މި 1441 ވަނަ އަހަރުގެ ޛުލް ޙިއްޖާގެ ފުރަތަމަ ދުވަހަކީ 22 ޖުލައި 2020 ވާ ބުދަ ދުވަސް (މާދަމާ) ކަމަށް ސަޢުދީ ޢަރަބިއްޔާގެ މަޙްކަމަތުލް ޢުލްޔާއިން އިޢުލާން ކުރައްވައިފިއެވެ.
އިއްޔެގެ ވަޤުތެއްގައި ސަޢުދީ ޢަރަބިއްޔާއިން ނެރުއްވި މިބަޔާނުގައިވާ ގޮތުގައި، ރޭގައި ހަނދު ފެނިފައިނުވާތީ، ޛުލް ޤަޢިދާ މަހުގެ ފަހު ދުވަހަކީ 21 ޖުލައި ވާ އަންގާރަ ދުވަސް (މިއަދު) ކަމަށް ވަނީ ކަނޑައެޅިފައެވެ. މިކަމާއި ވިދިގެން މިއަހަރުގެ ހައްޖު ދުވަސް ވާނީ މިޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށާއި، އަޟްޙާ ޢީދު ދިމާވާނީ މިޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށްވެސް މިބަޔާނުގައި ވިދާޅުވެފަިވެއެވެ.
މިއަހަރު ކޯވިޑް 19 އާއި ވިދިގެން ސަޢުދީ ސަރުކާރުން ނިންމަވާފައިވަނީ، އެޤައުމުގައި ޤަރާރުވެ ތިއްބެވި މުޤީމުންގެ ތެރެއިން ޙައްޖާޖީން އިޚްތިޔާރު ކުރައްވާ، އެބޭފުޅުންނަށް ހައްޖުވުމުގެ ފުރުޞަތު ދެއްވުމަށެވެ. މިގޮތުން، ސަޢުދީ ރައްޔިޔުންނާއި، އެޤައުމުގައިވާ އެހެނިހެން ޤައުމުތަކުގެ ޙައްޖާޖީން ހިމެނޭހެން މިއަހަރު ޙައްޖުވުމަށް ފުރުޞަތު ދެއްވާފައިވަނީ 10000 ހައްޖާޖީންނަށްވުރެ ވެސް މަދު ޢަދަދަކަށެވެ. ޚަބަރުތަކުގައިވާ ގޮތުން، މިއަހަރު ހައްޖަށް އިޚްތިޔާރު ކުރެވުނު ޙައްޖާޖީންގެ ތެރޭގައި ދިވެހިރާއްޖޭގެ ބައެއް ބޭފުޅުންވެސް ހިމެނެއެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިންމެވުމާއި ވިދިގެން ލީބިޔާ އަދި މިޞްރުގެ ފަތުވާ ކޮމިޓިއިންވެސް ވަނީ މިނިންމެވުމާއި އެގޮތަށް ފަތުވާ ނެރުއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...