ޔޯގާއާއި ގުޅޭގޮތުން ދެއްކެވި ވާހަކައަކާއި ގުޅިގެން ރާއްޖޭގައި ހުންނަ އަވަށްޓެރި ޤައުމެއްގެ ކަލްޗަރަލް ސެންޓަރަކުން ތަހްޤީގެއް ހިންގުމަށް މަސައްކަތްކުރި ކަމަށް ޝައިޚް ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޝައިޚް ވިދާޅުވެފައިވަނީ ޔޯގާގެ ނަމުގައި ތަފާތު ކަސްރަތުތައް އާއްމުވެފައިވީ ނަމަވެސް ޔޯގާގެ އަސްލަކީ ހިންދޫ ދީނުގެ އަޤީދާއާއި އަޅުކަމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތްތަކެއް ކަމާމެދު ޝައްކެއް ނެތްކަމަށާއި މިފަދަ ޣައިރު ދީނުގެ ކަންކަމުގައި ބައިވެރިވުން މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމަށެވެ. އަދި މިފަދަ ފަތުރާ އާއްމުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގައި ދެވިގެން ނުވާނެ ކަމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ.
ޝައިޚް ސަމީރު ވިދާޅުވީ މިގޮތަށް މިވާހަކަ ދެއްކުމުގެ ސަބަބުން ރާއްޖޭގައި ހުންނަ އަވަށްޓެރި ޤައުމެއްގެ ކަލްޗަރަލް ސެންޓަރަކުން ޖަމިއްޔަތުއް ސަލަފްގެ އޮފީހަށް ގުޅައި ޝައިޚް ހޯދުމަށްފަހު ތަހްޤީގެއް ހިންގުމަށްވަނީ މަސައްކަތް ކޮށްފައި ކަމަށެވެ.
އެގޮތުން ޝައިޚް ސަމީރު ވިދާޅުވީ އެކަމަކީ ޝައިޚްއަށް ބިރުދެއްކުމުގެ ގޮތުން ހިންގި ޢަމަލެއް ކަމުގައި ސިފަކުރާ ކަމަށާއި އެކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމް ދީނުގެ ހުކުމެއް ނުބައިކޮށް ބަޔާންކޮށްފިނަމަ އެކަމެއް ތަހްޤީގު ކުރާނީ ބޭރު ޤައުމުތަކުގެ ކަލްޗަރަލް ސެންޓަރުތަކުން ނޫންކަމަށާއި އެކަމެއް ތަހްޤީގް ކުރާނީ މިޤައުމުގެ އިސްލާމިކް މިނިސްޓްރީއިން ކަމުގައިވެސް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައިވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ޔޯގާ ދުވަސް މާލޭގައި ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުު ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން އިއްޔެވަނީ ސޯޝަލް ސެންޓަރުގައި ޔޯގާގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

















ޚިޔާލު