ދުނިޔޭގައި ދިމާވާ ދަތިތަކާއި ގުޅިގެން ދިމާވާ ނަފްސާނީ ކަންކަމަށް އެހާލަތުގައި އިތުރަށް ރަނގަޅު މަގު ހޯދަން މަސައްކަތް ނުކުރާނަމަ ނުވަތަ އެހީތެރިކަން ނުލިބިއްޖެނަމަ ނޭނގި ހުރެ އިންސާނާ ނަފްސާނީ ހާލަތަކަށް ވައްޓާލާ ކަމަށް ޝެއިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ޖަމިއްޔަތުއް ސަލަފުން ކޮވިޑް 19 އާއި ގުޅިގެން ބޭއްވި ސިލްސިލާ ޕްރޮގްރާމެއްގެ ތެރެއިންނެވެ.
މިޕްރޮގްރާމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ ޑިޕްރެޝަން ފަދަ ކަންކަން ދިމާވަނީ މުސީބާތްތަކަށް ކެތްތެރި ނުވުމާއި، ކެތްތެރި ވާންވީ ވަގުތު ކެތްތެރި ވާން ނޭނގުމާއި، ތިމާ އެދޭ ބައެއް ކަންކަން ނުވުމުންނެވެ. މީގެ ސަބަބުން ނުތަނަވަސް ކަމަށް އިތުރަށް ގެނބިގެން ގޮސް އިންސާނާއަށް ދުނިޔޭގައި އުޅެން ދަތިވެއެވެ. އަދި ހަމަ އެހެންމެ ކަމެއް ދިމާ ވުމުން އެހީތެރިކަން ހޯދަންވީ ކޮން ފަރާތަކުން ކަންވެސް ނޭނގޭ ހިސާބަށް ދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. ދުނިޔެއަކީ މުއުމިނުންގެ ޖަލެވެ. އަދި ކާފަރުންގެ ސުވަރުގެއެވެ.
ޝައިޚު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ޑިޕްރެޝަނަށް ދަނީ އަޅުކަމާއި ދުރުވެ ދީނާއި ދުރުވުމުންނެވެ. އަދި ﷲ ގެ މަގަށް ރުޖޫޢަވެ ފަރްޟު ފަސް ނަމާދު އަދާކޮށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ނަމޫނާގައި ހިފައި، ޤުރްއާން ކިޔަވާ، ހެނދުނާއި ހަވީރުގެ ދުޢާތައް ކިޔާ ނަބީބޭކަލުންނާއި ސަހާބީންނާއި ސަލަފުއްސާލިހުންނާއި އިޤްތިދާއުވެ ޢިބުރަތް ލިބިގަންނަނަމަ ޑިޕްރެޝަންގެ މައްސަލަ ހައްލު ވާނެ ކަމަށެވެ. މީގެ އިތުރުން އީމާން ކަމުގެ އަހުލުވެރިންނަށް ނަފްސާނީ ކަމެއް ދިމާ ވެގެން ދުނިޔެ އަޅާ ދާވަރުގެ ކަމެއް ދިމާ ނުވާނެ ކަމަށާއި، މުއުމިނުންނަށް އުފާވެރި ޚަބަރެއް ލިބިއްޖެނަމަ ޝުކުރު ކުރާ، އަދި ނުބައި ކަމެއް ކުރިމަތި ވެއްޖެނަމަ ކެތްތެރިވާ ބައެއް ކަމުގައި ޝައިޚު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...