އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ސޫރިޔާގެ އިދްލިބްގެ އަޚުންނާއި އުޚްތުންނަށް އެހީވުމުގެ ހަރަކާތެއް ލޯންޗްކޮށްފިއެވެ.
މިކެމްޕެއިންއާއި ގުޅޭގޮތުން އައިއޭސީގެ ފަރާތުން މައުލޫމާތު ދެއްވި އައިއޭސީގެ އިންޓަރނޭޝަނަލް ރިލޭޝަންސް ހެޑް މުހައްމަދު އަލީ ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރު އަަސަދުވަނީ އިދްލިބްއަށް ވަރަށް އަވަހަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފާ ކަމަށާއި ހަމަލާދީފިނަމަ އިދްލިބްގެ އެތައް މިލިއަން ރައްޔިތުންނެއް ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީއަށް ދަތުރުކުރަން ފަށާނެ ކަމަށެވެ. އަދި މިހެން ވެއްޖެނަމަ ގިނަ އަދަދެއްގެ ރައްޔިތުން ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހޭނެ ކަމަށާއި މިކަން ވެގެންދާނީ 21 ވަނަ ޤަރުނުގައި ހިނގާ އެންމެ ބޮޑު އިންސާނީ ކާރިސާކަމުގައި އެހީ ދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ބުނެފައިވާ ކަމަށެވެ.
މުހައްމަދު އިތުރަށް ވިދާޅުވީ އިދްލިބްއަށް ހަމަލާދީފިނަމަ ދިމާވެދާނެ ހާލަތަކަށް ބަލާ، ތުރުކީގެ ޖަމިއްޔާއެއް ކަމުގައިވާ އީހާހާގެ ފަރާތުން 1000 ޓްރަކްގެ އެހީގެ ސާމާނު ފޮނުވުމަށް ނިންމާފައިވާ ކަމަށާއި މީގެ އިތުރުން އިދްލިބްއިން ތުރުކީގެ ބޯޑަރަށް ދަތުރުކުރާ ރައްޔިތުންނަށް ވެސް އީހާހާގެ ފަރާތުން އެހީގެ ތަކެތި ފޯރުކޮށްދޭންވަނީ ނިންމާފައި ކަމަށެވެ. އެގޮތުން މިއަދުވަނީ 20 ޓްރަކްގެ އެހީގެ ތަކެތީ އީހާހާގެ ފަރާތުން ފޯރުކޮށްދީފައި ކަމަށް މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ އީހާހާގެ "ރެސްޕޮންސް އެޕީލް ފޮރ އިދްލިބް ކްރައިސިސް" ކެމްޕެއިންގައި އައިއޭސީއަށް ބައިވެރިވާން ލިބުނު ފުރުޞަތު ޤަބޫލުކޮށްފައިވާ ކަމަށާއި އެގޮތަށް ނިންމީ އެފަދަ ހާލަތެއް އަތުވެއްޖެނަމަ އައިއޭސީގެ ޒިންމާ ޤަބޫލުކުރެވޭތީ ކަމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން
- 2016 ވަނަ އަހަރު މަސައްކަތް ފެށީ
- 2017 ވަނަ އަހަރުގެ ކުރީކޮޅު "ހެލްޕް ސީރިޔާ" ނަމުގައި ހިންގި ހަރަކާތުން 8 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ސޫރިޔާގެ ރައްޔިތުންނަށް ފޮނުވާފަވޭ
- 2017 ވަނަ އަހަރުގެ އޮކްޓޫބަރމަހު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގި ހަރަކާތުން 4.2 މިލިއަން ރުފިޔާ ފޮނުވާފަވޭ
- 2018 އަހަރު ޣޫތާ އެމަޖެންސީ ރިލީފް ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން 1.3 މިލިއަން ރުފިޔާ ފޮނުވާފަވޭ
- މިއަހަރު ރަމަޟާންމަހާއި ދިމާކޮށް ޣާޒާގެ ރައްޔިތުންނަށް "ލޯތްބާއެކު" ނަމުގައި ހިންގި ހަރަކާތުން 2.4 މިލިއަން ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފައިވޭ
- ޣާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ރައްކާކުރާނެ ހަމާއި ކަރަންޓް ފޯރުކޮށްދިނުމަށް ޖަނަރޭޓަރ ފަދަތަކެތި ފޯރުކޮށްދިނުމަށްވެސް ހަރަކާތްތަކެއް ހިންގާފަވޭ
މިކެމްޕެއިންއާއި ގުޅޭގޮތުން އައިއޭސީގެ މީޑިއާ ހެޑް އާދަމް ނާއިފް ވިދާޅުވީ މިކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިއަހަރުގެ ޑިސެމްބަރމަހުގެ ނިޔަލަށް ކަމަށާއި މިކެމްޕެއިންގެ ދަށުން ދެހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއް ހަރަކާތެއްގެ ގޮތުން މަސްދަޅު އެހީގެ ގޮތުގައި ފޮނުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި ޓެންޓާއި ބޭސް ހިމެނޭ ގޮތަށް އީހާހާގެ ފަރާތުން ޕެކޭޖްތަކެއް ތަޢާރަފް ކޮށްދީފައިވާ ކަމަށާއި އޭގެ ތަފްސީލްތައް ކުރިއަށް އޮތްތަނުގައި އައިއޭސީގެ ފަރާތުން ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި މިޕެކޭޖްތަކާއި މަސްދަޅު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އައިއޭސީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ.
ފައިސާ ޖަމާކުރާނީ
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ
އެކައުންޓް ނަންބަރ(ރުފިޔާ): 7770000014818
އެކައުންޓް ނަންބަރ(ޑޮލަރ): 7770000014817
ކޮމެންޓް (0)
ލޯޑް ކުރަމުން...