ރާއްޖޭގެ ޚަބަރު ޑެންގޫ ހުން ފެތުރުނަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނަން- ރައީސް

ޑެންގޫ ހުން ފެތުރުނަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނަން- ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މުޅި ރާއްޖޭގައި ފެތުރެމުންދާ ޑެންގޫ ހުން ފެތުރުނަ ނުދިނުމަށާއި އަދި އެކަމުން މުޅި ރާއްޖޭގެ ކުޑަކުދިންނާއި އެންމެހާ ރައްޔިތުން ސަލާމަތް ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުވަވާނެކަމަށް ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއެޖެއެވެ.

މިއަދު ދެއްވި 104 ވަނަ ރޭޑިއޯ ޚިޠާބުގައި ރައީސްލުޖުމުހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އާދަޔާ ޚިލާފް ބާރުމިނެއްގައި ޑެންގޫ ހުން ފެތުރެމުންދާތީ، މަދިރި ކޮންޓްރޯލް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް މިހާރުވަނީ ފަށާފައިކަމަށާއި މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޑެންގޫ ހުން ވަރަށް ބާރަށް ރާއްޖޭގައި ފެތުރެމުންދާތީ، އެކަމުގެ ކަންބޮޑުވުން މެންބަރުން ފާޅުކުރައްވައި، ވަޒީރުންގެ ކޮމިޓީއަކުން މި ޕްރޮގްރާމް އެކުލަވާލެއްވުމަށް ނިންމެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮގްރާމް ހިންގެވުމަށް  އިއްޔެ އެމަނިކުފާނުވާނީ ޤައުމީ ޓާސްކްފޯހެއް އުފައްދަވާފައިކަމަށާއި ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ޚުދު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސްލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ މިއުފެދުނު ޓާސްކުފޯހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޑެންގީ ހުމުގެ ނުރައްކާތެރިކަން ޢާއްމުންނަށް އޮޅުންފިލުއްވައި ދެއްވަވާނެކަމަށާއި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މީޑިއާ މެދުވެރިކުރައްވައި، އެކި ޕްރޮގްރާމްތައް ހިންގެވުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ބަލިން ރައްކާތެރިވުމަށް މިވަގުތަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކުރައްވައި އެޅުއްވުމުގެ އިތުރަށް ސާފުތާހިރުކަން ބެލެހެއްޓުމާއި، ޑެންގީ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވާތީ، ކުޑަކުދިންނަށް އަމާޒު ކުރައްވައިގެން، ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުންވެސް ހިމެނޭ  ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައިވަނީ ޑެންގީހުން ޖެހިގެން ހަތަރު ކުޑަކުދިން މަރުވެފައެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.