.

މާރިޔާ އަޙްމަދު ދީދީގެ އޯޑިއޯ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއޯޑިއޯ އަކީ މާރިޔާ ދާދިފަހުން ރ.ހުޅުދުއްފާރަށް ކުރި ދަތުރެއްގައި އޭނާއަށް ތާޢީދުކުރާ ބައެއްގެ ގާތުގައި ދެއްކި ވާހަކަތަކެއްގެ އޯޑިއޯއެކެވެ. މިއޯޑިއޯގައި މާރިޔާ ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ "ވަކި ވައްތަރެއްގެ ވިސްނުމެއް" އޮންނަ ބަޔަކަށް ޖެއްސުން ކުރުމުގެ ގޮތުން އަންހެނުންނާ ފިރިހެނުން މަސްހުނިވެ ލަވަކިޔާ "ނާޗަރަންގީ" ކުޅުން ބާއްވަން އޭނާ ބޭނުންވާކަން ކަމުގައި، ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީ މީހުން ލަވަނުކިޔާނެ ގޮތެއް ނެހެދޭނެކަމަށާއި އެބައިމީހުންނަކީ "އުފާވާޒަމާން" ކިޔާ އުފާކުރަން އަންނަ ބައެއް ކަމަށް މާރިޔާ ބުނެފައިވެ އެވެ.

"އެމްޑީޕީ މީހުން ލަވަނުކިޔާނެ ގޮތެއް ނެހެދޭނެ... އަހަރެމެންނަކީ އުފާވާޒަމާން ކިޔާ އުފާކުރަން އަންނަ ބައެއް..."މިތަނަށް އަންނާނަން އިނގޭ ޢީދުގައި ލަވަކިޔަން... ކިނޮޅަހުގައި ބާއްވާނީ... އަންހެނުންނާ ފިރިހެނުން ލަވަކިޔާފަ..." އެ އޯޑިއޯގައި މާރިޔާ ބުނެފައިވެ އެވެ.

މިހެން މާރިޔާ ބުނުމުން ހުޅުދުއްފާރުން މާރިޔާއާ ވާހަކަދައްކަމުންދިޔަ ފިރިހެނުންތަކެއް "އޭރުން އަހަރެމެންނަށް އޮތީ ކޮން އުފަލެއް؟" މިހެން ސުވާލުކޮށްފައިވެ އެވެ.

"ކިނޮޅަހުގައި އުޅެނީ "ވަކި ވައްތަރެއްގެ" ވިސްނުމެއް އޮންނަ ބައެކޭ..... އޭރަށް ބަޔާން ނެރޭނެއެއްނު؟.... އެތަނުގައި އޮންނަނީ ޢަދާލަތުގެ ކައުންސިލެއްވެސްމެ.... އެހެންވީމަ އެތާނގައެއްނު ބާއްވަން ވާނީ....... އޭރަކަށްނު އެމީހުންނަށްވެސް އެނގޭނީ މިރާއްޖޭގެ މީހުން އުޅޭ ގޮތް..." މާރިޔާ ބުނެފައިވެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރ.ކިނޮޅަހަކީ އިސްލާމްދީނަށް ލޯބިކުރާ މީހުން ގިނަ އަދި އިސްލާމީ ފޭރާމުން ނިވާވެގެން ތިބޭ އަންހެނުން ގިނައިން އުޅޭ ކުށްކުރުން މަދު ރަށެކެވެ. އެރަށުގެ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ ޢަދާލަތު ޕާޓީގެ މެމްބަރުންނަށް ކަމަށް މަޢުލޫމާތު ލިބެ އެވެ.

"ވަކި ވައްތަރެއްގެ ވިސްނުމެއް" ގެ ބަޔަކަށް މާރިޔާ ޖެއްސުން ކުރަން އުޅުމަކީ އިސްލާމްދީނަށް ޖެއްސުންކޮށް ފުރައްސާރަކުރުން ކަމަށް މާރިޔާގެ މިއޯޑިއޯ އާ ގުޅިގެން ފާޑުކިޔަމުންދާ ބައެއް ފަރާތްތަކުން ބުނަމުން ދެ އެވެ.

މީގެ ކުރިންވެސް މާރިޔާ އާއި އެމްޑީޕީގެ ބައެއް ވެރިން އިސްލާމީ ޝަރީޢަތަށް ގޮތްކިޔާ ފާޑުކިޔާ ފުރައްސާރަކޮށް ދައްކާފައިވާ ވާހަކަތައް އާންމުވެފައިވެ އެވެ. މާރިޔާ އާއި ރައީސް ނަޝީދު ބޮޑުބެރު ލަވައަށް ނަށާތަން ފެންނަ ފޮޓޯތަކެއްވެސް މީގެ ކުރިން އާންމުވެފައިވެ އެވެ. ދާދިފަހުން މާރިޔާ އާއި ރައީސް ނަޝީދު އާއި އެމްޑީޕީގެ ވެރިން އއ.ތޮއްޑޫގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ނަށާ ލަވަކިޔާ ހަދާފައިވެ އެވެ. އެކަމާގުޅިގެން ބައެއް ފަރާތްތަކުން އެކަންކުށްވެރިކޮށް އެއީ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ބުނުމުން ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ބުނެފައިވަނީ އެފަދައިން ނެށުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދޭ މައްސަލައެއް ކަމަށެވެ.

ޓެގް

މާރިޔާ އެމް.ޑީ.ޕީ ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.