ރާއްޖޭގެ ޚަބަރު ސުޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު މަދީނާގެ ކިޔަވާ ކުދިންނާ ބައްދަލުކުރައްވައިފި

ސުޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު މަދީނާގެ ކިޔަވާ ކުދިންނާ ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންނާ ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ބައެއް ދަރިވަރުންނާ ސަފީރު ވާހަކަފުޅު ދައްކަވަނީ

ލިޔުނީ: މުޙައްމަދު އަނީލް

މަދީނާ: ސުޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އޮނަރަބަލް އަލްއުސްތާޛު އާދަމް ޙަސަން، މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރޭ އިސްލާމިކް ޔުނިވާސިޓީގެ ހޮސްޓެލް 2 ގެ މީޓިންގ ރޫމެއްގައި ބޭއްވުނު މި ބައްދަލުވުމުގައި މަދީނާގައި ކިޔަވާ ދިވެހި ވަރަށްގިނަ ކުދިން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ކިޔަވާކުދިންނާ ބައްދަލުވެވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށާއި، ޚާއްޞަކޮށް އިސްލާމްދީނުގެ ޢިލްމު އުނގެނޭ ކުދިބަޔަކާއި ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށް ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ދިވެހި ކިޔަވާކުދިން އަބަދުވެސް ޙައްޖުވެރިންނާއި ޢުމުރާވެރިންނަށް އެހީވުމުގައި ޙަރަކާތްތެރިވާކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމަށްޓަކައި ދިވެހި އެމްބަސީގެ ނަމުގައި ދިވެހި ކިޔަވާކުދިންނަށް ޝުކުރު ދެންނެވިއެވެ.
އަދި ކިޔެވުމަށް ލިބިފައިވާ މި ފުރުޞަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން، ސަފީރު ވަނީ ދިވެހި ކިޔަވާކުދިންނަށް ދިމާވާ ކޮންމެ ކަމެއްގައި އެމްބަސީއާއި ދިވެހި ސަރުކާރުން އަބަދުވެސް އެހީތެރިވުމަށް ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ދީނުގެ ނަމުގައި ޙައްދުފަހަނަޅާ ދިޔުމުގެ ކަންތައް ބޮޑުވެފައިވާކަމުގެ ވާހަކަ ފާހަގަ ކުރައްވައި، މިކަމާ ކުރިމަތިލައްވައި ޙައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ދިވެހި ކިޔަވާކުދިންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި އެކަމަށްޓަކައި މަދީނާގައި ކިޔަވާ ދިވެހި ކުދިންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަދީނާގައި ކިޔަވާ ދިވެހި ކުދިން ދެއްކެވި ވާހަކައިގައި، އިސްލާމްދީނުގައި ދީނުގެ ނަމުގައި ޙައްދުފަހަނަޅައި ދިޔުމާއި، އިސްލާމީ ޤައުމެއްގެ ސަރުކާރުގެ ހުއްދައާއި ވިސާ ލިބިގެން އެޤައުމަށް ގޮސް ތިބޭ ބަޔަކަށް ގޯނާކުރުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ދީނުގެ ނަމުގައި ޙައްދުފަހަނަޅައިގޮސް ރާއްޖޭގައި ޙަރަކާތްތެރިވާ މީހުންގެ ތެރޭގައި އިސްލާމްދީނުގެ ޢިލްމު އުނގެނޭ އިތުބާރުހުރި އެއްވެސް ޔުނިވާސިޓީއަކުން ގްރެޖުއޭޓްވެފައިވާ ބޭފުޅަކު ނެތްކަމަށްވެސް ވިދާޅުވިއެވެ.
އަދި މިއަދު މުޖުތަމަޢުގައި ފެންނަމުންދާ ހުރިހާ ކަމެއް ދިމާވެފައިވަނީ މުޖުތަމަޢުގެ އަޚްލާޤީ ފޭރާން ވީދި އިސްލާމީ ތަޢުލީމާއި ދުރުވުން ކަމަށްވެސް ދިވެހި ކިޔަވާކުދިން ފާހަގަ ކުރެއްވިއެވެ.
ދީނުގެ ނަމުގައި ޙައްދުފަހަނަޅާއި ދިޔުމާއި ދެކޮޅަށް ސުޢޫދީ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވަމުން ދިވެހި ކިޔަވާކުދިންވަނީ، މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އަކީ ޙައްދުފަހަނަޅައި ދިޔުމާއި ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސުޢޫދީ ސަރުކާރުގެ އެއް މުއައްސަސާކަމަށް ބަޔާންކޮށްދީފައެވެ. އަދި އެޔުނިވާސިޓީއިން އެއްވެސް މިންވަރަކަށް ދީނުގެ ނަމުގައި ޙައްދުފަހަނަޅައި ދިޔުން ރާއްޖެއަށް އެތެރެ ނުވާނެކަމުގެ ޔަޤީންކަން އެމްބަސީއަށާއި، ދިވެހި ސަރުކާރަށް އަރުވާކަމަށްވެސް އެކުދިން ފާހަގަކުރެއްވިއެވެ.
ވަރަށް އެކުވެރި މާޙައުލެއްގައި ބޭއްވުނު މި ބައްދަލުވުން ނިމިގެންދިޔައީ ރޭގަނޑުގެ ކެއުމަކުންނެވެ. މި ބައްދަލުވުމުގެ ކުރިން ސަފީރުވަނީ އިސްލާމިކް ޔުނިވާސިޓީ ބައްލަވާލައްވާފައެވެ.

ޓެގް

ދަރިވަރުން މަދީނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.