ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚު ޙުސައިން ޔޫސުފް އަވަހާރަވެއްޖެއެވެ.
ރާއްޖޭގައި ތަޢުލީމް ފަތުރުއްވަން އެތައް އަހަރެއްވަންދެން މަސައްކަތް ކުރައްވާފައިވާ ޝައިޚު ޙުސައިން އަވަހާރަވެފައިވަނީ އާލާސްކަންފުޅާއި ގިނަ ދުވަސްތަކަކު އުޅުއްވުމަށްފަހު ރޭގެ ވަޤުތެއްގައި ރާއްޖެއިން ބޭރުގައެވެ.
އައްޝައިޚު ޙުސައިން ޔޫސުފަކީ ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ޔުނިވާރސިޓީއިން ތައުލީމް ޙާސިލްކުރެއްވި ބޭކަލެކެވެ. ޔުނިވާރސިޓީއިން ތަޚައްރުޖުވުމާއިއެކު ރާއްޖެ ވަޑައިގެން ދީނީ ނަޞޭޙަތް ދެއްވުމުގައި އުޅުއްވިއެވެ. އަދި 1989 ވަނަ އަހަރުގައި ބ.ހިތާދޫގައި މަދްރަސަތުއްނަހްޟާގެ ނަމުގައި (ފަހުން އުއްމުލް ޤުރާ ސެކަންޑަރީ ސްކޫލް) ސްކޫލެއް ހިންގެވިއެވެ. ޝައިޚުގެ ޞިއްޙީ ޙާލުގެ ސަބަބުން ސްކޫލް ހިންގުމަށް ދަތިވަންދެން މިސްކޫލުގައި ވަރަށް ގިނަ ދަރިވަރުންނަށް ހިލޭ ސާބަހަށް ކިޔަވައިދެއްވިއެވެ. އުއްމުލް ޤުރާ ސެކަންޑްރީ ސްކޫލަކީ ބ އަތޮޅުގައި ޖީސީއީ އޯލެވެލަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. ޝައިޚު ޙުސައިން ޔުސުފް ތަޢުލީމް ފެތުރުއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން 1999 ވަނަ އަހަރުވަނީ ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ތަޢުލީމަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ލިބިވަޑައިގެންފައެވެ.
މީގެ އިތުރުން ޝައިޚަކީ ހައިކޯޓު އުފެއްދި ޒަމާނުގައި ހައިކޯޓުގެ ފަނޑިޔާރެކެވެ. އަދި ހިތާދޫގެ ތަރައްޤީއަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މަޖިލީހުގައި ބ އަތޮޅުގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެއްވެސްމެއެވެ. މިހާރު ރައްޔިތުންގެ މަޖްލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިނާއި، އެމެރިކާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފިރު ތިލްމީޒާ ޙުސައިނަކީ އައްޝައިޚު ޙުސައިން ޔޫސުފްގެ ދެދަރިކަލުންނެވެ.
އައްޝައިޚު ޙުސައިން ޔޫސުފް އަވަހާރަވި ޚަބަރާއި ގުޅިގެން މަދީނާގެ އިސްލާމިކް ޔުނިވާރސިޓިގެ ގްރޭޖުއޭޓު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ މިހިތާމައިގައި ބައިވެރިވެ ވަޑައިގެން، ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...