ރާއްޖޭގެ ޚަބަރު މިއުޒިކާއި ލަވައަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ބަލަމުން އަންނަ ކަމަށް މަޝްހޫރު ލަވަކިއުންތެރިޔާ ތޭރަވާ ބުނެފި

މިއުޒިކާއި ލަވައަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ބަލަމުން އަންނަ ކަމަށް މަޝްހޫރު ލަވަކިއުންތެރިޔާ ތޭރަވާ ބުނެފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހުކުރު ދުވަހުގެ ރޭ "ޢިލްމީ ޚަޒާނާ" ޝޯގެ ތެރެއިން ތޭރަވާ

މިދިޔަ ހުކުރުދުވަހުގެރޭ ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ބޭއްވި "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމްގެ ޚާއްޞަ ވެރައިޓީ ޝޯގެ ލައިވް ކަވަރޭޖް ދިއިސްލާމް.ކޮމް ވެބްސައިޓް މެދުވެރިކޮށް ކިއުންތެރިންނާއި ހަމައަށް ގެނެސްދެމުންދެމުން ދިޔައިރު ދިއިސްލާމް ޓީމްގެ "ފޯކަސް" ގައި އެންމެ އަޅައިގަތް އެއްކަމަކީ މަޝްހޫރު ލަވަކިއުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އޯޑިއަންސްގެ އެންމެ ކުރީ ގޮނޑިބަރީގައި އިންތަން ފެނުމެވެ. ވުމާއެކު ލައިވް ކަވަރޭޖްގައި މިވާހަކަ ގެނެސްދެވިފައިވާނެއެވެ. "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ވެރައިޓީ ޝޯގެ "މެހުމާނުން" ގެ ސެގްމަންޓްގައި އެރޭ "ޓްރިއޯ" ބޭންޑްގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މޫސާ ޝިފާޢު އާއި، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ބާރީ އާއި، ކުރީގެ މަޝްހޫރު "ފްރީޒް" ބޭންޑްގައި އުޅުނު އިބްރާހީމް ރަމީޒް (އިބޭ) ، މި 03 މީހުން އެމީހުން ދެންދުވަހަކުވެސް ލަވަނުކިޔާނެ ކަމަށާއި، ލަވަކިއުން ހުއްޓާލި ސަބަބު ކިޔައިދިންއިރު ތޭރަވާ ވެސް ދިޔައީ ލައިވްކޮށް މިމަންޒަރުތައް އޯޑިއަންސްގައި ހުރެ ބަލަމުންނެވެ.

ތޭރަވާގެ ފަރާތުން މިއުޒިކާއި ލަވައިގެ ދާއިރާ ދޫކޮށްލުމުގެ ފިކުރު ގެންގުޅޭ ކަހަލަ އިޝާރާތެއް

ދީނީ މަޢުލޫމާތަށް ޚާއްޞަ "ޢިލްމީ ޚަޒާނާ" ޝޯގައި ބައިވެރިވެފައިތީ، ތޭރަވާ ލަވަކިއުމާއި ދުރަށް ދިއުމަށް އުޅޭ ކަމަށް ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިފައިވާތީ، ދުވަހު ނޫސް ހަވީރުގެ ފަރާތުން މިސުވާލު ކުރުމުން ތޭރަވާ ބުނެފައިވާ ކަމަށް އެނޫހުގެ މިއަދުގެ ޢަދަދުގައި ވަނީ ތޭރަވާ ލަވަކިއުން ހުއްޓާލަން އަދި ނިންމާފައިނުވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ތޭރަވާގެ ފަރާތުން ކުރިމަގުގައި މިއުޒިކީ ދާއިރާއާއި ދުރަށް ގޮސްދާނެކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ. މިގޮތުން ލަވަކިއުން ހުއްޓާލުމުގެ ފިކުރު ގެންގުޅޭ ކަމަށާއި، ލަވަކިއުމަކީ އެއްވެސް އިރެއްގައި އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިވާ ކަމެއް ނޫންކަމަށް ތޭރަވާ ބުނެފައިވާ ކަމަށެވެ. އަދި އެދާއިރާގައި މަސައްކަތްކުރުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ބަލަމުންދާ ކަމަށާއި އެއީ ގޯސްކަމެއްކަން ޤަބޫލުކުރެވޭ ހިސާބުން ލަވަކިއުން ހުއްޓާލާނެ ކަމަށެވެ.

