އަލް ހިޖްރައިން ކުރިއަށްގެންދާ ސެޓް ޔުއަރ ގޯލްގެ މިހަފްތާގެ އިވެންޓް ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލް ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޓް ޔުއަރ ގޯލްގެ އިވެންޓް ކުރިއަށް ގެންދާނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ކަމަށާއި ހުކުރުވަހުގެ އިވެންޓްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ.
ހާމިދު ވިދާޅުވީ ހުކުރުދުވަހުގެ ހަވީރު 4 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ހަރަކާތް އޮންނާނީ ހުޅުމާލޭ ސެންޓަރަލް ޕާކްގެ އައުޓް ޑޯރ ޖިމް ތައްޔާރުކޮށްފައިވާ ސަރަހައްދުގައި ކަމަށެވެ.
ހުކުރުދުވަހުގެ އިވެންޓްގައި ކުޑަކުދިންނަށް ބައިވެރިވެ ތަފާތު އިނާމްތައް ހޯދުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ދާނެއެވެ. އެގޮތުން ޤުރުއާން، މަދަހަ އަދި ވާހަކަ ކިޔުންފަދަ ހުނަރުތައް ދައްކާލާ ކުދިންނަށް އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހިޖްރަގެ ފަރާތުން މައުލޫމާތު ދެއެވެ.
ހުކުރުދުވަހުގެ އިވެންޓްގައިވެސް ޝައިޚުންނާއި ސުވާލުކުރުމުގެ ފުރުޞަތު ބޮޑެތި މީހުންނަށްވެސް އޮންނާނެކަމަށާއި ނަމަވެސް ސްމާޓް ފޯނަށް ތަފާތު އެޕްލިކޭޝަންތައް އަޅައިދިނުމުގެ ކަންކަން އެދުވަހު ކުރިއަށް ނުދާނެކަމަށް ހާމިދު ފާހަގަކުރެއްވިއެވެ.
ހުކުރުދުވަހުގެ އިވެންޓަކީ ހިޖްރަގެ ފަރާތުން މިރަމަޟާންމަހު ބާއްވާ ސެޓް ޔުއަރ ގޯލްގެ ތިންވަނަ އިވެންޓެވެ. ސެޓް ޔުއަރ ގޯލްގެ އިވެންޓަކީ ހިޖްރަގެ ފަރާތުން 1435 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...