ލޮނު ޒިޔާރަތްކޮޅުގައި ދަރުސް އެޅުވުމަށް ހަރުކޮށްފައިވާ ސްކްރީނެއްގައި ކަޓަރު އަޅާ ހަލާކުކޮށްލައިފިއެވެ.
ދީނީ ދަރުސްތައް އެޅުވުމަށް ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ‘ބޮޑު ސްކްރީން’ ހަލާކުކޮށްލާފައިވަނީ ރޭގެ ވަގުތެއްގައިކަމަށް ދަރުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ދިއިސްލާމްއަށް މައުޟޫމާތު ދެއްވައެވެ. މިއީ މުނިސިޕަލްޓީގެ ހުއްދަނަގައިގެން ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ލޮނުޒިޔާރަތްކޮޅުގައި ހެންވޭރު ޒުވާނުން ހިންގާ ހަރަކާތެކެވެ.
ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން ދަރުސް އެޅުވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ، 'އެކަން ކުރި ބަޔަކު ނޭނގޭ' ކަމަށާއި އެހެނަސް ‘ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ސްކްރީނުން ދަރުސް ބެލުމުގެ ކަންތައް ކުރިއަށް ދަނިކޮން އެސަރަހައްދުގައި މިއުޒިކް ޝޯއެއް ބޭއްވި’ ކަމަށާއި ‘އެމީހުން ދަރުސް ހުއްޓާލުމަށް އެންގިކަމަށާއި އެހެނަސް މިއުޒިކް ޝޯއެއް ކުރިއަށް ގެންދިއުމަށް ދަރުސް ދެއްކުން ހުއްޓާނުލާ’ކަމަށެވެ. އެކަމާއި ގުޅިގެން އެމީހުން ހިތްހަމަނުޖެހުން ފާޅުކުރިނަމަވެސް އެވަގުތު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
ދީނީ ދަރުސްތައް ދިނުމާއި ދެކޮޅަށް ފަހަކަށް އައިސް ‘އަނެއް ހިޔާލުގެ’ މީހުން ތަފާތު ހަރަކާތްތައް ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ދާދިފަހުން ޖަމިއްޔަތުއް ސަލަފްއިން ރާއްޖޭގެ ރަށެއްގައި ދަރުސް ދިނުމަށް ވަޑައިގަތުމުން ‘މިރަށުގައި ދަރުސް ދޭން ބޭނުންނުވާކަމަށް’ އަންގާފައިވެއެވެ. ބައެއް ރަށްތަކުގައި ދަރުސް ދައްކަން ފެށުމުން އެޔާއި ވިއްދައިގެން ‘ރޮކް’ ލަވަތައްވެސް އަޑުގަދަކުރާއިން ޖަހާފައިވެއެވެ. އަދި މީގެ އިތުރުން ޝެއިހް ފަރީދު ދެއްވި ދަރުސްއަކާއި ގުޅިގެން ޝެއިހްއަށް ވަނީ ފުރައްސާރައިގެ ބަސްތައް ލިޔެފައިވާ ‘ޖަންގިޔާތަކެއް’ ފޮނުވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...