ނަމާދު: މުއުމިނުންގެ ދަރަޖަ އުފުއްލެވެމުގެ މެދުވެރިޔާ
ﷲގެ ރަސޫލާ މުޙަންމަދު صلﷲعليه وسلم ، ރަސޫލުކަމައިގެން ފޮނުއްވުމަށްފަހު އެންމެ ފުރަތަމަ އެކަލޭގެފާނަށް ﷲ ތަޢާލާ އަމުރުކުރެއްވީ ނަމާދު ޤާއިމްކުރެއްވުމަށެވެ. ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް، އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވުމުން، އެބޭކަލުންގެ ކުރިމަތިފުޅުގައި ހުރި ހިލަތަކަކުން ފެން އާރެއް ނިކުތެވެ. ދެން ޖިބްރީލް އަލައިހިއްސަލާމް، ވުޟޫކުރައްވާނެގޮތާއި، އަދި ﷲގެ ހަޟްރަތަށް ނަމާދު އަދާކުރައްވާނެގޮތް، ނަބިއްޔާ صلﷲعليه وسلم އަށް ހަރަކާތުން އުގަންނަވައި ދެއްވިއެވެ. ﷲގެ ރަސޫލާ صلﷲعليه وسلم ، ދުވާލަކު ދެފަހަރު، ދެ ރަކުޢަތުގެ ނަމާދެއް އަދާކުރައްވަން ފެއްޓެވިއެވެ. ހެނދުނުގެ ވަގުތުގައި ނަމާދެއް އަދި ހަވީރުގެ ވަގުތުގައި ނަމާދެކެވެ. ދެން އެކަލޭގެފާނު ގެކޮޅަށް ވަޑައިގެން އަނބިކަނބަލުން ޚަދީޖަތުގެފާނަށް، ޖިބްރީލް ޢަލައިހިއްސަލާމްގެ ފަރާތުން އުނގެނިވަޑައިގަތް ކަންތައްތައް އެކަމަނާއަށްވެސް ދަސްކޮށްދެއްވިއެވެ. އެވަގުތުން ފެށިގެން ނަބިއްޔާ صلﷲعليه وسلم ދުވަހަކުވެސް ނަމާދު ދޫކުރައްވާފައެއް ނުވެއެވެ. ( الله أكبر). އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން، ރޭގަނޑުގެ ވަގުތެއްގައި، މާތް ވެގެންވާ ބިން ޤުދުސަށް އިސްރާއު ކުރެއްވުނެވެ. ނުވަތަ ގެންދެވުނެވެ. ޖިބްރީލް އަމީނާއެކުއެވެ. ދެން މާތް ﷲގެ ޙަޟްރަތަށް މިޢުރާޖުކުރެއްވުނެވެ. ނުވަތަ އުފުއްލެވުނެވެ. މިދަތުރުފުޅުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، ދުވާލަކު ފަސް ފަހަރު ނަމާދު ޤާއިމްކުރުމަށް އަމުރުކުރެއްވިއެވެ. މިއީ އުންމަތަށް މާތް ﷲ ދެއްވި މިޢްރާޖު ހަދިޔާއެވެ. މިނަމާދަކީ ދުވާލަކު ފަސް ފަހަރު ރޫޙާނީ މަތިވެރިކަމެއް ތަޖުރިބާކުރުމަށްޓަކައި މުސްލިމުންނަށް ﷲ ތަޢާލާ ދެއްވާފައިވާ އަގުހުރި ހަދިޔާއެކެވެ. ނަބިއްޔާ صلﷲعليه وسلم އޮޅުންފިލުއްވައިދެއްވި ގޮތުގައި "ނަމާދަކީ މުސްލިމުންގެ މިޢުރާޖެވެ". އެހެނީ ނަމާދަކީ ކޮންމެ މުސްލިމަކަށް، އޭނާގެ އިލާޙާއި މުޢާމަލާތުކުރުމަށް ލިބޭ ފުރުޞަތެކެވެ. މާތް ﷲ ގެ ޙަޟްރަތަށްދެވޭ ދެވުމެކެވެ. ކުރެވޭ މިޢްރާޖެކެވެ.