ތޭރަވާ އާއި ޙަވާލާދީ ހަވީރު ނޫހުން ބުނެފައިވަނީ ތޭރަވާ "ޢިލްމީ ޚަޒާނާ" އަށް ދިޔައީ އޭނާގެ ވަރަށް ގާތް ފަރާތެއް ކަމުގައިވާ މޫސާ ޝިފާޢުގެ ދަޢުވަތަކަށެވެ. ޝިފާޢު އަކީ ތޭރަވާގެ އަންހެނުން މަރްޔަމް އަޝްފާގެ ކޮއްކޮއެކެވެ. އަޝްފާ އަކީވެސް މަޝްހޫރު ލަވަކިއުންތެރިއެކެވެ.

ދުޢާ އަކީ މާތް ﷲ ތޭރަވާ އަށާއި، މިއުޒިކާއި ލަވައިގެ ދާއިރާގައި މަސައްކަތްކުރާ އެންމެންނަށް ހެޔޮވިސްނުން ދެއްވުން

ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރެއްދޭނެ ފަރާތެއް ނުވެއެވެ. އަދި ﷲ މަގުފުރައްދައިފި މީހަކަށް ތެދުމަގު ދެއްކޭނެ ފަރާތެއް ނުވެއެވެ. މިއީ އިސްލާމް ދީނުގެ ޞައްޚަ ނައްޞުތަކުގައި ބަޔާންވެފައިވާ ކަމެކެވެ. ނަމަވެސް މީހުން ހެޔޮމަގަށް ގެނައުމަށް ބާރުއެޅުމާއި، ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ބާރުއެޅުމަށް މަސައްކަތްކުރަން އަޅުގަނޑުމެން ޖެހޭނެއެވެ. މިކަން ކުރަންޖެހޭނީ ޙިކުމަތާއެކު ރީތި ގޮތުގައެވެ. މީސްތަކުންނަށް ހިދާޔަތު ދެއްވާނީ ﷲ އެވެ. ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން އެހެން މީހުންނަށްޓަކައި ހެޔޮގޮތް އެދި، ތެދުމަގު ދެއްކެވުން އެދި ދުޢާކުރަން އަޅުގަނޑުމެން ޖެހޭނެއެވެ. ދުޢާއަކީ ތޭރަވާ އާއި ތޭރަވާގެ އަންހެނުންނަށާއި، މިއުޒިކާއި ލަވައިގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް މާތް ﷲ ހެޔޮވިސްނުން ދެއްވާ، ހިދާޔަތު ދެއްވުމެވެ.

"ޢިލްމީ ޚަޒާނާ" އިން ތޭރަވާ ފެންނަ ފޮޓޯ އަކަށް ފޭސްބުކްގައި ކޮމެންޓް ކުރަމުން މީހަކު ބުނެފައިވެއެވެ. " ﷲ ޣަނީ (ތޭރަވާ) މެންނަށްވެސް ދީނުގެ ހެޔޮ ވިސްނުން ދެއްވާށިއެވެ. މިކަހަލަ މަޖިލީހަކުން ފެނުމަކީވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. " ވަރަށް ވެސް ބޮޑު ތެދެކެވެ. "ޢިލްމީ ޚަޒާނާ" ފަދަ ޢިލްމީ ޝޯއަކުން ތޭރަވާ ފެނިގެން ދިއުމަކީ އާޅުގަނޑުމެން އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި ތޭރަވާ އަށް މިކަމަށްޓަކައި މަރުޚަބާ ކިޔާ، ޝުކުރުއަދާކުރަމެވެ.

ޓެގް

މިއުޒިކާއި ލަވަ، ލވަކިއުންތެރިން ޢިލްމީ ޚަޒާނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.