ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމަހާއި ގުޅޭ މަޢުލޫމާތު ހިމަނައިގެން "ދަނާރު"ގެ ނަމުގައި ފޮތް ކިޔުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޖަމްޢިޔަތުއް ސަލަފުން ނިންމައިފިއެވެ.
ޖަމްޢިޔަތުއް ސަލަފްގެ ވެބްސައިޓްގައި ހާމަ ކުރައްވާފައިވާ ގޮތުން ދަނާރު ޕްރޮގްރާމް ކުރިއަށް ދާނީ ތިން ހަފްތާގެ މުއްދަތަށެވެ. އަދި މިމުބާރާތް މިއާދީއްތަ (މާދަމާ) ފެށޭނެއެވެ. އަދި މިމުބާރާތުގައި 12އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރި ވެވިދާނެ ކަމަށް ހާމަކޮށްފައިވެއެވެ.
އިތުރަށް މިމުބާރާތުގެ ތަފްސީލް ހާމަކުރައްވަމުން އެޖަމްޢިޔާގެ ވެބްސައިޓްގައި ލިޔެފައިވެއެވެ. މިމުބާރާތުގައި ކިޔަން ޖެހޭނީ އެޖަމްޢީޔާއިން ކުރިން ޝާޢިއު ކޮށްފައިވާ "ރޯދައިގެ ހަދީޔާ" ކިޔާ 36 ޞަފްޙާގެ ފޮތެއްކަމަށެވެ. 29މަރޗްއިން ފެށިގެން އޭޕްރީލް 22އަށް ކުރިއަށް ގެންދާ މިމުބާރާތް ކުރިއަށް ގެންދާނީ ޖަމްޢިޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖްމެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށާއި އަދި ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު އެހަފްތާއެއްގައި، ފޮތުން ކިޔަންޖެހޭ މިންވަރުގެ ޕީޑީއެފް ފައިލެއް އެޖަމްޢީޔާގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރާނެކަމަށެވެ. އަދި އެޕޭޖުން އެޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހެނދުނު 9:00ގައި އެހަފްތާއަކަށް ކިޔުމަށް ކަނޑައެޅިބައިން އެމްކިޔުސީ ސުވާލު ތަކެއްގެ މައްޗަށް އެކުލެވޭ އިމްތިޙާނެއް ދެވޭނެއެވެ. އަދި އެއިމްތިހާނުގައި ހޮނިހިރު ދުވަހުގެ 4:00 އާއި ހަމައަށް ބައިވެރިވެވޭނެއެވެ. ތިންހަފްތާ ހަމަވުމުން 29އޭޕްރީލް ވާ ބުދަ ދުވަހު މުޅި ފޮތުން އިމްތިޙާނު ކުރެވޭނެކަމަށް އެޖަމްޢިޔާގެ ވެބްސައިޓްގައި ވެއެވެ.
އަދި ދަނާރު މުބާރާތުގެ 1ވަނަ އަށް އަންނަ ފަރާތަކަށް 1000ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި 2ވަނަ 3ވަނަ އަށްވެސް އިނާމު ކަނޑައަޅާފައިވެއެވެ.
ޚިޔާލު