ދީނީ ލިޔުންދީން

އިރު އޮއްސެންވާއިރަށް ކުޑަކުދިން ގެއަށް ވައްދައި ދޮރުތައް ލެއްޕުން

بسم الله الرحمن الرحيم

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:

އިހުޒަމާނުއްސުރެ މީހުން ކުރަމުން އައިސްފައިވާ ވަރަށް ގިނަ ކަންތައްތަކަކީ ބޯދާ ކަންތައްތަކޭ ބުނެވެއެވެ. އެއީ ހަގީގަތެއް ނުވަތަ އިލްމީ އަސްލެއް ނެތް ކަންތައް ތަކެވެ. ނަމަވެސް އިހުޒަމާނުއްސުރެ މީހުން ކުރަމުން އައި ކަންތައްތަކާއި ދެކެމުން އައި ހުރިހައި ގޮތަކީ ބޯދާ ކަންތައްތަކެއް ނުވަތަ ގޮތްތަކެއް ނޫނެވެ.

އިހު ޒަމާނުއްސުރެ އިރު އޮއްސެން ވާ އިރަށް ކުޑަކުދިން ގެއަށް ވައްދައި ދޮރުތައް ލައްޕައި ހަދަން ޖެހޭނެ ކަމުގައި ބުނާ އަޑު ވަރަށް ގިނަމީހުން އަދި ހަނދާން ހުންނާނެއެވެ. ބައެއް މީހުން ސަމާލު ކަމާއި އެކުގައި އެކަން ކޮށްވެސް ހަދައެވެ. އަނެއް ބަޔަކު ގަބޫލު ކުރި ނަމަވެސް އެގޮތަށް އަމަލު ނުކުރަނީ ފަރުވާ ކުޑަ ކަމުންނެވެ. ހަގީގަތުގައި އެއީ ބޯދާ ކަމެއް ނޫނެވެ. އެއީ އިސްލާމީ އަދަބުގެ ތެރޭގައި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދަސްކޮށްދެއްވާފައިވާ ހައްގު ތެދެވެ.

جَابِرٍ رضي الله عنه ގެ އަރިހުން مسلم ރިވާކުރައްވާފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ)) މާނައީ: “އިރު އޮށްސި އިޝާގެ އަނދިރިކަން ހިނގައްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ނާމް ސޫފި ތަކާއި ކުޑަކުދިން ބޭރަށް ދޫކޮށްނުލާށެވެ. ފަހެ އިރުއޮށްސި އަނދިރިވެގަންނަ ހިނދުން ފެށިގެން އެވަގުތު ފިލައިފުމަށް ދާންދެން ޝައިޠާނުންތައް ބިންމަތީގައި ފެތުރިގަނެއެވެ.” އަދިވެސް البخاري އާއި مسلم ރިވާކުރައްވާފައި ވެއެވެ. ((إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا مَصَابِيحَكُمْ)) މާނައަކީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ހިނދު ނުވަތަ އިރު އޮށްސުނީއްސުރެ ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހަށްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުން އެވަގުތުގައި ފެތުރިގަނެއެވެ. ދެން ރޭގަނޑުން ސާޢަތެއް (އެބަހީ އިރު އޮށްސުމާއި އެކުގައި ވެގަންނަ އަނދިރިކަން) ފިލައި ދިޔުމުން ދޫކޮށްލާށެވެ. އަދި ﷲ ގެ ނަންފުޅުގަނެ (بسم الله ކިޔައި) ދޮރުތައް ބަންދުކުރާށެވެ! (އެކަލާނގެ އިސްމުފުޅާއި އެކުގައި) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ފެން އަޅާ ތަކެތި ބަންދު ކުރާށެވެ! އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ތެލިތަށިތައް މަތިޖަހާށެވެ! މަތި ނެތިއްޖެނަމަ އޭގެމަތީ އެއްޗެއް ހުރަސްކޮށްލާށެވެ! އަދި (އަލިފާން) ބައްތިތައް ނިއްވާލާށެވެ!”

