ދ. ބަނޑިދޫ ކައުންސިލްގެ އިދާރާއަށް މޫނު ނިވާކޮށްގެން ބަރަހަނާ ކަންމަތީ ތިބިބަޔަކު ވަދެ، ވޮޗަރަށް ޙަމަލާ ދިނުމަށްފަހު ތިޖޫރީ ފަޅާލައި ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ރޭގެ ދަންވަރު 3 ޖަހާކަންހާއިރު ބަނޑިދޫ ކައުންސިލް އިދާރާގެ ވޮޗަރު ބަނުމަށްފަހު އަނގަމަތީ ޓޭޕް އަޅައި އޭނާއަށް ހާނިކަ ކުރުމަށްފަހު ކައުންސިލް މެންބަރުން ތިބޭ ބައިގެ މޭޒުމަތީގައި ވޮޗަރު ބޭއްވުމަށްފަހު އެމީހުން ތިޖުރީ ފަޅާލައި 58000 ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަމަށް އެރަށު ކައުންސިލް އިދާރާގެ ރައީސް މުޙައްމަދު ޙަނީފާއި ހަވާލާދީ ސަން އެފް އެމްގައި ބުނެފައިވެއެވެ.
މިހާދިސާގައި ވޮޗަރަށް ނޭވާލުމަށް ދަތިވެ ނަފުސާނީ ގޮތުން ގެއްލުން ތަކެއް ވެފައިވާކަމަށާއި، ފަރުވާ ދިނުމަށްޓަކައި ވޮޗަރު ސިއްޚީ މަރުކަޒަށް ގެނެވިފައިވަނީ 7:30 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. 5 ގަޑއިރު ވޮޗަރު ސިއްޚީ މަރުކަޒުގައި އެޑްމިޓް ކޮށް ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލެވިފައިވާކަމަށް ބަނޑިދޫ ސިއްޚީ މަރުކަޒުގެ އިސް އޮފިޝަލެއް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މިހާދިސާގައި ތިޖޫރީއަށް ގެއްލުން ދިނުމުގެ އިތުރުން ކައުންސިލް އިދާރާގެ ލިޔެކިއުންތަކަށްވެސް ގެއްލުން ދީފައިވާކަމަށް އެރަށު ކައުންސިލުން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...