ކޮންމެ ނަމާދެއްގައި ސޫރަތުލް ފާތިޙާ ކިޔަވައެވެ. މިކިޔެވުމަކީ މުއުމިނަކު އެކަނި ހުރެގެން ކިޔަވާ ކިޔެވުމެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ވައުދުވެވޮޑިގެންވާ ފަދައިން އެއީ ﷲއާއި އަޅާއާއި ދެމެދު ކުރެވޭ މުޢާމަލާތެކެވެ. އެހެންކަމުން ކީރިތި ރަސޫލާ -صلى الله عليه وسلم- ޙަދީޡްކުރައްވާފައިވެއެވެ. " މާތް ﷲ ވަޙީކުރައްވައެވެ. ފަހެ ތިމަން ﷲގެ އަޅާ ނަމާދުގައި މިހެން ކިޔާހިނދު: { الحمد لله رب العالمين}، ތިމަން ﷲ ވަޙީކުރައްވަމެވެ: "ތިމަން ﷲގެ އަޅާ ތިމަން ﷲއަށް ޙަމްދު ކިޔައިފިއެވެ". ދެން އޭނަ { الرحمن الرحيم} މިހެން ކިޔާހިނދު، ތިމަން ﷲ ޖަވާބުދެއްވައި ބަސް ވަޙީ ކުރައްވަމެވެ: "ތިމަން ﷲގެ އަޅާ ތިމަން ﷲއަށް ސަނާކިޔައި މަތިވެރިކޮށްފިއެވެ". ދެން އޭނާ: { مللك يوم الدين} މިހެން ކިޔާހިނދު، ތިމަން ﷲ ޖަވާބުދެއްވައި ބަސް ވަޙީކުރައްވައެވެ: "ތިމަން ﷲގެ އަޅާ ތިމަން ﷲ މަތިވެރި ކޮށްފިއެވެ". ދެން އޭނާ { اياك نعبد واياك نستعين } މިހެން ކިޔައިފި ހިނދު، ތިމަން ﷲ ބަސް ވަޙީކުރައްވަމެވެ. " މިއީ ތިމަން ﷲއާއި ތިމަން ﷲގެ އަޅާއާއި ދެމެދު ވާކަމެކެވެ". ދެން އޭނާ { اهدنا الصراط المستقيم} ކިޔައިފިހިނދު، ތިމަން ﷲ އެކަމަށް ބަސް ވަޙީކުރައްވަމެވެ. "އަދި ތިމަން ﷲގެ އަޅާއަށް އޭނާ އެދުނު ކަންތައް ހުއްޓެވެ". (މިއީ ޤުދުސީ ޙަދީޡެކެވެ).
ނަމާދު: އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ތަނބު.
ﷲގެ ރަސޫލާ صلﷲعليه وسلم ހަދީޘް ކުރައްވާފައިވެއެވެ. “ނަމާދަކީ ދީނުގެ ތަނބެވެ”. (އަލް ބައިހާޤީ). އަދިވެސް އެކަލޭގެފާނު ބަޔާންކުރައްވާފައިވެއެވެ. ހަމަކަށަވަރުން، މިދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. އޭގެތެރޭގައި ނަމާދުގެ ވާހަކަ ބަޔާންކުރެއްވިއެވެ.
އެގޮތުން ޙަދީޡްކުރެއްވިއެވެ. ( بني الإسلام على خمس: شهادة أن لا إله إلا الله وأن محمدا رسول الله وإقام الصلاة وإيتاء الزكاة وحج البيت وصوم رمضان ) متفق عليه މާނައީ: “އިސްލާމްކަން ބިނާކުރެވިފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ؛ ﷲ ފިޔަވާ ހައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވުމާއި ނަމާދު ޤާއިމް ކުރުމާއި ޒަކާތް ދިނުމާއި ގެފުޅަށް ގޮސް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ”.
މި ހަދީޘުގެ މަފްހޫމު ވަރަށް ސާފެވެ. ޢިމާރާތެއްފަދައިން އިސްލާމްކަން ބިނާވެފައިވަނީ ފަސް ތަނބުގެ މައްޗަށެވެ. މިއިން އެންމެ ތަނބެއް އުނިވިކަމުގައިވިޔަސް މުޅި ޢިމާރާތް ބަލިކަށިވެދެއެވެ.
ގަދަފަދަ ވައިރޯޅިތައް ޝަހަރުތަކުގެ މައްޗަށް ވެރިވެގަންނަ ހިނދު ޔަޤީނުންވެސް އެންމެ ފުރަތަމަ ވެއްޓޭނީ ތަނބެއް އުނިވެފައިވާ ޢިމާރާތެކެވެ. ހަމަ މިފަދައިން މީހަކު ނަމާދު ކުރުން ހުއްޓާލައިފިނަމަ އޭނާގެ އީމާންތެރިކަން ބަލިކަށިވެއެވެ. އަދި ކިތަންމެ މަޑު ރޯޅިއަކުން ވެސް އޭނާގެ އީމާންތެރިކަން ފުނޑު ފުނޑުވެދެއެވެ.
ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު
ނަމާދުގެ މުހިއްމުކަން ހާމަކުރެއްވުމުގެ ގޮތުން ﷲގެ ރަސޫލާ صلﷲعليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ( إن بين الرجل وبين الشرك والكفر ترك الصلاة ) رواه مسلم މާނައީ: “ހަމަކަށަވަރުން އިންސާނާއާއި ޝިރުކު އަދި ކުފުރާއި ދެމެދުގައިވާ ހުރަހަކީ ނަމާދެވެ.”
މި ހަދީޘްގެ ތެދުކަން ކިތަންމެހާވެސް ބޮޑެވެ! މަގުމަތީގައި ހިނގާ ބިގާ އުޅޭ މީހުންނަށް ނަޒަރު ހިންގާލައިފިނަމަ އެތަނުން މުސްލިމުންނާއި ޣައިރު މުސްލިމުން ވަކި ކުރުމަކީ އުނދަގޫ ކަމެކެވެ. އިސްލާމްކަމަކީ އީމާންތެރިންގެ ނިތްކުރީގައި ލިޔެވިފައިވާ ކަމެއްނޫނެވެ. އަދި ކިއެއްތަ! ކުފުރަކީ ކާފަރުންގެ މޫނުމަތީގައި ތައްގަނޑު ޖެހިފައިވާކަމެއް ވެސް ނޫނެވެ. ނަމަވެސް ނަމާދު ވަގުތު ޖެހުމުން މިދެބައި މީހުންވަރަށް ފަސޭހައިން ވަކިކުރެވެއެވެ. އީމާންތެރިން އެމީހުން ކުރަންތިބި މަސައްކަތްތަކާއި ވިޔަފާރިތައް ދޫކޮށްލާފައި ނަމާދަށްޓަކައި މުސްލިމުންގެ ސަފުތަކާއި ގުޅޭހިނދު، އީމާންނުވާމީހުން އެމީހުންގެ ދުނިޔަވީ މަސައްކަތް ތަކައިގެން އަވަދިނެތި އުޅެއެވެ.
ހިސާބު ބައްލަވާ ދުވަހު ހިނގާނޭ ވަރަށް ޝައުޤުވެރިވާ ފަދަ ވާހަކަ ތަކެއް ސޫރަތުލް މުއްދައްޘިރުގައި ބަޔާންވެގެން ވެއެވެ. އީމާންވީ މީހުން ނަރަކައިގެ އަހުލުވެރިންގެ ގާތުގައި އަހާނެއެވެ.
މާތް ﷲ މިކަން ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ. ( ماسلكم في سقر قالوا لم نك من المصلين ولم نك نطعم المسكين وكنا نخوض مع الخائضين وكنا نكذب بيوم الدين حتى اتآنا اليقين) المدثر: 74 މާނައީ:” ނަރަކައަށް ތިޔަބައިމީހުން ވަންނަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެބައިމީހުން ބުނާނެއެވެ. ތިމަންމެން ނަމާދު ކުރާމީހުންގެ ތެރޭގައި ނުވަމުއެވެ. އަދި މިސްކީނުންނަށް ކާންދޭ ބަޔަކު ކަމުގައިވެސް ނުވަމުއެވެ. ތިމަންމެން ދޮގުވެރިންނާއެކު ބާޠިލު ދޮގުވާހަކަތައް ދައްކާއުޅުނީމުއެވެ. އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އިންކާރު ކުރީމެވެ. ތިމަންމެންނާ ހަމައަށް މަރު އަތުވެއްޖެއުމަށް ދާންދެނެވެ”.
ޙައްޤުގޮތް އިންކާރުކުރާ މީހުން މިދުނިޔެމަތީގައި ހަނުހުއްޓަސް އަންނަން އޮތް ދުނިޔޭގައި ޚުދު އެމީހުން ޙައްޤު ފާޅުކުރާނެއެވެ.
(ނުނިމޭ)
އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން
ރާއްޖެއިސްލާމްއިން ނަގާފައި
ކޮމެންޓް (0)
ލޯޑް ކުރަމުން...