1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާ މިމަހުގެ 15 ވާ އަންގާރަ ދުވަހުގެރޭ އޮންނާނެއެވެ.
ހަނދު ސާބިތުކުރުމާއި ގުޅޭގޮތުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް މިއިއުލާނުގައި ބުނެފައިވެއެވެ.
ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޝައުބާން މަހުގެ 29 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެއެވެ.
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ޚަރަދު ދޭނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިއުލާނުގައި ބުނެފައި ވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ އެއްވަނަ ދުވަހަކީ މެއި 16 ވާ ބުދަ ދުވަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...