ރާއްޖޭގެ ޚަބަރު

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މާލެ ސިޓީގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ 1442 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު zakat.dhafthar@islamicaffairs.gov.mv ންނާއި، އެމިނިސްޓްރީގެ ކައުންޓަރުން ފޯމް ލިބޭނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ފޯމް ހުށަހެޅުން އޮންނާނީ 21 ފެބުރުއަރީން ފެށިގެން 21 މަރޗްގެ ނިއަލަށެވެ.

ފޯމު ހުށަހަޅާއިރު ހުރިހާ ލިޔެކިއުންތަކެއް ހުށަހެޅުމަށްވެސް އެމިނިސްޓްރީންވަނީ އަންގަވާފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާއިރު ފަޤީރުންނާއި މިސްކީނުންނަށް އަމިއްލަ ވިޔަފާރިއެއް ކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމެއް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ މީގެކުރިންވަނީ ވިދާޅުވެފައެވެ. މިޕްރޮގްރާމްގެ ދަށުން މިފަދަ ވިޔަފާރިއަކަށް ބޭނުންވާނެ ހުނަރާއި ތަމްރީނު ފޯރުވައިދީ ޒަކާތުގެ ގޮތުގައި އެފަދަ މީހުންނަށް ލިބިފައިވާ ފައިސާއިން ވިޔަފާރިއެއް ހިންގާނެ ގޮތުގެ މަޢުލޫމާތު ދެއްވާނެ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން މީހުން ފުދުންތެރިވެގެން ދިއުމުގެ މަގު ހުޅުވިގެންދާނެ ކަމަށާއި އަދި ޒަކާތް ހައްގުވާ މީހުންގެ އަަދަދު ދަށްވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ފަޤީރުންގެ ގޮތުގައި 8764 މީހުން އެބަތިބިއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުގައި ހިމެނޭ 1717 މީހަކާއި އަތޮޅުތަކުން 7047 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *