ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތް: ޝެއިޚް ނާޒިހް

Suvaruge Verinnah Libeyne Emme Bodu Niumaithakakee Jabbaaruvantha Ilaahuge Vajuhufulhu Fenumuge Niumai: Sheikh Naazih

ސުވަރުގެވެރިންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޖައްބާރުވަންތަ އިލާހުގެ ވަޖުހުފުޅު ފެނުމުގެ ނިޢުމަތް ކަމަށް އައްޝައިޚް އަޙްމަދު ނާޒިޙް ވިދާޅުވެއްޖެއެވެ.

ޝެއިޚް ނާޒިޙް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ސުވަރުގެއަކީ ﷲ ސުބްހާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި، ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތައް އިވިފައިނުވާ، ހިތަށްވެސް ނުގެނެވޭނެފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ.

ހުރިހާ ހިތްހަަމަޖެހުމަކާއި ނަފްސު އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ.އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރުވާނެ މީހެއް ނޫންކަމާއި، އެމީހެއްގެ އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެ ކަމަށެވެ.

މީގެ އިތުރުން އެސުވަރުގޭގެ ބިން ތައްޔާރު ކުރެވިފައި ވަނީ ގޮމަކަސްތޫރިންކަމާއި، އެތާނގެ ފަންގިފިލާއަކީ ﷲ ސުބްހާނަހޫ ވަތަޢާލާގެ ޢަރްޝިކޮޅެވެ. އެތާނގެ ބިމުގައިވާ ވެލިފުއްތަށް ހެދިފައިވަނީ މުތާއި ޖައުހަރުންނެވެ. އެތަން ބިނާވެގެންވަނީ ރަނާއި ރިހިންނެވެ. ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. އެންމެ މަތީ ދަރަޖައަކީ ފިރުދައުސެވެ. އެތަނުން، ސުވަރުގޭގެ ކޯރުތައް ދެމިގެންވެއެވެ. އަދި ހަތަރު ވައްތަރެއްގެ ކޯރުތައްވެއެވެ. އެއީ ރަހައަށް ބަދަލެއް ނާންނަ ފެންކޯރުތަކާއި، ރަހައަށް ބަދަލެއް ނާންނަ ކިރުގެ ކޯރުތަކާއި، މަސްތުވުމެއްނެތި ލައްޒަތު ލިއްބައިދޭ ރަލުގެ ކޯރުތަކާއި ސާފު މާމުއިގެ ކޯރުތަކެވެ.

ނިންމާލަމުން ވިދާޅުވަނީ އެތާނގެ އަހުލުވެރިންގެ ކާނާއަކީ އެމީހުން ޚިޔާރުކުރާ މޭވާއެވެ. އަދި އެމީހުން އެދޭ ކޮންމެ ދޫންޏެއްގެ މަހެވެ. އެމީހުން ބޯހުށީ ކާފޫރާއި ރަންޖަބީލު އެއްކޮއްފައިވާ ރަލެވެ. ކެއިންބުއިމަށްފަހު ފާޚާނާ ކުރުމުގެ ބަދަލުގައި އެމީހުންގައިން ހިއްލާނީ ދަލެކެވެ. އެ ދަލުގެވަސް ގޮމަކަސްތޫރިގެ ވަސްފަދައެވެ. އެމީހުން ލާނީ ފަށުއި ފޭރާންތަކެވެ. އެމީހުންގެ އެނދުތަކުގެ ދަށްފުށް ހެދިފައިވަނީ ފަށުއިންނެވެ. އެމީހުން ބޭނުންކުރާ ތަށިތައް ހެދިފައިވަނީ އެތެރެފެންނަ ރަނާއި ރިހިންނެވެ. އެތާނގެ އަހުލުވެރިންގެ ރީތިކަން ސާދަވިލޭރޭގެ ހަނދުފަދަ ވާނެއެވެ. އެމީހުންގެ ޢުމުރަކީ، ޒުވާންކަމުގެ ކުންނު ކަމުގައިވާ ތެއްތިރީސް އަހަރެވެ. އެމީހުންގެ އަނބިންނަކީ ރީތިކަމުގެ ދެވަނައެއް ނުވާ ޙޫރުލްޢީނުންކަމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *