ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަކީ އެކަމުގެ ސަބަބުން ގިނަ ކަންކަމެއް ދެޤައުމަށްވެސް ހާޞިލް ކުރެވޭނެ ގުޅުމެއް ކަމަށް މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗާރ އޮގަނައިޒޭޝަން (އެމްސީޓީސީއޯ) ގެ ނައިބް ރައީސް މިދުއަމް ސައުދު ވިދާޅުވެއްޖެއެވެ.
މިދުއަމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު އުފެދެމުން އަންނަ ގުޅުމާއި ގުޅޭ ގޮތުން ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން މިބަސްދީގަތުމުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން ފާއިތުވި އަހަރު ތަކުގެ ތެރޭގައި ބަދަހި ވެފައިވާކަން ފާހަގަކުރައްވާ މިދުއަމް ވިދާޅުވެފައިވަނީ މިގުޅުމުގެ ސަބަބުން ތަރައްޤީގެ މަސައްކަތުގައި ދެޤައުމުގެ ޝާމިލްވުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޗައިނާގެ ރޯޑް އެންޑް ބެލްޓް އިނީޝިއޭޓިވްގައި ރާއްޖެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނައިރު އޭޝިއަން އިންފުރަސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގައި ރާއްޖެއިން ބައިވެރިވެރިވަމުން އަންނަކަން މިދުއަމް ފާހގަކުރެއްވިއެވެ.
މިދުއަމް ވިދާޅުވީ ރާއްޖެއާއި ޗައިނާ ގުޅުމުގެ ނަތީޖާ ވަރަށް ފޮނިކަމަށާއި އެކަމުގެ ރަނގަޅު އަސަރުތައް ދިވެހިންނަށް ކުރަންފަށާފައިވާ ކަމަށެވެ.
"މިހާރަށް ބަލާނަމަ ޗައިނާގެ ރޯޑް އެންޑް ބެލްޓް އިނީޝިއޭޓިވްގެ ދަށުން ބުރިޖް ނިމެނީ، ޗައިނާގެ މަލީ އެހީތެރިކަމާއެކު ހުޅުމާލޭގައި ސޯޝަލް ހައުސިންގ ޕްރޮޖެކްޓްތައް އެދަނީ ކުރިއަށް، މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ 300 އަށްވުރެ ގިނަ ސިވިލް ސަރވެންޓުން ޗައިނާއަށް ޕްރޮފެޝަނަލް ޓްރެއިނިންގ އަށް ގޮސްފައިވޭ" މިދުއަމް ވިދާޅުވިއެވެ.
ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އިޝާރާތް ކުރައްވާ މިދުއަމް ވިދާޅުވީ ޗައިނާ އަތުން ލޯން ނަގަނީ އެ ގައުމުގެ އެ ކެޕޭސިޓީ ހުރުމުން ކަމަށާއި މިއީ ދިވެހި ސަރުކާރުން އެކަނި ކުރަމުން އަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ އިޤްތިޞާދުގައި ބާރާއި ނުފޫޒު ފާހަގަކުރައްވާ މިދުއަމް ވިދާޅުވީ އެހެން ޤައުމުތަކުގެ މާލީ އިދާރާތަކަށްވުރެ ޗައިނާއިން ދޭ ލޯނުގެ ޝަރުތުތައް ރަނގަޅުކަމަށެވެ. އަދި އެކަމުގެ ސަބަބުން ލޯނު ނެގުމަށް ގިނ ޤައުމުތަކަކުން ޗައިނާ ޚިޔާރު ކުރަމުންދާކަންވެސް މިދުއަމް ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...