ރާއްޖޭގެ ޚަބަރު

ފައިދާހުރި ކާނާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ރިނބުދޫ ކައުންސިލުން ފަށައިފި

ދުޅަހެޔޮ ސިއްޚަތަކަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ދ. ރިނބުދޫ ކައުންސިލުން ފަށައިފިއެވެ.

"އީޓް ރައިޓް ރިނބުދޫ" ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި މިޕްރޮގްރާމް ފައްޓަވައިދެއްވީ އެމްއެންޑީއެފްގެ ސެންޓްރަލް ޒޯންގެ ކޮމާންޑަރ މުހައްމަދު އިބްރާހިމްއެވެ.

މިޕްރޮގްރާމާއި ގުޅެގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ރިނބުދޫ ކައުންސިލްގެ ރައީސް ޙާތިމް އިބްރާހިމް ވިދާޅުވީ "އީޓް ރައިޓް ރިނބުދޫ" ޕްރޮގްރާމަކީ ރިނބުދޫގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޚަތެއްގައި ތިބުމަށް ފައިދާހުރި ކާނާއަށް ހޭލުންތެރިވެ ފައިދާހުރި ކާނާ ބޭނުންކުރާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

"ރިނބުދޫއަކީ ތަޞައްވުރެއް އޮތް ރަށެއް. ރިނބުދޫއަކީ ދުޅަހެޔޮ ސިއްޚަތެއް ލިބިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ މުޖުތަމައުއަކަށް ހެދުމުގެ ދަތުރުގައި އެންމެ ފުރަތަމަ ކަމަކީ ފައިދާހުރި ކާނާއާމެދު ރައްޔިތުން ހޭލުންތެރިވުން. އެމަސައްކަތް އަޅުގަނޑުމެން މިފަށަނީ ތުއްތުކުދިންނާއި ހިސާބުން. " ހާތިމް ވިދާޅުވިއެވެ.

މިޕްރޮގްރާމް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޙާތިމް ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން ސްކޫލަށްދާ ކޮންމެ ކުއްޖަކަށް ސްކޫލަށް ދިއުމުގެ ކުރިން ހެނދުނުގެ ނާސްތާއަށް ކިރުތައްޓަކާއި ދޮންކެޔޮވަކެއްގެ އިތުރުން ކުކުޅު ބިހެއް ކެއުމަށް ލިބޭނެކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްވެސް ފެށުމާއެކު އެހަފްތާއެއްގެ ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ ތަކެތި ކައުންސިލްގެ ފަރާތުން ކޮންމެ ކުއްޖަކަށްވެސް ހަވާލު ކުރާނެ ކަމަށް ޙާތިމް ވިދާޅުވިއެވެ.

މިޕްރޮގްރާމް ފެށުމުގެކުރިން މިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުޑަކުދިންގެ ޑޮކްޓަރ ފައިސަލް ރިނބުދޫއަށް ގެނެސް ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި މިޕްރޮގްރާމް ފެށުމުގެ ކުރިން ރަށުގެ ސިއްޚި މަރުކަޒުން ހުރިހާ ކުދިންގެ ބަރުދަން ބަލާފައިވާ ކަމަށާއި ކޮންމެ ތިން މަހަކުން ކުދިންގެ ބަރުދަނަށް އަންނަ ބަދަލުތައް ސިއްޚީ މަރުކަޒުގެ ފަރާތުން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް ޙާތިމް ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ އަހަރު ނިމުމާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ރަށު ސްކޫލްގެ ފަރާތުން ދަރިވަރުން ހެނދުނުގެ ނާސްތާއަށް ހަވާލުކުރާ ތަކެތި ބޭނުންކުރޭ ތޯއާއި މިމުއްދަތުގައި އެކުދިންނަށް ބަދަލެއް އަންނަ ނަމަ އެކަމެއްވެސް މޮނިޓަރ ކުރަމުން ދާނެކަމަށް ޙާތިމް ވިދާޅުވިއެވެ.

ރިނބުދޫގައި މިޕްރޮގްރާމް ހިންގުމަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ވޮށްމުލި ރިސޯޓުގެ މެނޭޖްމަންޓުގެ ފަރާތުންނެވެ. އެގޮތުން މިޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެރިސޯޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ފާރިސް ބައިވެރިވެ ވަޑައިގެން ކުދިންނާއި ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ ތަކެތި ހަވާލުކޮށްދީފައިވެއެވެ.

ޙާތިމް ވިދާޅުވީ މިފަދަ ކަންކަމުގައި ވޮށްމުލި ރިސޯޓުން ދެމުން ގެންދާ އެއްބާރުލުމަށް އެރިސޯޓުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި މިފަދަ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް އޮތްތާނގައި ކުރިއަށް ގެންދިޔުމަށް ރިނބުދޫ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *