ދީނީ މައްސަލައެއްގެ ސަބަބުން 'އޭކޮން'ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ދުނިޔޭގެ މީޑިއާތަކުން ހާމަކުރަމުން އެބަދެއެވެ.
މުއުތަބަރުގޮތެއްގައި ހަބަރު ލިބިފައިވާގޮތުގައި ލަންކާގައި މިކޮންސެޓް ނުބޭއްވުނީ 'އޭކޮންގެ ވީޑިއޯ ލަވައެއްކަމުގައިވާ 'ސެކްސީ ޗިކް' މިލަވައިގައި އަންހެނަކު ނިވާކަން ކުޑަ ހެދުމެއްގައި ނަށާ މަންޒަރު ހިމަނާފައިވާއިރު ފަހަތުން ބުއްދާ ފެންނާތީ'އެވެ. އަދި 'އޭކޮން އަށް ވިސާ ނުދެވުނީ ބުދު ދީނުގެ މީހުންނާއި އެސަޤާފަތަށް އިހްތިރާމް ކުޑަކުރުމަކީ ސްރީލަންކާގައި ވަރަށް ސީރިއަސް މައްސަލައަކަށް ވާނެތީ.'ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭކޮން އަށް ސްރީލަންކާގެ އާންމުގެ ފަރާތުން ނުރުހުމުގެ އެތައް ބަސްތަކެއް ވަނީ މިމައްސަލާގައި ކުރިމަތިވެފައެވެ. އޭކޮންގެ ކޮންސެޓް ސްޕޮންސާރ ކުރި ފަރާތްތަކާއި އިންތިޒާމްކުރި ފަރާތްތަކަށްވެސް ރުޅިގަދަވެފައިތިބި ސްރީލަންކާގެ ރައްޔިތުންގެ ހަމަލާތައްވަނީ އަމާޒުކުރެވިފައެވެ. އޭގެ ތެރޭގައި ކޮންސެޓް ސްޕޮންސާރ ކުރި ކޮމްޕެނީއެއްގެ ހެޑްއޮފީހަށް ހަމަލާ ދިނުމުގެ ސަބަބުން ތިން މީހަކުވަނީ ޒަހަމްވެފައެވެ.
އޮރިޔާން އަންހެން ކުދިން ބޮޑަށް ފެނިގެންދާ އޭކޮންގެ ލަވަތަކުގެ ސަބަބުން 'އަންހެނުންގެ ހައްޤު'ތަކުގެ އިތުރުން ދީންތަކަށް އިހުތިރާމެއް ނުކުރާ ފަރާތެއްގެ ކޮންސެޓެއް ރާއްޖޭގައި ބޭއްވުމާއި މެދު ގިނަ ބަޔަކު ނުރުހުންތެރިވާކަން މިހާރު ދަނީ ފާޅުކުރަމުންނެވެ. ސްރީލަންކާއިން އަންހެންކުދިންގެ އޮރިޔާން ދައްކައިދޭ މަންޒަރުތަށް ހުރުމާއި އެމީހުންގެ ދީނަށް ހުރުމަތްތެރިކޮށް ނުހިތުމުން އޭކޮންއަށް 'ނޫނެކޭ' ބުނެފައިވާއިރު ރާއްޖެއިން އޭކޮން އަށް 'މަރުހަބާ'ކިޔާފައިވަނީ އޮރިޔާން އަންހެން ކުދިންގެ މަންޒަރުތައް ދެއްކުމަކީ މައްސަލައެއް ނޫންކަމަށް ބުނާ ހާލުގައެވެ.
އިންޑިއާގައި ބޭއްވި އޭކޮންގެ ކޮންސެޓެއްގައި އޭނާ ވަނީ ކޮންސެޓް ބަލަން އައިސްތިބި އޯޑިއަންސަށް ފުންމާލުމުގެ ސަބަބުން ފަޓުލޫނު ބާލުވާފައެވެ. ލަވަކިޔުމުގައި ގަމީސް ނުލައި ޖިންސް ސޮއްސައިލައިގެން ހުންނަ އޭކޮންގެ ލަވަތަކުގައި ރޯ އޮރިޔާމުން ތިބޭ އަންހެން ކުދިން ބޭނުންކުރުމަކީ އާންމުކަމެކެވެ. އޭކޮންއަކީ މުސްލިމެއްކަމުގައި ވިޔަސް އޭނާގެ އަމަލުތަކުގެ ސަބަބުން މުސްލިމުންގެ ނުރުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ރައީސްގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރް އާއި ހަވާލާދީ އޭއެފްޕީއިން ހާމަކުރިގޮތުގައި 'އޭނާ (އޭކޮން) އައިސް ޕާފޯމްކުރަން ތައްޔާރުވަމުންދާތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން'ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...