މި ދެރިވާޔަތުގައި އިތުރުއެކަލޭގެފާނުން އެވަނީ އާންމު ދިރިއުޅުމުގައި ސަމާލުވާންޖެހޭ ވަރަށް މުހިންމު އަދަބުތަކެއް ބުނެދެއްވާފައެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އަދާވާތްތެރިން، ޝައިޠާނުންގެ އުނދަގޫތަކާއި އެތަކެއް ބަލިމަޑު ކަމަކުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިން ސަލާމަތްވެ ރައްކާތެރިވާނެކަން ކަށަވަރެވެ.

އިރު އޮއްސުމުގެ ކުރިން ކުޑަކުދިން ގެއަށް ވައްދަން ޖެހެއެވެ. ހަތް އަހަރުން ފެށިގެން ނަމާދު ކުރުމަށް ފަރިތަ ކުރުވަން ޖެހޭ ކުދިން އެކުދިންގެ ބެލެނިވެރިންނާއި އެކުގައި މަޣްރިބް ނަމާދަށް މިސްކިތަށް ދިޔުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގެއަށް ވަދެ ނުކުމެ ހަދާ އިރުގައި ކިޔާ ދުޢާ ކިޔުމަށް ސަމާލުވާން ވާނެއެވެ.

ހައިރާން ވާންޖެހޭ ހިތާމަވެރި ކަމަކީ މިއުންމަތުގެ ކީރިތި ނަބިއްޔާގެ މި މަތިވެރި ބަސްފުޅު ޞައްހަ ހަދީޘުން މިހާ ސާފުކޮށް ވާރިދުވެފައި ވާއިރުގައިވެސް ގިނަ އަދަދެއްގެ ބެލެނިވެރިން އެބައިމީހުންގެ ދަރިން އިރު އޮއްސޭދަޅައަށް ސްޓޭޑިއަމްތަކާއި ބަށިފަސްގަނޑާއި ބޯޅަދަނޑު ފަދަ ތަންތަނަށް ފޮނުވައި އިރު އޮއްސުމުގެ ކުރިން އެކުދިން އަނބުރައި ގެއަށް ނުގެންނާތީއެވެ. އިރު އޮށްސޭ ގަޑިއަކީ ކުޅިވަރުގެ ފޯރި ވަކިން ގަދަވާ ވަގުތެވެ. އަދި އޮށްސޭ ދަޅައަށް އެކުދިން ގެއަށް ނުވައްދާތާގައި މަޣްރިބު ނަމާދުގެ ފަރީޟާވެސް އެކުދިންނަށް ގެއްލެއެވެ. ގިނަ ބަޔަކަށް ގަބޫލު ކުރެވޭ ގޮތުގައި ކުޅިވަރު ކުޅޭ ކުދިންނަކީ ކޮންމެހެން މަޣްރިބް ނަމާދަށް ދާން ޖެހޭ ބައެއް ނޫނެވެ. ނަމާދު ކުރާ މީހުންވެސް ނަމާދަށްޓަކައި ބަންގި އަޑާއި އެކުގައި މެޗު ހުއްޓާލާއިރު އަނެއްކޮޅުން ކުޅިވަރަށްޓަކައި މަޣްރިބުގެ ޖަމާއަތް ދޫކޮށްލައެވެ. މިއަދު ގިނައީ މިއަށްވުރެވެސް ނުބައި މީހުންނެވެ. އެމީހުން ބަންގީގެ އަޑަށް ކުޅިވަރު ހުއްޓާވެސް ނުލައެވެ. އެމީހުންގެ ލިސާނު ހާލު ބުނާ ކަހަލައެވެ. ‘ގޮވާ އެއްޗެއް ގޮވާށެވެ. އަހަރުންނާ ބެހޭކަމެއް ނޫނެވެ. އަހަރުމެން ނުދާނަމެވެ.’ މިހެންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *