ރާއްޖެއަށް ފަތުރުވެރިން އުފުލުމުގެ ހުއްދައަށް އެދުނު ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ އިޒްރޭލުގެ ސަންޑިއޯ އެއާ ލައިންގެ ލައިސަންސް މިމަހު 1 ގައި އިޒްރޭލުގެ ދަތުރުފަތުރާ ބެހޭ މިނިސްޓްރީން ބާޠިލްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ ޔޫރަޕްގެ ބައެއް ޤައުމުތަކުން ސަންޑިއޯ އެއާ ލައިނާ ބެހޭގޮތުން ހުށަހެޅި ޝަކުވާގެ މައްސަލަތައް އެއް އަހަރު ދުވަސްވީއިރުވެސް ޙައްލުކޮށްފައި ނުވާތީ ކަމަށް ބައެއް ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކުރެއެވެ.
އިޒްރޭލުގެ މިއެއާލައިނުން ބައިނަލްޢަޤްވާމީ ވައިގެ އުދުހުންތަކާ ޚިލާފުވެފައިވާކަމަށާއި ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަން އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކޮށްފައި ނުވާކަމަށް، ދުނިޔޭގެ ވައިގެ އުދުހުން ތަކާއިބެހޭ މަޢުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ފްލައިޓް ގްލޯބަލް ވެބްސައިޓްގައި ބުނެފައިވެއެވެ.
މިއެއާލައިން ރާއްޖެއަށް ދަތުރުތައް ފެށުމަށްޓަކައި ހުއްދައަށް އެދި ރާއްޖޭގެ ސިވިލް އޭވިއޭޝަންގައި އެދިފައިވަނީ މިއަހަރުގެ އޮކްޓޯބަރ އިން ފެށިގެން ދަތުރުތައް ކުރުމަށެވެ. ފަލަސްޠީނުގެ ނިކަމެތި މުސްލިމުންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގަމުންގެންދާ ޓެރެރިސްޓް އިޒްރާއީލުގެ ޒަޔަނިސްޓުންނާއި ގުޅުން ބަދަހިކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...